ސ. ހިތަދޫ ގެއަކުން ވަގަށް ނަގާފައި ހުރި ގިނަ އަދަދެއްގެ ސާމާނު ފުލުހުން ހޯދައިފި އެވެ.

ފުލުހުން އާންމު ކުރި ބަޔާނެއްގައި ބުނީ، އެތަކެތި ހޯދާފައި ވަނީ ފުލުހުންނަށް ހުޅަހަޅާފައިވާ ވައްކަމުގެ މައްސަލަތަކަކާ ގުޅިގެން އެ ތަކެތި ހޯދުމަށް ފުލުހުން ކުރި މަސައްކަތުން ކަމަށެވެ.

އެގޮތުން، ގެއަކުން ތިޖޫރީއެއް ވަގަށް ނަގާފައިވާ ކަމަށް މިއަދު ހުށަހެޅި މައްސަލައަކާ ގުޅިގެން އެ ތިޖޫރީ ހޯދުމަށް ފުލުހުން މަސައްކަތް ކޮށް، ތިޖޫރީ ވަނީ ހޯދާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން ބުނީ، އެ ތިޖޫރީ ހޯދާފައިވަނީ އެ ރަށު ފަޅު ތަނެއްގައި ވަޅުލާފައިވަނިކޮށް ކަމަށެވެ. އަދި ތިޖޫރީގައި ޕާސްޕޯޓު ތަކަކާއި ޑޮލަރު ތަކެއްގެ އިތުރުން އެހެނިހެން ތަކެތި ވެސް ހުރި ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން ވަނީ މި މަހު 30 ވަނަ ދުވަހު ސައިކަލެއް ވަގަށް ނަގާފައިވާ ކަމަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އެ ސައިކަލު ހޯދުމަށް ވެސް ހާއްސަ މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކޮށްފަ އެވެ. އެގޮތުން އެ ރަށު ފަޅު ގެއެއްގައި، ސައިކަލު ރޫޅާލާފައި ހުއްޓައި ފުލުހުން ހޯދާފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން ބުނީ މި މައްސަލަތައް ހިތަދޫ ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށެވެ.