ސުލޫކީ މިންގަނޑާ ހިލާފު އެއްވެސް ކަމެއް ޑރ. ޖަމީލް ނުކުރައްވާ

ގާނޫނީ ވަކީލުންގެ ސުލުކީ މިންގަނޑާ ހިލާފު އެއްވެސް އަމަލެއް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ހިންގަވާފައިނުވާ ކަމަށް އެމަނިކުފާނުގެ ލޯފާމް، ސަލްޓަން ޗެމްބާސް އިން ބުނެފި އެވެ.

އެ ލޯފާމުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ އެ ލޯފާމްގެ މެނޭޖިން ޕާޓްނަރު ޑރ. ޖަމީލް ގާނޫނީ ވަކީލުންގެ ސުލޫކީ މިންގަނޑާ ޚިލާފު އެއްވެސް ކަމެއް ކުރައްވާފައިނުވާނެ ކަމަށެވެ. އަދި އެފަދަ ވާހަކަތައް ދައްކަނީ އެތަނުގެ ވަކީލުންނާ މެދު ޒާތީ ކަމެއް އޮވެގެން ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އެފަދަ އަމަލުތަކަކީ އެ ލޯފާމްގެ ވަކީލުންގެ މަސައްކަތަށް ހުރަސްއަޅައި ކްލަޔަންޓުންނަށް ލިބިދީފައިވާ އިތުބާރު ގެއްލުވާލުމަށް ކުރަމުންދާ މަސައްކަތެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އެ އަމަލުގެ ސަބަބުން އެ ލޯފާމަށް ލިބޭ ކޮންމެ ގެއްލުމެއްގެ ބަދަލު ހޯދުމަށް އެފަރާތްތަކާ މެދު ގާނޫނީގޮތުން އެޅެން ހުރި ފިޔަވަޅުތައް އެޅުމުގެ އިޚްތިޔާރު އެ ލޯފާމަށް ލިބިގެންވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

"މި ޗެމްބަރުން އަބަދުވެސް މަސައްކަތް ކުރަމުން ދާނީ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ކަމަށާއި ހާއްސަކޮށް ފަނޑިޔާރުންގެ މަސައްކަތާ ގުޅޭގޮތުން މި ޗެމްބަރުގެ އެއްވެސް ވަކީލެއް އެއްވެސް މަހައްލެއްގައި ގާނޫނާއި ގަވާއިދާ ހިލާފު އެއްވެސް ވާހަކައެއް ދައްކާފައިނުވާނެ ކަމަށާއި މި ޗެމްބަރުގެ ވަކީލުންނަކީ ނަޒާހަތްތެރި އިޚްލާސްތެރި އިތުބާރު ހުރި ވަކީލުން ކަމަށާއި އަދި ކުރިއަށް އޮތްތަނުގައި ވެސް މިގޮތަށް މަސައްކަތް ކުރަމުންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެމެވެ،" އެ ބަޔާނުގައިވެ އެވެ.

ޑރ. ޖަމީލްގެ މައްސަލައެއް އަމިއްލަ ފަރާތަކުން ބާ ކައުންސިލަށް ހުށަހަޅާފައިވާ ކަމަށް ބައެއް މީޑިއާތަކުގައި ވަނީ ރިޕޯޓްކޮށްފަ އެވެ.