އިނގިރޭސިވިލާތުގެ ވަލީއަހުދު ޕްރިންސް ޗާލްސްގެ ކުރީގެ އަނބިކަނބަލުން ޕްރިންސަސް އޮފް ވޭލްސް ޑަޔާނާ ފްރާންސްގެ ޕެރިހުގެ ބިމު އަޑީގެ މަގަކުން ދަތުރުކުރައްވަނިކޮށް ހިނގި ކާރު އެކްސިޑެންޓްގައި އަވަހާރަވި ހަބަރު އިއުލާންކުރުމުން ދުނިޔޭގެ އެތައް މިލިއަން ބައެއްގެ ލޮލުން ކަރުނަ ހިލިގެންދިޔަ އެވެ.
މީގެ 25 އަހަރު ކުރިން، އޮގަސްޓް 31، 1997 ގައި ހިނގި ނުރައްކާތެރި އެ އެކްސިޑެންޓްގައި ޑަޔާނާގެ އިތުރުން އޭނާގެ ލޯބިވެރިޔާ މިސްރުގެ ޑޯޑީ އަލް. ފައިދު އަދި ޑްރައިވަރު ހެންރީ ޕޯލް ވެސް މަރުވި އެވެ.
ޕެރިހުގެ ޕޮންޓެ ޑިއަލްމާ ޓަނަލްގައި ހިނގި އެ އެކްސިޑެންޓްގައި ޑަޔާނާ މަރުވި ހަބަރު މުޅި ދުނިޔެއަށް ފެތުރިގެން ދިޔައީ ވަރަށް ހަލުއިކަމާއެކު އެވެ. މިހާރު މަޝްހޫރުވެފައިވާ ސޯޝަލް މީޑިއާގެ އެކިއެކި ޕްލެޓް ނެތް ޒަމާނުގައި ޑަޔާނާގެ ހަބަރު ގިނަ ބަޔަކު ބެލީ ބޭރުގެ އެކިއެކި ޓީވީ ޗެނަލްތަކުންނެވެ. އެ ޖަނާޒާ ދުނިޔޭގެ އެކި ކަންކޮޅުތަކުން 2.5 ބިލިއަނަށް ވުރެ ގިނަ މީހުން ބެލި ކަމަށް ވެ އެވެ.
ލޯބި އަދި ކަރުނަ
އިނގިރޭސިވިލާތުގެ ވަލީ އަހުދު ޕްރިންސް ޗާލްސްގެ ކުރީގެ އަނބިކަނބަލުން، ޑަޔާނާގެ ޖަނާޒާ އިންގިރޭސިިވިލާތުގެ ލަންޑަނުގައި ބޭއްވި އިރު އެކަމަނާ ދިރިއުޅުއްވި ކެންސިންޓަން ޕެލަސްގެ ބޭރުގައި އެތައް މިލިއަން ބަޔަކު ލޮލުން ކަރުނަ އޮހޮރަ އޮހޮރާ ތިއްބެވެ. އެ ހަނދާންތައް އަދިވެސް ގިނަ މީހުންގެ ހިތުން ފިލައިގެން ނުދެ އެވެ.
އިނގިރޭސިވިލާތުގެ ނޫސްތަކުގައިވާ ގޮތުން ޑަޔާނާގެ ހަނދާންތައް ގިނަ ބައެއްގެ ހިތުގައި ވަނީ ބިންވަޅު ނެގިފަ އެވެ. އޭގެ ސަބަބުތައް ވެސް ވަރަށް ގިނަ އެވެ.
އިނގިރޭސިވިލާތުގެ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ޑަޔާނާއަކީ އިނގިރޭސި ޝާހީ އާއިލާގައި އޮންނަ "އަބުއި" ގޮތް ކަނޑުވާލަން މަސައްކަތް ކުރެއްވި ހިތްތިރި ރަނިކަނބަލެކެވެ. އޭގެ ސަބަބުން އެތައް މިލިއަން ބައެއްގެ ލޯބި ޑަޔާނާއަށް ލިބުނެވެ.
ޑަޔާނާގެ ހަނދާންތައް އާކުރަމުން އިގިރޭސިވިލާތުގެ ނޫސްތަކުގައި ބުނެފައި ވަނީ ޑަޔާނާގެ "ލެގަސީ" އަބަދުވެސް ދެމިއޮންނާނެ ކަމަށެވެ. އެ ހަނދާންތަކާ ދުރަށް ނުދެވޭނެ ސަބަބަކީ އެކަމަނާ ގެންގުޅުއްވި ހެދުން އެޅުމުގެ ރީތި ވައްޓަފާޅި އާއި ދިރިއުޅުމުގެ ސާދާ ކަމާއި ފަގީރު ނިކަމެތިންނާ މެދު ބެހެއްޓެވި އޯގާތެރިކަމަކީ ގިނަ ބައެއްގެ ލޯބި ލިބުނު ކަންކަމެވެ.
އިނގިރޭސިވިލާތުގެ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ޕްރިންސް ޗާލްސް އާއި ޑަޔާނާގެ ކައިވެނި ރޫޅުމުގެ މައިގަނޑު ސަބަބަކީ ވެސް ޝާހީ އާއިލާގައި ގެންގުޅޭ ބައެއް އުސޫލްތައް ޑަޔާނާ ގަބޫލުނުކުރެއްވުމާއި ޕްރިންސް ޗާލްސް ސިއްރުުން ކެމީލާ ޕާކާ ދެމެދު ބޭއްވި ލޯބީގެ ގުޅުން ފަޅާއެރުމެވެ.
"އިނގިރޭސި ޝާހީ އާއިލާއިން ގަބޫލެއް ނުކުރޭ ރާނީއަށް ވުރެ މަގުބޫލް މީހަކު އެ އާއިލާގެ ތެރޭގައި ހުރެގެންވާނެ ކަމަށް. ޑަޔާނާ ގެންގުޅުއްވި އުސޫލުތަކާއި އެކަމަނާގެ ހެނދުން އެޅުމުގެ ވައްޓަފާޅީގެ ސަބަބުން އިނގިރޭސި ނޫސްތަކުން އޭރު އެންމެ ބޮޑު ސަމާލުކަމެއް ލިބެމުންދިޔައީ ޑަޔާނާއަށް،" އިނގިރޭސިވިލާތުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި މީހަކު ބުނެފައިވެ އެވެ.
މަރުގެ ހަގީގަތް އަދިވެސް ނުހޯދޭ
ޑަޔާނާގެ މަރަށް މިއަދު 25 އަހަރު ފުރުނު އަދިވެސް އެ މަރުގެ އަސްލު ސަބަބެއް ނޭނގެ އެވެ. އެ ހާދިސާއާ ގުޅިގެން ފްރާންސްގެ ފުލުހުން 1،000 މީހަކާ ސުވާލުކުރިއިރު ވެސް އެ މަރުގެ ހަގީގަތެއް ނުހޯދެ އެވެ.
ބައެއް މީހުން ގަބޫލުކުރާ ގޮތުގައި ޑަޔާނާ މަރުވީ ޑްރައިވަރު މާގިނައިން ރާބޮއެގެން ހުރެ ކާރު ދުއްވުމުންނެވެ. ޑަޔާނާ އާއި އޭނާގެ ލޯބިވެރިޔާ މިސްރުގެ ޑޯޑީ ޕެރިހުގެ ރިޓްޒް ހޮޓަލުން ނުކުތް ވަގުތު ފަހަތުން ސައިކަލްތަކުގައި ދަތުރުކުރި ފޮޓޯގްރާފަރުންތަކެއްގެ ކިބައިން ސަލާމަތްވުމަށް ކާރު ދުއްވީ އާދަޔާ ހިލާފު ބާރު ސްޕީޑުގައި ކަމަށް ފުލުހުންގެ ތަހުގީގުތަކުން ދައްކަ އެވެ.
ޕެރިހުގެ ބިމު އަޑީގެ އެ ޓަނަލުން ބާރު ސްޕީޑްގައި ދިޔަ މާސިޑީޒް ބެންޒް ކާރު ތަނބެއްގައި ޖެހި ފުނޑުފުނޑުވިއިރު، އެ ކާރުގެ ފަހަތުން ހުދު ކުލައި ފިއަޓް އުނޯ ބްރޭންޑްގެ ކާރެއް ވެސް ދަތުރުކުރި ކަމަށް ފަހުގެ ތަހުގީގީ ހޯދުންތަކުން ދައްކަ އެވެ. ނަމަވެސް މިހާތަނަށް ވެސް އެއީ ކޮން ކާރެއް ކަމެއް ހޯދިފައެއް ނުވެ އެވެ.
"ޕްރިންސެސް ޑަޔާނާ މަރުވީ ދުނިޔެވީ އެކްސިޑެންޓެއްގައި ކަމަށް މުޅި ދުނިޔެ ވެސް ގަބޫލުކުރަން ދަތިވޭ،" އިނގިރޭސިވިލާތުގެ ޗެނަލް 4 އިން ގެނެސްދިން ޑޮކިއުމަންޓްރީއަކަށް ދެއްވި އިންޓަވިއުއެއްގައި ފްރާންސްގެ ކުރީގެ ޕޮލިސް ޗީފް މާޓިން މޮންޓިލް ވިދާޅުވި އެވެ. "ފިއަޓް ޔޫނޯއާ މެދު އަހަރެން މާޔޫސްވަނީ ރަނގަޅު ނިމުމެއް އަދިވެސް ނުހޯދޭތީ."
ޑަޔާނާގެ އިތުރުން ތިން މީހަކު ދަތުރުކުރި ކާރު އެކްސިޑެންޓްގައި ސަލާމަތްވީ އޭނާގެ ބޮޑީ ގާޑް ޓްރެވަރީ ޖޯންސް އެކަންޏެވެ. ނަމަވެސް އެ އެކްސިޑެންޓަށްފަހު އެ ހާދިސާގެ އެއްވެސް ކަމެއް އޭނާ ހަނދާން ހުރި ކަމަކަށް ނުވެ އެވެ. ނަމަވެސް ޑަޔާނާ މަރުވި ހާދިސާއަށް މިއަދު 25 އަހަރު ފުރުނުއިރު ވެސް ޑަޔާނާގެ ހަނދާންތައް ގިނަ ބައެއްގެ ހިތުގައި ބިންވަޅު ނެގިފައިވެ އެވެ.
ޑަޔާނާ ފަސްދާނުލުން
އިނގިރޭސިވިލާތުގެ ޝާހީ އާއިލާއިން ނިންމާފައި އޮތީ ޑަޔާނާ އަވަހާރަވުމުން އެކަމަނާގެ އާއިލާގެ މެމްބަރުން ގަބުރު ރައްކާކޮށްފައިވާ ގްރޭޓް ބްރިންޓަންގައި ހުންނަ ފައްޅިއެއްގެ ކޮށާރެއްގައި ކުނިނުވާ ގޮތަށް ރައްކާކޮށްފައި ބާއްވާ ގޮތަށެވެ. ނަމަވެސް އެ ނިންމުން ބަދަލުކުރެއްވީ އެކަމަނާގެ ބޭބޭފުޅު އާލް ޗާލްސް ސްޕެންސާ އެވެ. އޭނާ އެގޮތަށް ނިންމެވީ ޑަޔާނާގެ ދެ ދަރިކަލުން ޕްރިންސް ވިލިއަމް އާއި ޕްރިންސް ހެރީއަށް ބޭނުން ވަގުތަކު ޑަޔާނާގެ މަގުބަރާ ކައިރިއަށް ޒިޔާރަތްކުރެވޭނެ ގޮތް ހެދުމުގެ މަގުސަދުގަ އެވެ.
ޑަޔާނާ އަހަވާރަވިތާ ހަފުތާއެއްހާ ދުވަސް ފަހުން އެކަމަނާ ފަސްދާނުލާފައި ވަނީ ލަންޑަނުން ފުރައިގެން ދޮޅުގަޑިއެއްހާއިރު ދެވޭ ހިސާބުގައި އޮންނަ، ޑަޔާނާގެ އުފަން ސަހަރައްދު ނޮތްހަމްޓަންގެ އެކަމަނާގެ އާއިލީ ގެކޮޅު ހުންނަ އަލްތޯޕް އެސްޓޭޓްގެ ޕާކްގެ އޯވަލް ލޭކްގެ މެދުގައި އޮންނަ ފިނޮޅެއް ކަހަލަ ތަނެއްގަ އެވެ. ޑަޔާނާގެ މަގުބަރާ ކައިރިއަށް ނުދެވުނު ނަމަވެސް އެ ޕާކަށް އެތައް ހާސް ބަޔަކު ކޮންމެ އަހަރަކު ޒިޔާރަތްކުރެ އެވެ.
ޑަޔާނާ ފަސްދާނު ވެޑުވިއިރު ތުރުކުރައްވައިގެން އޮންނެވީ ކެތަރިން ވޯލްކާ ކިޔާ ޑިޒައިނަރެއްގެ އަތުން ގަތް ކަޅުކުލައިގެ އަތްދިގު ޕާޓީ ހެދުމެކެވެ. އެ ހެދުމަކީ އޭނާ އަވަހާރަވުމު ހަފުތާއެއްހާ ދުވަސްކުރިން ގަތް ހެދުމެއް ކަމަށްވެ އެވެ. އަދި މަދާ ޓެރޭސާ ދެއްވި މާބޮނޑިއެއް ވެސް އަތްޕުޅުގައި ބާއްވާފައިވެ އެވެ.
އަނގިރޭސި ޝާހީ ޢާއިލާއިން ހިންގި ޤަތުލެއް. އެމީހުންގެ ޝާނާއި ޝައުކަތު ނެގެހެއްޓމަށްޓަކައި ފާޅުގައި ކޮށްފައިވާ ކަމެއް. ޑަޔާނާގެ ހިތްހެޔޮކަމުގެ ސަބަބުން އޭނަޔަށް މީހުންގެތެރޭގައި އޮތް ލޯތްބެއްގެ ސަބަބުން ޝާހީޢާއިލާއަން އޮންނަ އިޙްތިރާމް ކުޑަވެދާނެކަމަށް ދެކިގެން ހިންގާފައިވާ ބޮޑު ޖަރީމާއެއް.