ރިޔާދު (11 ސެޕްޓެމްބަރު) - 2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މުބާރާތުގެ ފައިނަލް މެޗު ބާއްވަން އިތުރު ގައުމުތަކަކާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް ސައޫދީ އަރަބިއާއިން ބުނެފި އެވެ.
އެގޮތުން ގްރީސްއާއި މިސްރާއެކު ޖޮއިންޓް ބިޑެއް ހުށައެޅުމުގެ މަޝްވަރާތައް މިހާރު ވެސް އެ ގައުމުތަކުގެ މެދުގައި ކުރިއަށްދާ ކަމަށް ހަބަރުތައް ބުނެ އެވެ.
ސައޫދީ އަަރަބިއާގެ ކުޅިވަރު މިނިސްޓަރު މުހައްމަދު ފައުޒީ ވިދާޅުވީ މި ތިން ގައުމު ގުޅިގެން 2030 ވަނަ އަހަރުގެ ވޯލްޑް ކަޕް ވަރަށް ރަނގަޅަށް އިންތިޒާމް ކުރެވޭނެ ކަމަށެވެ.
ފާއިތުވެ ދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި މިސްރުގައި ދުނިޔޭގެ ފެންވަރުގެ ގިނަ މުބާރާތްތަކެއް ބާއްވާފައިވާކަން ފާހަގަ ކުރައްވަމުން އޭނާ އިތުރަށް ވިދާޅުވީ މިސްރަކީ މިފަދަ މުބާރާތެއް ބާއްވަން އެންމެ އެކަށޭނަ ގައުމު ކަމަށެވެ.
ދުނިޔޭގެ ފެންވަރުގެ ކުޅިވަރު މުބާރާތްތައް ބޭއްވުމަކީ ސައޫދީ އަރަބިއާގެ ވިޝަން 2030 ގެ ދަށުން ކަނޑައަޅާފައިވާ އެއް ކަމެވެ.
މި ތިންގައުމުގެ އިތުރުން ޕެރެގުއޭ، ޗިލީ އަދި އުރުގުއޭއިން ވެސް އަންނަނީ މި މުބާރާތަށް ޖޮއިންޓް ބިޑެއް ހުށައެޅުމުގެ މަސައްކަތް ކުރަމުންނެވެ.
މިއަހަރުގެ ވޯލްޑް ކަޕް ގަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ އިރު އެގައުމުން އަންނަނީ މުބާރާތަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ. -- އަލް އަރަބިއްޔާ