ޕެންޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމުން ވަކިކުރި އިނގިރޭސި ރައްޔިތެއް ކަމަށްވާ ޖޯން ގްރިންޑާލަށް ބަދަލުގެ ގޮތުގައި 14،000 އެމެރިކާ ޑޮލަރު (215،880ރުފިޔާ) ދޭން ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އަމުރުކޮށްފި އެވެ.

ގްރިންޑާލް އެ މަގާމަށް އައްޔަން ކުރީ މިދިޔަ އަހަރުގެ ފަހުކޮޅު އެވެ. އޭނާގެ މައްޗަށް ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކެއް ކުރެވި އެ މައްސަލަ މީޑިއާއަށް ތިލަވުމާ ގުޅިގެން ކުރިން ޕެންޝަން އޮފީހުންވަނީ އެކަން ދޮގު ކޮށްފަ އެވެ.

ގްރިންޑާލް ހުށަހެޅި މައްސަލަ ބެލުމަށްފަހު ޓްރައިބިއުނަލުން މިއަދު ނިންމި ނިންމުގައި ވަނީ އޭނާ ވަޒީފާއިން ވަކިކޮށްފައި ވަނީ ވަޒީފާއިން ވަކިކުރުމުގައި ގާއިމްކުރަންޖެހޭ އިޖުރާއީ އަދުލުވެރިކަން ގާއިމްނުކޮށް ކަމަށެވެ. އޭނާއަށް ބަދަލުދޭން ހުކުމް ކުރީ އެހެންވެ އެވެ.

ބަދަލުގެ ގޮތުގައި ދޭންޖެހޭ ފައިސާ ސަރުކާރު ބަންދު ދުވަސްތައް ނުހިމެނޭގޮތަށް 30 ދުވަސް ތެރޭ ދިނުމަށް ޓްރައިބިއުނަލުން ވަނީ އަމުރުކޮށްފަ އެވެ.

ގްރިންޑާލްއަކީ މީގެ ކުރިން މޯލްޓާގެ ފައިނޭންޝަލް ސާވިސަސް އޮތޯރިޓީގެ އިންޓަރިމް ޗީފް އެކްޗުއަރީގެ މަގާމާއި، ކޮމްޕެރޭ ގުރޫޕު މޯލްޓާގެ ޗީފް އޮޕަރޭޓިން އޮފިސަރުގެ ވަޒީފާގެ އިތުރަށް އިނގިރޭސިވިލާތުގެ މާލީ މުއައްސަސާއެއް ކަމުގައިވާ ލޯއިޑްސް ބޭންކިން ގުރޫޕުގެ ސީނިއާ އެކްޗުއަރީގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ.