މާލޭގައި މިނީ ބަހުގެ ހިދުމަތް ދިނުމަށްޓަކައި ގެނެސްފައިވާ ބަސްތައް ގަތުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށް އެމްޓީސީސީއިން ބުނެފި އެވެ.

އެމްޓީސީސީއިން މިހެން ބުނެފައިވަނީ އޮންލައިން ނޫހެއް ކަމަށްވާ ދިޔަރެސް ނޫހުގައި "އެމްޓީސީސީގެ ބަސް ޕްރޮޖެކްޓް: 222 މިލިޔަނުގެ ކޮރަޕްޝަނެއް" ނަމުގައި ލިޔެފައިވާ ލިޔުން ކުށްވެރިކޮށް ނެރުނު ބަޔާނެއްގައި އެވެ.

އެމްޓީސީސީން ބުނީ ރާއްޖެ ޓްރާންސްޕޯޓް ލިންކުން މާލެއަށް ތައާރަފުކުރި ބަހުގެ ހިދުމަތަށް އާންމު ރައްޔިތުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުންދިޔަ ނަމަވެސް މިކަން ރައްޔިތުންނަށް އޮޅޭ ފަދަ ގޮތަކަށް އަދި ކުންފުނި ބަދުނާމު ކުރުމުގެ ނިޔަތުގައި، "ދިޔަރެސް" ނޫހުގައި މިއަދު ޝާއިއު ކޮށްފައިވާ ހަބަރަކީ ކަނޑައެޅިގެން ހަގީގަތާއި ހިލާފު ދޮގު ހަބަރެއް ކަމަށެވެ."

"ދިޔަރެސް" ނޫހުގައި ޝާއިޢުކުރި ޚަބަރުން، ރައްޔިތުންގެ ހިތުގައި މި ކުންފުންޏަށާއި، މި ކުންފުނިން ކުރިއަށްގެންދާ އުމްރާނީ ތަރައްގީގެ މަޝްރޫޢުތަކާއި، ކުންފުނިން ފޯރުކޮށްދެމުން ގެންދާ އާންމު ދަތުރުފަތުރުގެ ޚިދުމަތާމެދު، އުފެދިފައިވާ އިތުބާރާއި، ލޯބި ފަނޑު ކޮށްލަން، ގަސްތުގައި މަސައްކަތް ކޮށްފައިވާކަން އެނގެ އެވެ.

މިއީ، ދެފުށް ފެންނަ މިނިވަން ނޫސްވެރިކަމެއް ދިވެހިރާއްޖޭގައި ކުރިއަށްދާ ޒަމާނެއްގައި، ހަގީގަތް އޮޅުވާލުމަށް "ދިޔަރެސް" ނޫހުން ހިންގި، ވަރަށް ނާތަހުޒީބު ޢަމަލެކެވެ." އެމްޓީސީސީގެ ބަޔާނުގައިވެ އެވެ.

އެމްޓީސީސީން ވަނީ އެއީ ދެފުށް ފެންނަ މިނިވަން ނޫސްވެރިކަމެއް ރާއްޖޭގައި ކުރިއަށްދާ ޒަމާނެއްގައި، ހަގީގަތް އޮޅުވާލުމަށް "ދިޔަރެސް" ނޫހުން ހިންގި، ވަރަށް ނާތަހުޒީބު އަމަލެއް ކަމަށްވެސް ބުނެފަ އެވެ. އަދި މިކަން ކުރުމުގެ މަގުސަދަކީ، ޒާތީ ތައައްސުބް އިސްކޮށް، ސިޔާސީ މަންފާއެއް ހޯދުން ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

މިފަދަ ކަންކަން މަދު ފަރާތްތަކުން ކުރަމުން ގެންދިއަ ނަމަވެސް، މީޑިއާގެ ވަސީލަތް ތަކުން، ޒިންމާދާރު ނޫސްވެރިކަމެއް ކުރަމުން ގެންދާކަމަށާއި އޭގެ އިތުރުން، ކުންފުނި ބަދުނާމު ވާގޮތަށް އަދި އާންމު ރައްޔިތުންގެ މެދުގައި، ކުންފުންޏަށް އޮތް އިތުބާރު ގެއްލޭ ގޮތަށް، ދޮގު ހަބަރު ނުފެތުރުމަށް "ދިޔަރެސް" ނޫހަށް އެމްޓީސީސީން ވަނީ އިލްތިމާސްކޮށްފަ އެވެ.