ލޯބީގެ ގޮތުން ނުވަތަ ރައްޓެހިގެން އުޅެން ބޭނުންވާ މީހަކީ، ބުރު ސޫރަ ރީތި މީހަކަށް ވުން ކޮންމެހެން މުހިންމެއް ނޫން ކަމަށް ބޮލީވުޑްގެ ކުރިއަރަމުން އަންނަ އެކްޓަރެސް ސާރާ އަލީ ޚާން ބުނެފި އެވެ.
ސަރާ މިފަދައިން ބުނީ، މަޝްހޫރު ތަރި ކަރީނާ ކަޕޫރު ހޯސްޓު ކުރާ ޝޯއެއް ކަމުގައިވާ 'ވަޓް ވުމަން ވޯންޓް' ގައި ކަރީނާ ކުރި ސުވާލަކަށް ޖަވާބުދެމުންނެވެ.
އެގޮތުން ކަރީނާ ވަނީ ލޯބީގެ ގޮތުން ގުޅެން ބޭނުންވާ ބައިވެރިއެއްގެ ގައިގައި ހުންނަން ބޭނުންވަނީ ކޮން ސިފަތަކެއްތޯ ސާރާގެ ގާތުގައި އަހާފަ އެވެ. އެސުވާލަށް ޖަވާބުދެމުން ސާރާ ބުނީ އޭނާއަށް ކަމުދަނީ ތެދުވެރި މީހެއް ކަމުގަ އެވެ. ނަމަވެސް ކަރީނާ ވަނީ ސާރާއަށް ރީތި މީހުން ލޯބިވެރިއެއްގެ ގޮތުގައި ގުޅެން ބޭނުން ނުވޭތޯ އަހާފަ އެވެ.
ރައްދުގައި ސާރާ ބުނީ އޭނާއަށް މީހަކު ހުންނަ ގޮތަކީ މާ މުހިންމު އެއްޗެއް ނޫން ކަމަށެވެ. އަދި ކޮންމެ މީހަކު ކޮންމެ ގޮތަކަށް ހުއްޓަސް ސާރާއަށް ވަރިހަމަ ކަމަށާއި، މުހިންމީ އެމީހެއްގެ ކިބައިގައި ރިވެތި އަހުލާގު ހުރުން ކަމުގައި ސާރާ ބުނެފައިވެ އެވެ. ސާރާ އިތުރަށް ބުނީ އެމީހަކީ ހެއްވާ މަޖާ މިޒާޖެއްގެ ވެރިއަކަށް ވުމަކީ އޭނާ ވަރަށް އެދޭ ކަމެއް ކަމަށެވެ.
ބައެއް ޝޯތަކުގައި މިހާތަނަށް ސާރާއަށް ކަމުދިޔަ މީހުންގެ ގޮތުގައި ސާރާ ބުނެފައިވަނީ ކާތިކް އާރްޔަން އާއި ކުރިއަރަމުން އަންނަ ތަރި ވިޖޭ ދެވަރަކޮންޑަ އެވެ. އެދެތަރިންނަކީވެސް ބުރު ސޫރަ ރީތި އެކްޓަރުންގެ ގޮތުގައި އާންމުންނާއި ތަރިންވެސް ސިފަކޮށްފައިވެ އެވެ.