ދިހަ ސައިންސްވެރިން ހިމެނޭ ބައިނަލްއަޤްވާމީ ޓިމަކާއެކު ދިވެހިރާއްޖޭގެ ފުން ކަނޑުތައް ދިރާސާ ކުރަން ހަމަޖެހިފައިވާ ނެކްޓަން މިޝަންގައި ދިވެހި ދެ އަންހެނުން ބައިވެރިވުމުގެ ފުރުސަތު ލިބިއްޖެ އެވެ.

މި ދިރާސާ މިޝަންއާއި އެކު ދުނިޔެ ހޫނުވުމުން ލިބިދޭ ގެއްލުންތަކުން ދިވެހިރާއްޖެ ސަލާމަތް ކުރުމަށް ބޭނުންވާ މުހިންމު މަޢުލޫމާތު ހޯދިގެންދާނެ އެވެ. މި ދިރާސާ ކުރުމުގައި ހަރަކާތްތެރިވަނީ ހުސް އަންހެނުންގެ އެކުއަނޯޓުންގެ ޓީމެކެވެ.

މި މިޝަންގައި ބައިވެރިވާ ދިވެހިންގެ ޓިމް ލީޑް ކުރަން ހަމަޖެހިފައިވަނީ މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓްގެ ޑިރެކްޓަރ ޖެނެރަލް ޝާފިޔާ ނައީމެވެ. އޭނާއާއެކު ނެކްޓަން މޯލްޑިވްސްގެ ރިސާރޗް އެސިސްޓަންޓްއެއް ކަމުގައިވާ ފަރާހް އަމްޖަދު ވަނީ މި މިޝަންގެ ފުރުތަމަ ބައިވެރިންގެ ގޮތުގައި ހަމަޖެހިފަ އެވެ. ޝާފިޔާ އަދި ފަރާހް އާއިއެކު ފުރުތަމަ ޑިސެންޓްގައި ދެން ބައިވެރިވާނީ ސަބްމާރސިބަލްގެ ޕައިލަޓް ކިމްލީ ޑޯ އެވެ.

ނެކްޓަން މޯލްޑިވްސް މިޝަންއިން ބުނީ ސެޕްޓެންބަރު ހަތަރު ވަނަ ދުވަހު އްޖޭގެ ކަނޑުގެ ސަތަހައިން ފެށިގެން 1000 މީޓަރު އަޑިއަށް ކުރެވޭ މިފަދަ ފުރަތަމަ ސިސްޓަމެޓިކް ސާވޭ އެންޑް ސާމްޕްލިންގްގެ މަސައްކަތް ފަށާނެ އެވެ. އަދި ކަނޑުގެ 50 މީޓަރަށް ވުރެއް ފުނަށް ދިޔުމަކީ އާންމުކޮށް ކުރެވޭ ކަމަކަށް ނުވާތީ، ކުރިން ފެނިފައިނުވާ އެތައް ތަނެއް ފެނި އެތަކެއް އާ ތަޖުރިބާތަކެއް މި މިޝަންގެ ބައިވެރިންނަށް ކުރެވިގެންދާނެ ކަމަށް ނެކްޓަން މޯލްޑިވްސް މިޝަންއިން ބުންޏެވެ.

ރާއްޖޭގެ ކަނޑިގެ އަޑި ދިރާސާ ކުރުމަށް ބޭނުންކުރާ ވަސީލަތް

އެ މިޝަންއަކީ އިނގިރޭސިވިލާތުގެ މެރިން ރިސާރޗް އިންސްޓިޓިއުޓެއް ކަމުގައިވާ ނެކްޓަން އާއި ދިވެހި ސަރުކާރު ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ.

"މި ސަބްމާސިބަލް ޑައިވްތަކުގެ ބޭނުމަކީ ކަނޑުގައިވާ ދިރުންތަކާ ގުޅޭގޮތުން އިތުރަށް މަޢުލޫމާތު ހޯދުން. މި މައުލޫމާތުގެ އަލީގައި މިވެއްޓާއި އޭގައިވާ ދިރުންތައް ފުރިހަމަ ގޮތުގައި ޙިމާޔާތްކުރަން ކުރަން ޖެހޭ ކަންކަން ދެނެގަނެވޭނެ. އަޅުގަނޑުމެންގެ ކަނޑުތަކުގައި 40 ވައްތަރުގެ މިޔަރާއި 18 ވައްތަރުގެ މަޑި ފުޑްޗެއިންގެ އެންމެ މަތީގައި އެބައުޅޭ. މި މިޝަން އާއިއެކު ފުރުތަމަ ފަހަރަށް ފުނުގައި މި ދިރުންތައް އާލާވެފައިވާ މިންވަރު ދެނެގަނެވޭނެ. މިއީ ކަނޑުތަކުގެ ޙާލަތު ދެނެގަތުމަށް ހޯދިގެންދާނެ ވަރަށް މުހިންމު މައުލޫމާތެއް،" ކަނޑުގައިވާ ދިރުންތަކާ ބެހޭގޮތުން ދިރާސާކުރާ ޝާފިޔާ ނައީމް ވިދާޅުވި އެވެ.

ދިވެހިރާއްޖެއަކީ 99 އިންސައްތަ ކަނޑު އަދި 1 އިންސައްތަ ބިމުން އެކުލެވިފައިވާ، އަދި ކަނޑުގެ ލޮނުގަނޑުގެ އެންމެ 1.5 މީޓަރު އުހުގައިވާ ގައުމެކެވެ. އެހެންކަމުން ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ރާއްޖެއަށް ލިބޭ ގެއްލުން ބޮޑެވެ.

މީގެ 20،000 އަހަރު ކުރިން "ލާސްޓް ގްލޭޝިއަލް މެކްސިމަމް" ގައި ގަނޑުވެފައިވާ ފެން ވިރުމުގެ ކުރިން ހުރި ބީޗް ލައިންތައް ކަނޑުގެ 120 މީޓަރުގެ ފުނުން ފެންނާނެ ކަމަށް މި މިޝަންގެ ސައިންސްވެރިން ލަފާކުރެ އެވެ. މީގެ އިތުރުން ވެސް ކަނޑުގެ ލޮނުގަނޑު އުފުލުމާއެކު ދިރުންތަކަށް އަންނަ ބަދަލުތަކަށް އެތަކެތި ހޭނެމުންދާގޮތް ދިރާސާ ކުރުމަށް މި މިޝަންގެ ތެރެއިން ހަމަޖެހިފައިވެ އެވެ.

ރާއްޖޭގެ ކަނޑިގެ އަޑި ދިރާސާ ކުރުމަށް ބޭނުންކުރާ ވަސީލަތް

"ބޭރު ފެންނަ ގޮތަށް ހަދާފައިވާ ސަބްމާރސިބަލްގެ ޕްރެޝަރ ސްފިއާއިން ކަނޑުގެ ދިރުންތައް އޮބްޒާރވް ކުރަން ވަރަށް ފަސޭހަ ވާނެ. ފުރިހަމަ އޮބްޒަވޭޝަން ކުރެވުމަކީ ސައިންޓިފިކް ދިރާސާއެއްގެ އެންމެ މުހިންމު އަސާސް، މި މިޝަންގައި ބޭނުންކުރާ އެންމެ ފަހުގެ ސާމްޕްލިންގް ޓެކްނޮލޮޖީއެއް،" ފަރުތައް ރިހެބިލިޓޭޓްކުރުމާއި ފުން ކަނޑުގެ ބަޔޯޑައިވާސިޓީގެ ދާއިރާއިން ދިރާސާކުރާ ފަރާހް އަމްޖަދު ވިދާޅުވި އެވެ.

"މިޝަންގެ ހައިލައިޓަކަށް ވެގެންދާނީ އުތުރު އިންޑިއާ ކަނޑުގެ އަޑީގައިވާ ފަރުބަދަތައް ކައިރިން 1000 މީޓަރު އަޑިއަށް ފީނާ އެ ތަންތަން މެޕްކޮށް ޑޮކިއުމެންޓް ކުރެވިގެންދިޔުން،" ނެކްޓަންގެ ޕްރިންސިޕަލް ސައިންޓިސްޓް އަދި ޔުނިވާސިޓީ އޮފް އޮކްސްފޯޑްގެ ބަޔޮލޮޖިސްޓެއް ކަމުގައިވާ ލޫސީ ވުޑާލް ވިދާޅުވި އެވެ.

ރާއްޖޭގެ ކަނޑިގެ އަޑި ދިރާސާ ކުރުމަށް ބޭނުންކުރާ ވަސީލަތް

ދުނިޔޭގައި 1000 މީޓަރަށް ވުރެއް އުހުގައި ހުންނަ 100,000 ކަނޑުގެ ފަރުބަދަތަކުގެ ތެރެއިން ބަޔޮލޮޖިކަލް ސާމްޕަލް ނެގިފައިވާ ވަނީ ހަމައެކަނި 300 ފަރުބަދައިންނެވެ.

ރާއްޖޭގައި މިގޮތަށް ހުންނަ 34 ފަރުބަދަ ހުރެއެވެ. މި ފަރުބަދަތަކަކީ ރާއްޖޭގައި އުޅޭ ކަނޑުމަސް އާލާވާ މުހިންމު ތަންތަނެވެ. އަދި މި ފަރުބަދަތަކުގެ ވާހަކަ ދިވެހި ތާރީހީ ފުލޯކު ވާހަކަތަކު ތެރޭގައިވެސް ގެނެސްފައިވެ އެވެ.

މި މިޝަންއާއި އެކު ދިވެހިރާއްޖޭގައި އިންސާނުން ގޮވައިގެން ފުންކަނޑަށްދާ އެންމެ ފަހުގެ ދެ ސަބްމާސިބަލް އަދި ރޮބޮޓިކް ސިސްޓަމްތައް ބޭނުންކުރެވިގެން ދާނެ އެވެ. މި މިޝަންގައި ޖުމްލަ 40 ޕާޓްނަރުން ބައިވެރިވެ އެވެ. އެއީ 16 ދިވެހި ޕާޓްނަރުންނާއި 24 ބައިނަލްއަގުވާމީ ޕާޓްނަރުންނެވެ.