މަނާމާ (06 ޑިސެމްބަރު) - ސައުދީގެ ނުފޫޒުގަދަ ޕްރިންސެއް ކަމަށްވާ، ޕްރިންސް ތުރުކީ ބިން ފައިސަލް ބަޙްރެއިންގައި މިހާރު ކުރިއަށްދާ ސެކިއުރިޓީ ސަމިޓްގައި އިޒްރޭލަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ބަހްރެއިންގައި މިމަހު 4 ން 6 އަށް ކުރިއަށްދިޔަ މި ބައްދަލުވުމަކީ މެދުއިރުމަތީގެ ގައުމުތަކުގެ ސަލާމަތާއި ގުޅޭ މުހިންމު މައްސަލަތަކާއި މެދު މަޝްވަރާކޮށް ހިޔާލުބަދަލުކުރުމަށް ބޭއްވުނު ބައްދަލުވުމެކެވެ. މިބައްދަލުވުމަގައި މެދުއިރުމަތީ ގައުމުތަކުގެ މިނިސްޓަރުންނާއި، ސެކިއުރިޓީ އެކްސްޕާޓުންނާއި އަދި މިގައުމުތަކުގެ އިސް އޮފިޝަލުން ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

ޕްރިންސް ތުރުކީ ވިދާޅުވިގޮތުގައި އިޒްރޭލުން ދަނީ ފަލަސްތީނުގެ ރައްޔަތުން އެމީހުންގެ އަމިއްލަ ގައުމުގައި ހާލުގައިޖައްސަމުންނެވެ. އަދި ފަލަސްތީނު މީހުންގެ ގެދޮރު އެމީހުން ބޭނުންއިރަކު ބޭނުން ގޮތަކަށް ހަލާކުކޮށް ސުންނާފަތި ކުރުމާއި އެމީހުން ބޭނުން މީހަކު މަރަމުން ކަމަށެވެ.

ޕްރިންސް އިތުރަށް ވިދާޅުވި ގޮތުގައި އިޒްރާއީލުން އަބަދުވެސް ދުނިޔެއަށް ދައްކަން ބޭނުންވާ ތަސްވީރަކީ، ލެއިން ކަރު ހިއްކައިގެންފައިވާ މީހުން މަރާ ބައެއްގެ މެދުގައި އޮތް ކުޑަކުޑަ އެއްވެސް ބާރެއް ނެތް ގައުމެއްގެ ގޮތުގައި ކަމަށާއި އަދި އެގައުމުގެ އަވަށްޓެރިން އަބަދުވެސް އެމީހުން ނައްތާލަން ބޭނުންވާ ގައުމެއްގެ ގޮތުގައި ކަމަށެވެ. އެހެންނަމަވެސް އެކުޑަކުޑަ އެއްވެސް ބާރެއްނެތް ގައުމަކީ އަދަދު ނޭނގޭހާ ގިނަ ނިއުކްލިއާ ހަތިޔާރު ހުރި ގައުމެއް ކަމަށާއި އަދި ދުނިޔޭގެ އެއްވެސް ގާނޫނަކަށް ތަބާވާ ބައެއްނޫން ކަން ޕްރިންސް ފާހަގަކުރެއްވި އެވެ.

ޕްރިންސްގެ މި ވާހަކައަށް ރައްދުދެއްވަމުން އިޒްރޭލުގެ ފޮރިން މިނިސްޓަރު ގަބީ އަޝްކެނާޒީ ސައުދީ ޕްރިންސް ދެއްކެވި ވާހަކަފުޅަށް ހިތްހަމަނުޖެހުން ފާޅުކުރައްވައި ވިދާޅުވީ މެދުއިރުމަތީގެ މިހާރުގެ ރޫހާއި އަދި އަންނަ ބަދަލުތަކަށް މިފަދަ ގޮތަކަށް އިލްޒާމް އަޅުވައިގެން ކުރާނެ އެއްވެސް ފައިދާއެއް ނެތް ކަމަށެވެ.

އެމެރިކާ އިސްވެއޮވެ އިޒްރޭލާއި އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) ވަނީ ސުލްހައިގެ އެއްބަސްވުމެއްގައި މިއަހަރު ސެޕްޓެމްބަރު މަހުގައި ވަނި ސޮއިކޮށްފަ އެވެ. ސުލްހައިގެ އެއްބަސްވުމާއި ގުޅިގެން މި ދެގައުމުގެ މެދުގައި ގުޅުންތައް ވަރުގަދަ ވެގެންދާ މިދަނޑިވަޅުގައި، މި ބައްދަލުވުގައި ވެސް އިޒްރޭލަށް މަރުހަބާ ކިޔާފައިވެއެވެ. އެހެންކަމުން މި ބައްދަލުވުމުގައި އިޒްރޭލަށް ފާޑުއަމާޒުވުންވީ އިޒްރޭލުގެ ފޮރިން މިނިސްޓަރު އެހާ ހިތްޕުޅާހަމަވި ކަމަށް ނޫނެވެ. -- އަލްޖަޒީރާ