އެމެރިކާގެ މަޝްހޫރު ކަންޓްރީ މިއުޒިކް ތަރި އަދި ލަވަކިޔުންތެރިޔާ ޑޮލީ ޕާޓަން މުނިފޫހި ފިލުވުމުގެ ދާއިރާއަށް ކޮށްދިން ހިދުމަތްތަކުގެ އަގު ވަޒަންކު ރުމުގެ ގޮތުން، ސެޕްޓެމްބަރު 25 ވަނަ ދުވަހަކީ "ޑޮލީ ޕާޓަން ޑޭ" ނުވަތަ އޭނާއަށް ހާއްސަ ދުވަހެއްގެ ގޮތުގައި ފާހަގަ ކުރުމަށް އެމެރިކާގައި ނިންމައިފި އެވެ.

މި ދުވަސް ހާއްސަ ކުރެވިގެންދަނީ މިއުޒިކީ ދާއިރާއަށް އޭނާ ކޮށްދީފައިވާ ބޮޑެތި ހިދުމަތްތަކާއި، އިންސާނިއްޔަތަށްޓަކައި ކޮށްދީފައިވާ ގިނަގުނަ މަސައްކަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުންނެވެ.

ކެލިފޯނިއާ އަދި ނިއު އޯލާއަންސް ފަދަ އެމެރިކާގެ އެކި ސިޓީތަކާއި ސްޓޭޓްތަކުން މިހާރު ވަނީ ސެޕްޓެމްބަރު 25 އަކީ ރަސްމީކޮށް ޑޮލީ ޕާޓަންއަށް ހާއްސަ ދުވަހެއްގެ ގޮތުގައި ކަނޑައަޅާފަ އެވެ.

މި ދުވަހާ ގުޅުވައިގެން އެމެރިކާގެ އެކި ކަންކޮޅުތަކުގައި ހާއްސަ ހަރަކާތްތަކާއި، ޕެރޭޑްތައް އަދި މިއުޒިކީ ޝޯތައް ބޭއްވުމަށް ވަނީ ރޭވިފަ އެވެ.

މިއުޒިކީ ދާއިރާގެ އިތުރުން ޑޮލީ ޕާޓަންއަކީ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ވަރަށް ފާހަގަ ކޮށްލެވޭ ޝަހްސިއްޔަތެކެވެ.

ހާއްސަކޮށް ކުޑަކުދިންގެ މެދުގައި ފޮތްކިޔުމުގެ އާދަ އަށަގެންނެވުމަށް އޭނާ އުފައްދާފައިވާ "އިމޭޖިނޭޝަން ލައިބްރަރީ" ޕްރޮގްރާމުގެ ދަށުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ މިލިއަނަކަށްވުރެ ގިނަ ކުދިންނަށް ވަނީ ހިލޭ ފޮތް ފޯރުކޮށްދީފަ އެވެ.

މި ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވޭ އެކި ހަރަކާތްތަކުން ލިބޭ ފައިސާގެ ބޮޑު ބައެއް ވެސް އޭނާގެ އިމޭޖިނޭޝަން ލައިބްރަރީ ފަންޑަށް ހަދިޔާކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މިއީ އޭނާގެ އިޖުތިމާއީ ހިދުމަތްތައް އިތުރަށް ފުޅާ ކުރުމަށް ލިބިގެންދާނެ ބޮޑު ބާރެކެވެ.

ޑޮލީ ޕާޓަންގެ ފޭނުންނާއި މިއުޒިކީ ދާއިރާގެ ގިނަ ބަޔަކު ދެކޭގޮތުގައި މިއީ އޭނާ ފަދަ އާދާޔާ ޚިލާފު ހުނަރުވެރި، އަދި ދީލަތި އާޓިސްޓަކަށް ހައްގުވާ ވަރަށް ބޮޑު ޝަރަފެކެވެ.