ފުވައްމުލަކުގެ ފެނާއި ނަރުދަމާގެ ހޮޅިތަކުން ލީކުވާތީ މަގުތަކުގައި ތާރު އަޅަން ފެށުން މަޑުޖެހިއްޖެ އެވެ.

ފުވައްމުލަކުގައި 31 މަގެއް ތާރު އަޅައިގެން ރަނގަޅު ފެންވަރަކަށް ހަދައި، މަގު ބައްތި ޖަހާ ނިންމަން ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާ އެވެ.

އެ ރަށު ދަޑިމަގު އަވަށު މީހަކު މިއަދު ބުނީ މިދިޔަ ޖުލައި މަހުގެ ފަހުކޮޅު އެ ރަށުގެ ބައެއް މަގުތަކުގައި އޭބީސީ ލޭޔަރު އަޅާފައިވާ ކަމަށެވެ. އަދި މިމަހުގެ ކުރީކޮޅު މަގުތަކުގައި ތާރު އަޅަން ޕްލޭންކުރި ނަމަވެސް އެ މަސައްކަތް ނުފެށި ދިގުލައިގެން ގޮސް ރައްޔިތުން ބޮޑެތި ތަކުލީފުތަކެއް އުފުލަން ޖެހިފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

"ތާރު އަޅަން ތައްޔާރުކޮށްފައިވާ ސަރަހައްދު ބަންދުކޮށްފައިވާތާ މިހާރު މަހަކަށް ވުރެ ގިނަ ދުވަސްވީ. އަދިވެސް ނޭނގެ ތާރު އަޅަން ފަށަނީ ކޮން ދުވަހަކު ކަމެއް،" އެ މީހާ ބުންޏެވެ.

ފުވައްމުލަކު ފިނިވާމަގުގައި ތާރު އަޅަން އޭބީސީ ލޭޔަރު އަޅާ ނިންމާފައި. ފޮޓޯ: އެމްޓީސީސީ

މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ނުފެށި ލަސްވަނީ އެ ރަށުގެ ފެނާއި ނަރުދަމާގެ ހޮޅިތައް އެޅިއިރު، ފަރުވާކުޑަކޮށް މަސައްކަތްކުރުމުން ފެނާއި ނަޖިސް ލީކުވެ، ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވާތީ ކަމަށް އެނގިފައިވެ އެވެ. އަދި ތާރު އެޅުމުގެ ކުރިން އެ މައްސަލަ ހައްލުކުރަން ޖެހޭކަން މަގު ހެދުމުގެ މަސައްކަތްކުރާ އެމްޓީސީސީ އަށާއި ފެނުގެ ހިދުމަތްދޭ ފެނަކަ ކޯޕަރޭޝަނަށް އެނގުނީ ތާރު އަޅަން ފަށަން ޖެހުމުންނެވެ.

މަގުގެ މަސައްކަތް ލަސްވެ، ރައްޔިތުން ޝަކުވާކުރަން ފެށުމުން އެ މައްސަލަ ހައްލުކުރުމުގެ ގޮތުން ފެނަކައިން މިހާރު ވަނީ މާލެ ޓީމެއް އެ ރަށަށް ފޮނުވައިފަ އެވެ. އެ ޓީމު ފުވައްމުލަކަށް ގޮސް ލީކް ޓެސްޓް ކުރާނެ މެޝިނެއް ބޭނުންކޮށްގެން ލީކްވާ ތަންތަން ހޯދުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ.

ފުވައްމުލަކުން ވާހަކަދެއްކި މީހަކު ބުނީ ފެން ލީކުވުމުގެ މައްސަލަ މިއަދާ ހަމައަށް އައިިއިރު ވެސް ހައްލު ނުކުރެވި، ދުވާލެއްގެ މައްޗަށް 40 ޓަނުގެ ފެން ރަށުގެ އެކި ސަރަހައްދުތަކުން ލީކުވަމުންދާ ކަމަށެވެ.

ފުވައްމުލަކު ފިނިވާމަގުގައި ތާރު އަޅަން ތައްޔާރުކޮށްފައިވާ ސަރަހައްދުގެ ހޮޅިއަކުން ފެން ލީކުވާތީ އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތްކުރަނީ.

"މި މައްސަލައަކީ އެތައް އަހަރެއްވީ މައްސަލައެއް. ނަމަވެސް މިކަން ހައްލުކުރަން ޖެހޭކަން އެނގުނީ މަގުތަކުގައި ތާރު އަޅަން ފަށަން ޖެހުމުން، މި ފެންނަނީ ފަރުވާ ކުޑަކަމުގެ އިންތިހާ،" އެ ރަށުން ވާހަކަދެއްކި މީހަކު ބުންޏެވެ.

ތާރު އެޅުމުގެ މަޝްރޫއު ހުއްޓިފައިވާއިރު، އެކަމުގެ ޒިންމާ ނަގަންޖެހެނީ ފުވައްމުލައް ފެނަކައިން ކަމަށް ކަނޑައަޅައި، މައި ކުންފުނިން ވަނީ ފުވައްމުލަކު ފެނަކަ ހިންގެވުމާ ހަވާލުވެ ހުންނެވި ހުސެއިން ޝާފީ އިބްރާހީމް އާއި ފެނުގެ ކަންކަން ބަލަހައްޓަވާ އިސް މެނޭޖަރު އިބްރާހީމް އަބްދުއްﷲ ސަސްޕެންޑު ކޮށްފަ އެވެ. އަދި ތިން ހަފްތާގެ ތެރޭގައި މައްސަލަ ހައްލުކޮށް ތާރު އެޅުމަށް މަގުފަހިކޮށްދެވޭނެ ކަމަށް ފެނަކައިން ވަނީ ބުނެފަ އެވެ.

ޝާފީ އާއި އިބްރާހީމް ސަސްޕެންޑު ކުރީ ފެނުގެ ނިޒާމުން ބިމަށް ފެން ހިނދޭކަމުގެ ކަންބޮޑުވުން ފުވައްމުލަކު ސިޓީ ކައުންސިލާ ހިއްސާ ކުރި ފަހުން އިއްޔެ ރޭގެ ވަގުތެއްގަ އެވެ.