ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކާޖޮލްގެ ފުރަތަމަ ވެބް ސީރީޒް 'ދަ ގުޑް ވައިފް"ގެ ޓީޒާ ނެރެފި އެވެ.

ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ކާޖޮލްގެ ފުރަތަމަ ވެބް ސީރީޒް "ދަ ގުޑް ވައިފް" ގެ ޓީޒާ ޓްރެއިލާ އާންމުކޮށްފައިވާއިރު އެސީރީޒްގައި ކާޖޮލް ފެނިގެންދާނީ ވަކީލެއްގެ ގޮތުގައި އެވެ.

މިއީ ހަމަ އެ ނަމުގައި ގެނެސްދިން އެމެރިކާގެ މަގުބޫލު ސީރީޒް އަސްލަކަށް ބަލައިގެން ހަދާފައިވާ ސީރީޒެކެވެ.

އިންޑިއާގެ ކޯޓްތަކުގެ ރަހަތަށް ހެޔޮވަރު ކޮށްގެން ގެނެސްދޭ މި ވެބް ސީރީޒް ގެ ޑައިރެކްޓަރަކީ ސުޕަން ވަރުމާ އެވެ. އޭނަ އަކީ "އޭކް ކިލާޅީ، އޭކް ހަސީނާ" އަދި "އެސިޑް ފެކްޓްރީ" ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރެވެ.

ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ކާޖޮލްގެ އޭނަގެ އަލަތު ވެބް ސީރީޒް "ދަ ގުޑް ވައިފް" ބެލުންތެރިންނަށް ގެނެސްދޭނެ އިރެއް އިއުލާނެއް އަދި ނުކުރެ އެވެ.

އެމެރިކާގެ ސީރީޒް "ދަ ގުޑް ވައިފް" ގެނެސްދީފައިވަނީ 2009 އަހަރުން ފެށިގެން 2016 ވަނަ އަހަރުގެ ނިޔަލަށެވެ.

ކާޖޮލް މި ސީރީޒުން ފެނިގެންދާއިރު ބޮލީވުޑް ފިލްމަކުން އޭނާ ދެން އެންމެ އަވަހަށް ފެނިގެންދާނީ "ސަލާމް ވެންކީ" އެވެ. ކާމިޔާބު ގިނަ ފިލްމުތަކެއް އާންމުންނާ ހަމައަށް ގެނެސްދިން ކާޖޮލް އެންމެ ފަހުން ފެނިގެންދިޔައީ 2021 ވަނަ އަހަރު ނެޓްފްލިކްސްގައި ރިލީޒްކުރި ފިލްމު "ތްރިބަންގާ" އިންނެވެ.