(4 ޑިސެމްބަރު) - އިންޓަނޭޝަނަލް ޗެސް ފެޑެރޭޝަންއިން އޮގަސްޓް މަހު ބޭއްވި އޮންލައިން ޗެސް އޮލިމްޕިކްސްގައި އިންޑިއާއިން ބައިވެރި ޓީމު ހޯދި ރަން މެޑަލް އިންޑިއާއަށް އައުމުން ކަސްޓަމުން ޑިއުޓީ ދައްކަން ޖެހިއްޖެ އެވެ.

މިއަހަރުގެ ޗެސް އޮލިމްޕިކްސް ބޭއްވީ ކޮވިޑް އާއި ގުޅިގެން ގައުމުތަކުގެ ބޯޑަރު ބަންދުކޮށްފައިވުމާއެކު އޮންލައިން ކޮށެވެ. މި މުބާރާތުން އެއްވަނައަށް ދިޔަކަމަށް ނިންމީ ރަޝިޔާ އަދި އިންޑިއާ އެވެ.

އިންޑިއާ ޓީމުން ހޯދި ރަންމެޑަލަކީ ޗެސް މުބާރާތެއްގައި ބައިވެރިވެ އިންޑިއާ ޓީމަކުން ހޯދި ފުރަތަމަ ރަންމެޑަލް އެވެ. މި ކާމިޔާބީއަށް ގިނަ ބަޔަކު މަރުހަބާ ކިޔާފައިވެ އެވެ. އަދި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރާ މޯދީ ވެސް ވަނީ ޓީމް ހޯދު ކާމިޔާބީ ފާހަގަކޮށް ޝުކުރުއަދާ ކުރައްވާފަ އެވެ.

އެކަމަކު މިކާމިޔާބީ ހޯދައި ގައުމަށް މުޅިން އަލަށް ރަން މެޑަލް ހޯދައިދިނުމުން ވެސް ކަސްޓަމްއިން މެޑަލް ދޫކުރީ ޑިއުޓީ ދެއްކުމުން ކަމަށް ޓީމްގެ ވައިސް ކެޕްޓަން ސްރިނަތު ނަރަޔަން ބުންޏެވެ.

ވައިސް ކެޕްޓަން ބުނިގޮތުގައި ރަޝިއާއިން އިންޑިއާއަށް މެޑަލް ފޯރުމަށް ތިންދުވަސް ނެގި ކަމަށާއި، އެކަމަކު ބެންގަލޯރުން ޗެންނާއި އަށް މެޑަލް ފޯރީ ބެންގަލޫރު އެއާޕޯޓްގައި ހަފްތާއެއް ވަންދެން ބޭއްވުމަށްފަހު އެވެ. އަދި މެޑަލް ބަލާދިއުމުން ކަސްޓަމް އޮފިޝަލުން އެ ޕެކޭޖް ކަނޑައިގެން ބަލައި އެ ޕެކޭޖްގައި ހުރީ ކޯއްޗެއްތޯއާ އަދި އެ މެޑަލް ހަދާފައިވަނީ ކޯއްޗަކުންތޯ ސުވާލުކުރި ކަމަށެވެ. އަދި އެންމެ ފަހުން އެ މެޑަލް ހަދާފައިވަނީ ކޮން ވައްތަރެއްގެ މައުދަނަކުންތޯ ޔަގީންކުރުމަށް ރަސްމީ ލިޔުމެއް ހުށަހަޅަން ޖެހުނު ކަމަށް ވެސް އޭނާ ބުންޏެވެ.

"އަހަންނަށް ޖެހުނު 6،300 ރުޕީސް ޑީއެޗްއެލް އެކްސްޕްރެސް އިންޑިއާއަށް ދައްކަން. އެންމެ ފަހުން އެ މީހުން ބުނި ވަރަކަށް ދެއްކީ އެއީ އެންމެ ފަސޭހަގޮތްކަމަށް ފެންނާތީ،" ނަރަޔަން ބުންޏެވެ. -- އިންޑިއަން އެކްސްޕްރެސް