ގިނަ ބަޔަކާ އެކު އެއްޖިންސުން ގުޅުން ހިންގި ބަންގްލަދެޝްގެ އެމްޑީ އަލަމްރީރްގެ ޝަރީއަތް މާދަމާ ފަށަން ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފި އެވެ.

ކްރިމިނަލް ކޯޓުގައި އެ ޝަރީއަތް ތާވަލްކޮށްފައި ވަނީ މާދަމާ ހަވީރު 4:00 އަށެވެ. އޭނާގެ މައްޗަށް ވަނީ އެއް ޖިންސުން ގުޅުން ހިންގުމުގެ ތިން ދައުވާއެއް ތާވަލްކޮށްފަ އެވެ.

އޭނާގެ އިތުރުން އެ މައްސަލައިގައި ދައުވާކޮށްފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ އަހްމަދު ނާޒިމް އަބްދުއްސައްތާރާއި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) އާއި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގައި މަސައްކަތް ކުރި އަބްދުއްރަހްމާން ރަފީއުގެ މައްޗަށެވެ.

އަލަމްގީރް ފިޔަވައި އެ މައްސަލާގައި ދެން ހައްޔަރުކުރި އެންމެން މިހާރު ވަނީ ބަންދުން ދޫކޮށްލައިފަ އެވެ.

އެ މައްސަލާގައި ތުހުމަތު ކުރެވޭ މީހުންގެ ތެރޭގައި ދައުލަތުގެ އެކި އޮފީސްތަކުގައި މަސައްކަތް ކުރާ މީހުންނާއި ބައެއް ޓީޗަރުން ވެސް ހިމެނެ އެވެ. ފުލުހުންނަށް ވީޑިއޯ ލިބިފައިވާ މީހުންގެ ތަހުގީގު ކުރަމުން އަންނަ ކަމަށް އެ އިދާރާ އިން ވަނީ ބުނެފަ އެވެ.