މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ އޮފީސް ފަޅާލައި ފައިސާ ވަގަށް ނެގިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ، އެ މައްސަލައިގައި ހައްޔަރުކޮށްފައިނީ އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި އޭނާ މީރާގެ އޮފީސް ފަޅާލައި ރުފިޔާ ނެގިކަމަށް އެއްބަސްވެފައިވާކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

މައުލޫމާތު ލިބޭގޮތުގައި ހައްޔަރު ކުރި މީހާ ވަގަށް ނަގާފައިވަނީ 25ރ. އެވެ.

އެ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް 45 ދުވަހުގެ މުއްދަތެއް ދީފަ އެވެ.

އެނގިފައިވާގޮތުގައި މީރާ އޮފީސް ފިޔަވައި ވެސް އެމީހާ ވަނީ ދެ އިދާރާއަކުން ވައްކަން ކޮށްފަ އެވެ.

އެގޮތުން މޯލްޑިވިއަންގެ އޮފީހުންނާއި ޖުވެނައިލް ކޯޓުގެ އިމާރާތުން ވެސް އެމީހާ ވައްކަން ކޮށްފައިވާކަމަށް މައުލޫމާތު ލިބެ އެވެ.

މި މައްސަލައިގައި ހައްޔަރު ކުރި މީހާ އަކީ 2014 ވަނަ އަހަރުން ފެށިގެން މި އަހަރާއި ހަމައަށް ހުކުމެއް ތަންފީޒު ކުރަމުން އައި މީހެއްކަމަށް ވެސް ބައެއް މީޑިއާތަކުން މައުލޫމާތު ދީފައިވެ އެވެ.