ިއިނގިރޭސި ޝާހީ އާއިލާގެ އެންމެ މަގުބޫލު އެއް ޝަހުސިއްޔަތު ކަމަށްވާ ޕްރިންސަސް ޑައާނާ ބޭނުން ކުރެއްވެވި ކާރުކޮޅެއް ނީލަމުގައި 850،000 އެމެރިކާ ޑޮލަރަށް ވިއްކާލައިފި އެވެ.

1985 ފޯޑް އެސްކޯޓް މޮޑެލްގެ އެކާރު ވިކިފައިވަނީ 857،712 އެމެރިކާ ޑޮލަރަށެވެ. މި އަގުގެ ތެރޭގައި ކާރު ގަތް ފަރާތުގެ 12 ޕަސެންޓް ޕްރިމިއަމް ވެސް ހިމެނޭ ކަމަށް ނީލަން ރޭވި ފަރާތުން ބުނެ އެވެ.

މި ކާރަކީ މެދުފަންތީގެ މީހުންނަށް އަމާޒުކޮށް އުފައްދާފައިވާ ކާރަކަށްވާއިރު އޭރުގެ ޝާހީ އާއިލާގެ މެމްބަރުންނާ ޚިލާފަށް ޑައާނާ ބޭނުންފުޅުވީ މިކާރުކޮޅުގައި އުޅުއްވުމަށެވެ. އޭރުގެ އެހެން ޝާހީ ބޭފުޅުން އާއްމުކޮށް ބޭނުން ކުރެއްވީ ބެންޓްލީއާއި އެސްޓޮން މާޓިން މޮޑެލްގެ ކާރުތަކެވެ.

ޑައާނާ މިކާރުކޮޅު ބޭނުން ކުރައްވަން ފެއްޓެވުމާއެކު އޭރުގެ ބާޒާރުގައި އެ ކާރުތަކުގެ އަގު ވެސް އުފުލިގެން ދިޔަ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މިއީ އެސްކޯޯޯޓް މޮޑެލްގެ ކާރުތަކުގެ ތާރީހުގައި ވެސް މިހާ ބޮޑު އަދަދަކަށް ކާރެއް ވިކުނު ފުރަތަމަ ފަހަރެވެ. މީގެ ކުރިން މި މޮޑެލްގެ ކާރެއް ނީލަމުގައި ވިކިފައިވާ އެންމެ ބޮޑު އަގަކީ 73،900 އެމެރިކާ ޑޮލަރެވެ.

ބާޒާރުގައި ފޯޑް އެކްސްކޯޓް ޓާބޯގެ އަގަކީ ގާތްގަނޑަކަށް 10،000 އެމެރިކާ ޑޮލަރެވެ. އެހެން ކަމުން މިކާރު ވިކިފައިވަނީ ބާޒާރުގެ އަގަށްވުރެ 8 ގުނަ ބޮޑު އަގަކަށެވެ.

އިނގިރޭސި ޝާހީ އާއިލާގެ ކާރުކޮޅުތައް ނީލަން ކިޔުމަކީ އާއްމު ކަމެއް ނަމަވެސް ފޯޑް އެކްސްކޯޓް ފަދަ ކުރީގެ މޮޑެލްތައް ނީލަން ކިޔަނީ ވަރަށް މަދުންނެވެ.