ތާރުއަޅައިގެން މާލޭގެ އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.

މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި އަމީނީމަގު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ މާލޭގެ ކުރީގެ މޭޔަރު މައިޒާން އަލިމަނިކާއި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒާއި އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކާއި އެ ކުންފުނީގެ ޗެއާމަން އަބްދުﷲ އަފީފްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާމުއްދީން ވިދާޅުވީ އާރްޑީސީއާ އެ މަސައްކަތް ހަވާލުކުރީ އެ ކުންފުންޏަކީ މިހާރުވެސް ރަށްރަށުގައި ގިނަ އަދަދަކަށް މަގު ހެދުމުގެ މަސައްކަތް ކުރަމުންދާ ކުންފުންޏަކަށް ކަމުގައިވާތީ ކަމަށެވެ.

އެބާވަތުގެ މަސްކަތްތަކާ ގުޅޭ ފަންނީ ތަޖުރިބާކާރު މުވައްޒަފުން އެ ކުންފުނީގައި ވަރަށް ގިނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަމީނީމަގު ހެދުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން އާރުޑީސީއާ ހަވާލުކުރީ މިދިޔަ މަހު ހަވާލުކުރީ 84 މިލިއަން ރުފިޔާއަށެވެ. އެކަމާ ބެހޭ އެއްބަސްވުމުގައިވާގޮތުން 10 މަސް ތެރޭ މަސައްކަތް ނިންމަންޖެހެ އެވެ.

އެ މަޝްރޫއުގެ ދަށުން 1.7 ކިލޯމީޓަރުގެ މަގުގެ ސަރަހައްދެއްގައި ތާރު އެޅުމާއި މަގުގައި ފެން ހިންދާ ނިޒާމު ގާއިމުކުރުމާއި މަގު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެއެވެ.

އަމީނީމަގު ތަރައްގީ ކުރާއިރު، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހިނގާވެބިގާވެ އުޅުމަށް ފަސޭހަވާނެ ގޮތަށް ދުވާރުގައި ބުރައިލް ބުލޮކްސް ޖެހާނެ އެވެ. ވީލްޗެއާ އެކްސަސް ހެދުމާއި މަގުގައި ބަސް ހުއްޓިތަކާއި ޕާކިން ޒޯންތައް ހެދުމާއި ސައިން ބޯޑުތަކާއި ބަމްޕަރުތައް ލުމާއި މަގު ބައްތިތައް ބެހެއްޓުމާއި ފެހިކުރުމަށް ޓްރީ ޕޮޓް ބެހެއްޓުމާއި ޓޭކް ހޯލްޑަރުންނަށް ހާއްސަކޮށް ކޭބަލްތައް އެޅުމަށް ކޭބަލް ޓްރޭ މަގުގެ ދެފަރާތުގައި އެޅުމުގެ އިތުރުން އެޗްވީ ކޭބަލަށް ހާއްސަކޮށް ޖަންކްޝަންތަކެއް ހެދުމަށް ވަނީ ހަމަޖެހިފަ އެވެ.