ރާއްޖޭގެ ދަތުރު ފަތުރުގެ ނިޒާމަށް ބޮޑު ބަދަލެއް ގެނައުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް)ގެ ދަށުން މާލޭގައި އެމްޓީސީސީން މިނީ ބަހުގެ ހިދުމަތް ދޭން ވަނީ ފަށާފަ އެވެ.

މިއާއެކު މިނީ ބަހުގެ ހިދުމަތްތައް ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު މިއަދު ހުޅުމާލޭގައި ދިރިއުޅޭ މަޖިލިސް މެންބަރުން މިއަދު މަޖިލީހަށް ވަޑައިގަތްފައިވަނީ މިނީ ބަހުގަ އެވެ.

މަޖިލިސް މެންބަރުންގެ އިތުރުން ސަރުކާރުގެ އެކި އިދާރާތަކުގެ އިސްވެރިންވެސް އަންނަނީ މިނީ ބަހުގެ ހިދުމަތް ހޯދަމުންނެވެ.

މިނީ ބަހުގެ ހިދުމަތާއެކު މާލެ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމަށް ވަނީ ހެޔޮ ބަދަލެއް ގެނެވިފަ އެވެ. އަދި ރައްޔިތުންނަށް ފަސޭހަ ކަމާއެކު މާލެ ތެރޭގައި ދަތުރުކުރެވޭނެ އިންތިޒާމް ވަނީ ހަމަޖެހިގެން ގޮސްފަ އެވެ. މާލޭގެ އެތެރޭގައި މިހަފްތާގެ ހޯމަ ދުވަހު މިނީ ބަހުގެ ޚިދުމަތް ފަށާފައިވާއިރު ފުރަތަމަ ދުވަހުވެސް ވަނީ ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައެވެ. ފުރަތަމަ ދުވަހުއެކަނިވެސް 2000 އަށްވުރެ ގިނަ މީހުން ބަހުގައި ދަތުރުކޮށްފައިވެ އެވެ.

ފުރަތަމަ ދެހަފްތާގެ ތެރޭގައި ބަހުގެ ޓެސްޓު ދަތުރުތައް ކުރަމުންދާއިރު ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ މުޅިން ހިލެ އެވެ. ހިދުމަތް ދިނުމުގައި ސްކޫލް ކުދިންނާއި އުމުރުން 65 އަހަރުން މަތީގެ މީހުންނާއި 3 އަހަރުން ދަށުގެ ތުއްތު ކުދިންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހިލޭ ދަތުރުކުރެވެއެވެ. ބަހުގެ ހިދުމަތަށް 7 ރުފިޔާ ކަނޑައަޅާއިވާއިރު މިއީ މިހިދުމަތް މީގެ 14 އަހަރު ކުރިން އެންމެ ފުރަތަމަ ފެށިއިރާ އަޅާބަލާއިރު 2 ރުފިޔާގެ އިތުރުވުމެކެވެ. ބަހުގެ ހިދުމަތް ފަސޭހަކުރުމަށް އޮންލައިންކޮށް ދުރާލާ އާރްޓީއެލް އެޕް ބޭނުންކޮށްގެން ޓިކެޓު ނެގޭނެ އިންތިޒާމު އެމްޓީސީސީން ވަނީ ހަމަޖައްސާފަ އެވެ.

ހުޅުމާލޭގެ ފޭސް އެކެއް އަދި ފޭސް ދޭއްގައި ދިރިއުޅޭ މީހުންނަށްވެސް މިހާރު ފަސޭހައިން މާލެއަށް އައިސްގޮސް ހެދޭނެ އިންތިޒާމު އާރުޓީއެލް ޚިދުމަތުގެ ތެރެއިން ވަނީ ހަމަޖައްސާފަ އެވެ. މާލެއާއި އަތޮޅުތަކުގައި މިނީ ބަހުގެ ހިދުމަތް ދިނުމަށް 41 ބަހެއް އެމްޓީސީސީން ވަނީ ރާއްޖެ ގެނެސްފަ އެވެ. މީގެ ތެރެއިން މާލޭގައި މި ހިދުމަތް ދިނުމަށް 12 ބަހެއް ގެނެސް މިހާރު ދަނީ ހިދުމަތް ދެމުންނެވެ.

ސަރުކާރުގެ އަމާޒަކީ ބަހުގެ ޚިދުމަތް ބޭނުންކުރާ މީހުންގެ އަދަދު އިތުރުކޮށް، އާންމު ދަތުރުފަތުރަށް ބޮޑު ލުއިފަސޭހަކަމެއް ގެނެސް ދިނުމެވެ. މާލެ ސަރަހައްދުގެ އިތުރުން އައްޑޫ ސިޓީއާއި، ފުވައްމުލަކު ސިޓީގެ އިތުރުން ލ.އަތޮޅުގައިވެސް އާރުޓީއެލްގެ ޚިދުމަތް ދަނީ ދެމުންނެވެ.