ޔޯގާއަކީ ޝިރުކަކަށްވާނަމަ ފުޓްބޯޅައަކީވެސް ޝިރުކަކަށްވާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ވީޓީވީގެ ޕްރޮގްރާމެއްގައި ޔޯގާއަކީ ކޮންކަހަލަ އެއްޗެއްތޯ ސުވާލު ކުރުމުން ވިދާޅުވީ އެއީ ރަނގަޅު ކަމެއް ކަމަށެވެ.

"ޔޯގާއަކީ ހަމަ އެންމެ ރަނގަޅުކަމެއް. އެކީއްވެތޯ ގޯސްވާންވީ. މިސާލަކަށް ބަޔަކު ބަޔަކު ބުނެފާނެ ޔޯގާއަކީ ހިންދީ ދީނުގެ (މީހުން ކުރާކަމެކޭ). ހިންދީ ދީނުގެ މީހުންނަކީ މުޝްރިކުންނޭ. ޝިރުކުކުރާ ބައެކޭ. އެމީހުން ކުރާ ކަމެއް ކޮށްގެންނުވާނެއޭ. އޭގެ ޖަވާބުގައި ދަންނަވަން އޮތީ ފުޓުބޯޅަ ކިހިނެތްތޯއޭ ވަނީ. ފުޓުބޯޅައަކީ ހުޅަނގުގެ އުފެއްދުމަކަށްވަންޏާއި ހުޅަނގުގެ ގައުމުގެ މީހުންނަކީ ވެސް ހަމަ މުޝްރިކުން. އެހެންވީމަ ފުޓުބޯޅަ ވެސް ކުޅެގެންނުވާނެތާ،" ރައީސް މައުމޫން ވިދާޅުވި އެވެ.

މައުމޫނު ވިދާޅުވީ ބަލަން ޖެހޭނީ އެ ކުޅިވަރަކާ ދީނާ ހުރި ގުޅުން ކަމަށާއި ޔޯގާ ހަދާއިރު ދީނާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އަދި ޔޯގާ ގައި ދިވެހިން އިރަށް އަޅުކަން ނުކުރާ ކަމަށާއި އެކަން ކުރަނީ ކަސްރަތެއްގެ ގޮތުގައިކަން ރައީސް މައުމޫން ފާހަގަކުރެއްވި އެވެ.

އެހެންކަމުން ޔޯގާ ހެދުމާއި ފުޓްބޯޅަ ކުޅުމާ އެއްވެސް ތަފާތެއް ނެތް ކަމަށް ވިދާޅުވި އެވެ.

ރައީސް މައުމޫން މިހެން ވިދާޅުވި ނަމަވެސް ރާއްޖޭގެ އެތައް ދީނީ އިލްމުވެރިންނާއި އަދި އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުން ވެސް ވަނީ ޔޯގާއާ ބެހޭގޮތުން ވަރަށް ތަފްސީލީ ބަޔާނެއް ނެރެފަ އެވެ. އެބޭފުޅުން ވިދާޅު ވަނީ އެއީ ކަނޑައެޅިގެން ޝިރުކެއް ކަމުގަ އެވެ.