ޕެރިހުގެ ބިމުއަޑީ މަގެއްގައި ކާރުގައި ވަޑައިގަންނަވަނިކޮށް އެކްސިޑެންޓްވެ ޕްރިންސަސް ޑަޔާނާ އަވަހާރަވީ އޮގަސްޓް 31، 1997 ގަ އެވެ. އެ ހާދިސާ އަށް މިއަދަށް 25 އަހަރުވީ އިރު ވެސް އެތައް މިލިއަން ބަޔަކު ޑަޔާނާގެ މަތިން ހަނދާން އާކުރެ އެވެ. އެކްސިޑެންޓްވި އެ ހާދިސާއާ ގުޅޭ ޖަވާބު ނުލިބޭ އެތައް ސުވާލެއް ވާކަމަށް އެތައް މިލިއަން ބަޔަކު ގަބޫލްކުރެ އެވެ.

ޕެރިހުގެ ބިމުއަޑީ މަގެއްގައި ކާރު އެކްސިޑެންޓެއް ހިނގި ތަނަށް އެންމެ ފުރަތަމަ ދިޔަ މީހުންގެ ތެރޭގައި ފްރާންސްގެ ޑޮކްޓަރެއް ކަމަށްވާ ޑރ. ފެޑެރިކް މައިލިއޭޒް ހިމެނެ އެވެ. ޕެެރިހުގެ އަލްމާ ޓަނަލްގައި އޮގަސްޓް 31، 1997 ގައި ހިނގި އެކްސިޑެންޓުގައި ކާރުގެ ތެރޭގައި ހަތަރު މީހުން ތިއްބެވެ. އޭގެ ތެރޭގައި އަންހެނަކު ވެސް ހިމެނޭ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ. އެއީ ކާކު ކަމެއް ފްރާންސްގެ ޑޮކްޓަރަކަށް ނޭނގެ އެވެ. އޭނާ އަވަސްވީ އެ މީހާ އަށް ފަރުވާދީ ފުރާނަ ސަލާމަތްކުރެވޭތޯ އެވެ. އޭނާ އަށް ފަހުން އެނގުނު ގޮތުގައި އެއީ އިނގިރޭސި ވިލާތުގެ ޕްރިންސަސް ޑަޔާނާ އެވެ.

އޭގެ 25 އަހަރު ފަހުން ފްރާންސްގެ ޑޮކްޓަރު ފެޑެރިކް ގެންދަވަނީ އެ ހަނދާންތައް އާ ކުރައްވަމުންނެވެ.

"އަޅުގަނޑަށް ފަހުން އެނގުނު ގޮތުގައި ޑަޔާނާ ދިރިހުއްޓާ އެންމެ ފުރަތަމަ ފަރުވާ ދިން މީހުންގެ ތެރޭގައި އަޅުގަނޑު ހިމެނޭނެ،" ޕާޓީއެއް ނިންމާލުމަށް ފަހު ޓަނަލް ތެރޭން ގެއަށް ދިޔަ މަގުމަތީގައި އެކްސިޑެންޓް ހިނގި ތަނަށް މަޑުކުރި ޑޮކްޓަރު ވިދާޅުވި އެވެ. "އެކްސިޑެންޓުގައި ފުނޑިފައި އޮތް ކާރު ކައިރިއަށް އަޅުގަނޑު ދިޔައިން. އަދި ދޮރު ހުޅުވާފައި އެތެރޭގައި ތިބީ ކޮން ބައެއްތޯ ބަލަން ވެސް އުޅުނިން."

ޑޮކްޓަރަށް ވިދާޅުވި ގޮތުގައި ކާރު ތެރޭގައި ހަތަރު މީހުން ތިއްބެވެ. ބެލެވޭ ގޮތުގައި އޭގެ ތެރޭން ދެ މީހުން ތިބީ މަރުވެފަ އެވެ. އެއްވެސް ހަރަކާތެއް ނެތެވެ. ނޭވާއެއް ނުލަ އެވެ. އަނެއް ދެ މީހުންގެ ފުރާނަ ހުރި ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.

ޑޮކްޓަރު ދެން އަވަސްވެވަޑައިގަތީ އޭނާގެ ކާރުގެ ކައިރިއަށް ގޮސް އިމަޖެންސީ ޚިދުމަތަށް ގުޅުމަށެވެ. އަދި ކާރުން ރެސްޕިރޭޓަރީ ބޭގެއް ހިފައިގެން ގޮސް އަންހެން މީހާ އަށް ފަރުވާ ދެވޭތޯ ބެލި އެވެ. އެ އަންހެން މީހާ އަށް އިތުރު ހަކަތަ ލިބުމާ އެކު އޭނާ ނޭވާ ލެވޭތޯ މަސައްކަތްކުރި އެވެ.

ޑޮކްޓަރަށް ފަހުން އެނގުނު ގޮތުގައި އޭނާ އަށް ފަރުވާ ދެވުނީ މުޅި ދުނިޔޭގެ އެތައް މިލިއަން ބައެއްގެ ލޯބި ހޯއްދަވާފައިވާ، އޭރު އުމުރުން 36 އަހަރުގެ ޕްރިންސަސް ޑަޔާނާއަށެވެ.

ޑަޔާނާ އާއި އެކަމަނާގެ ލޯބިވެރިޔާ ޑޯޑީ

ޑަޔާނާ އާއި އެކަމަނާގެ ލޯބިވެރިޔާ މިސްރުގެ ޑޯޑީ އަލް ފާއިދު ފްރާންސަށް ވަޑައިގަތުމާ އެކު ނޫސްވެރިންގެ ސަމާލުކަން ވަރަށް ބޮޑަށް ހުއްޓުނެވެ. ފަންސަވީސް އަހަރުން ފަހުން މިއަދު ވެސް އެ ހަނދާންތަކާ ދުރުނުވެވޭ އެތައް މިލިއަން ބަޔަކު އެބަ އުޅެ އެވެ. އެހެންވެ އަނެއްކާ ވެސް އެ ހާދިސާގެ ކުޑަ ޚުލާސާއެއް ގެނެސް ދޭނަމެވެ.

އޮގަސްޓް 30، 1997 ވަނަ ދުވަހުގެ ރޭ ޑަޔާނާ އާއި ޑޯޑީ ރޭގަނޑުގެ ފަރިއްކޮޅަށް ހޮޓަލުން ބޭރަށް ވަޑައިގަންނަވަން އުޅޭކަން އެނގުމާ އެކު ޕަޕަރާޒީން ޕެރިހުގެ ރިޒް ހޮޓާ ވަށާލި އެވެ. އެހެންވެ ޑަޔާނާ އާއި ޑޯޑީ ނިންމެވީ ރިޒް ހޮޓަލުގެ އިމްޕީރިއަލް ސުއިޓުގެ ސިޓިން ރޫމުން ޑިނާ ނެންގެވުމަށެވެ. އެއީ އެ ހޮޓަލުގެ އެންމެ ފުރިހަމަ ސުއިޓެވެ. އެއީ ޑޯޑީގެ ބައްޕަ މުހައްމަދު އަލް ފާއިދުގެ ހޮޓަލެކެވެ.

ރޭގަނޑުގެ ފަރިއްކޮޅު ނަންގަވަން ހަމަޖެހިފައި ވަނީ އެރޭ 10 ޖެހިއިރު އެވެ. ޑަޔާނާ އޯޑަރު ކުރެއްވީ މަޝްރޫމް އެޕަޓައިޒާއަކާއި އެސްޕަރަގަސް އަށެވެ. ކެއުން ތައްޔާރުކުރީ ހޮޓަލުގެ ދެ ތަރީގެ ރެސްޓޯރެންޓުންނެވެ.

ބެލެވޭ ގޮތުގައި އެއީ ޑަޔާނާ އަށް ޚާއްސަ ސަޕްރައިޒެއް ދެއްވުމަށް ޑޯޑީ ނިންމަވައިގެން ހުރި ޑިނާއެކެެވެ. ޕެރިހުގެ ގަހަނާ ހަދާ މީހެއްގެ އަތުން ޑޯޑީ އެ ދުވަހު ވަނީ 205،000 ޑޮލަރުގެ ޑައިމަންޓް އަނގޮޓިއެއް ބައްލަވައިގެންފަ އެވެ.

އެއީ އެންގޭޖްމަންޓް އަނގޮޓިއެއް ބާވަ އެވެ؟ އެއީ އެއްވެސް މީހަކަށް އޭރު އެނގޭ ކަމެއް ނޫނެވެ.

ރިޒް ހޮޓަލުގެ ސެކިއުރިޓީއެއް ކަމަށްވާ ހެންރީ ޕޯލް ހޮޓަލަށް ދިޔައީ 10:08 ގަ އެވެ. އޭނާ ދިޔައީ ހޮޓަލުން ގުޅައިގެންނެވެ. ހޮޓަލުގެ ލޮބީގައި ހެންރީ ދެގަޑިއިރު މަޑުކުރި އެވެ. އެ ވަގުތުތަކުގެ ތެރޭގައި އޭނާ ވަރަށް ގިނައިން ބާ އަށް ގޮސް އުޅުނެވެ.

ރޭގަނޑުގެ ކެއުމަށް ފަހު ޑަޔާނާ އާއި ޑޯޑީ ބޭރަށް ވަޑައިގަތުމަށް ހޮޓަލުގެ ދޮރާ ހަމައަށް ވަޑައިގެންނެވީ އެެރޭ 12:07 ގަ އެވެ. އެ ދެ ބޭފުޅުން ވަޑައިގަތުމަށް ތިން ކާރު ގެނެސްފައިވެ އެވެ. ރޭންޖް ރޯވާ އަކާއި މާސިޑީޒް އޮތީ ރިޒް ހޮޓަލުގެ މައި އެންޓްރެސްގަ އެވެ. އެ ދެ ކާރު ދުއްވަން ހަމަޖެހިފައި އޮތީ ހޮޓަލުގެ ޑްރައިވަރުންނެވެ. ކުއްޔަށް ގެނައި މާސިޑީޒް އޮތީ ހޮޓަލުގެ ފަހަތު ދޮރު ކައިރީގަ އެވެ. ހެންރީ ޕޯލް ގެނައީ އެ ކާރު ދުއްވުމަށެވެ. އުމުރުން އޭރު 41 އަހަރުގެ ޕޯލް އަކީ ކާރު ދުއްވުމުގެ ޚާއްސަ ތަމްރީނުތަކެއް ޖަރުމަނުން ހޯދާފައިވާ މީހެކެވެ.

ޕެރިހުގެ ޕްރޮސެކިއުޓަރުން ބުނި ގޮތުގައި ޕޯލްގެ ލޭގެ އޮޓޮޕްސީ ޓެސްޓްތަކުން ދައްކާ ގޮތުގައި އެލްކޮހޯލް ލެވެލް ހުރީ ހުއްދަ މިންގަނޑަށް ވުރެ ތިން ގުނަ އިތުރަށެވެ.

ޑަޔާނާ އާއި ޑޯޑީ ވަޑައިގަންނަވަން ހަމަޖެހިފައި ވަނީ ޕެރިހުގައި ހުންނަ ޑޯޑީގެ އެޕާޓްމަންޓަކަށެވެ. ރިޒް ހޮޓަލުން އެ ދެބޭފުޅުން ނުކުމެވަޑައިގަތީ 12:20 ގަ އެވެ. ކާރުގައި ތިއްބެވި އިރު ޑަޔާނާ އަދި ޑޯޑީ ވެސް ސީޓް ބެލްޓެއް ނާޅުއްވަ އެވެ. ސީޓް ބެލްޓް އަޅައިގެން އިނީ ކާރުގެ ކުރީގެ ޕަސެންޖާ ސީޓުގައި އިން ބޮޑީގާޑް ޓްރެވާ ރީސް-ޖޯންސް އެވެ.

ގާތްގަނޑަކަށް 660 ފޫޓު ދިގު ޓަނަލްގެ ތެރެއަށް ކާރު ވަނީ 12:25 ގަ އެވެ. ބެލެވޭ ގޮތުގައި ޓަނަލް ތެރޭން ދާން ޑްރައިވަރު ބޭނުންވީ ޓްރެފިކުގައި ނުޖެހެންވެގެންނެވެ. ކާރު ދުއްވާފައި ވަނީ ނުރައްކާވާ މިންވަރަށެވެ. ޓަނަލްގައި ދުއްވަން ޖެހޭ ސްޕީޑަކީ ގަޑިއަކު 30 މޭލަށެވެ. ކެބް ޑްރައިވަރުން ބުނާ ގޮތުގައި އެ ޓަނަލްގައި 70 މޭލަށް ދުއްވިއަސް އެއީ ކޮންޓްރޯލް ކުރަން އުނދަގޫ ސްޕީޑެކެވެ.

ފުލުހުން ބުނި ގޮތުގައި އެކްސިޑެންޓްވި ކާރުގެ ސްޕީޑޯމީޓަރު ހުއްޓިފައި ހުރީ 196 ކިލޯމީޓަރުގަ އެވެ. އެއީ ގަޑިއަކު 121 މޭލެވެ. ފުލުހުން ބުނި ގޮތުގައި އެންޓި-ލޮކް ބްރޭކް ހުރި ކާރު ވަނީ 53 ފޫޓަށް ކަހައިގެން ގޮސްފަ އެވެ. އެއީ ވެސް ކާރު ދުއްވި ބާރު ސްޕީޑް އަންގައިދޭ އެއް ހެއްކެވެ.

ޓަނަލް ތެރެއަށް ވަންތާ މާގިނައިރެއް ނުވެ ކާރުގެ ސްޕީޑް، ޑްރައިވަރަށް ގެއްލި އެކްސިޑެންޓްވި އެވެ. އެކްސިޑެންޓުވިލެއް ބާރުވުމުގެ ސަބަބުން ކާރުގެ ރޭޑިއޭޓަރު ވެސް ވަނީ ޑްރައިވަރުގެ ގަޔަށް ވަދެފައި ކަމަށް ފުލުހުން ބުންޏެވެ. ޑްރައިވަރުގެ ފަހަތުގައި އިން ޑޯޑީ ވަނީ އެކްސިޑެންޓް ހިނގުމާ އެކު ވަގުތުން މަރުވެފަ އެވެ.

އެ ވަގުތު އެއީ ޑރ. ފެޑެރިކް ވެސް ޓަނަލް ހުރަސްކުރި ވަގުތެވެ. ޑޮކްޓަރު ވިދާޅުވި ގޮތުގައި އެކްސިޑެންޓްވި ކާރުގެ ކައިރީގައި 10-15 ޕަޕަރާޒީން ތިއްބެވެ.

ޑަޔާނާ ދުއްވި ކާރު އެކްސިޑެންޓްވެފައި.

ފަޔާފައިޓަރުންނަށް އެކްސިޑެންޓާ ގުޅޭ ފުރަތަމަ ކޯލް ލިބުނީ 12:27 ގަ އެވެ. ފުލުހުންނާއި ފަޔާފައިޓަރުން އެކްސިޑެންޓް ހިނގި ތަނަށް ދިޔައީ 12:40 ގަ އެވެ. އޭރު ޑަޔާނާ އާއި ބޮޑީގާޑް ރީސް-ޖޯންސްގެ ފުރާނަ ހުއްޓެވެ. ފުލުހުން ވަނީ ހަ ފޮޓޯގްރާފަރުންނާއި ސައިކަލްގައި ދަތުރުކުރި މީހަކު އެކްސިޑެންޓްވި ތަނުން ހައްޔަރުކޮށްފަ އެވެ.

ޑަޔާނާގެ ހަށިގަނޑު ނެރުނީ ކާރު ކަފާލައިގެންނެވެ. އެކްސިޑެންޓް ސީންގައި ވެސް ޑޮކްޓަރުން ވަނީ އިމަޖެންސީ ފަރުވާ ޑަޔާނާ އަށް ދީފަ އެވެ. ޕެރިހުގެ ލަ ޕެޓީ ހޮސްޕިޓަލަށް 2 ޖެހިއިރު ޑަޔާނާ އާއި ބޮޑީގާޑު ގެންދިޔައިރު ހަށިގަނޑުން ވަރަށް ބޮޑަށް ލޭ ފައިބަމުން ދިޔަ އެވެ. ކާޑިއެކް އެރެސްޓަކަށް ވެސް އެކަމަނާ ދިޔަ އެވެ. ޑޮކްޓަރުން ވަނީ ޑަޔާނާގެ ވާތްފަރާތު ޕަލްމޮނަރީ ވެއިނެއް ބަންދުކޮށް ލޭމަނާކުރެވޭތޯ މަސައްކަތްކޮށްފަ އެވެ. އޭގެ ފަހުން ދެ ގަޑިއިރު ވަންދެން ވަނީ ޗެސްޓް މަސާޖް ދީފަ އެވެ. ކާމިޔާބެއް ނުވި އެވެ.

ޑަޔާނާ އަވަހާރަވިކަން އިއުލާންކުރީ އެރޭ 4 ޖެހިއިރު އެވެ.