އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ އިސްތަށިފުޅުގައި ޒިނޭގެ ތުހުމަތު އެޅުވި މައްސަލަ ފުލުހުންނަށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

ރައީސް ސޯލިހުގެ ބޮލުގައި ނަޝީދު ޒިނޭގެ ތުހުމަތު އެޅުވި މައްސަލަ ތަހުގީގުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ހުށަހެޅީ ގާނޫނީ ވަކީލު އަހްމަދު ތޯލިބެވެ.

ތޯލިބު ފޮނުވި ސިޓީގެ ޖަވާބުގައި ވަނީ އެ މައްސަލަ ފުލުހުންގެ އިދާރާއަށް ހުށަހެޅުމުގެ ފުރުސަތު އޭނާއަށް އޮންނާނެ ކަމަށެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވައްޓަސްއެޕް ގުރޫޕަށް ޖުލައި މަހުގެ 29ވަނަ ދުވަހު ނަޝީދު ފޮނުއްވެވި މެސެޖެއްގައި ވަނީ ރައީސް ސޯލިހު އަންހެނަކާއެކު ޒިނޭކުރާ ފޮޓޯތަކެއް އެމަނިކުފާނުގެ އަތުގައި އެބަހުރި ކަމަށެވެ.

އޭގެފަހުން އިނގިރޭސިވިލާތުގައި ރެސްޓޯރަންޓެއްގެ ތެރޭގައި އިންނަވަނިކޮށް ނަޝީދުގެ ފޯނު ފޭރިގަނެފައިވާ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

ރައީސް ސޯލިހުގެ އިސްތަށިފުޅުގައި އެޅުވި ތުހުމަތު ސާބިތުކޮށްދިނުމަށް އެތައް ބަޔަކު އެދުމުން ވެސް ނަޝީދަށް އެކަން ނުކުރެއްވުނެވެ.

ނަޝީދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކަމާ ގުޅޭގޮތުން ކުރި ސުވާލުތަކަށް ޖަވާބުދިނުމުގެ ބަދަލުގައި ދެ ބޭފުޅުންގެ ފޮޓޯ އަލްބަމެއް އޮންނާނެ ކަމަށް ވިދާޅުވެ އެއީ ވިދާޅުނުވާ ވާހަކަފުޅެއް ކަމަށް ހެއްދެވުމަށް އެމަނިކުފާނު ވަނީ މަސައްކަތް ކުރައްވާފަ އެވެ.