ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުން ދޭ އިނާޔަތް ބޮޑުކުރަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ،

ދެކުނުގެ އަތޮޅުތަކަށް ހާއްސަކޮށްގެން ލ. އަތޮޅުގައި ބޭއްވި ވިޔަވަތި ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރު އެކުލަވާލުމަށް މިހާރު ކުރިއަށްދާ މަަސައްކަތް ނިމުމާއެކު ސަރުކާރުން އެމީހުންނަށް ދޭ އިނާޔަތް، ބޮޑުކޮށްދެއްވާނެ ކަމަށެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މާލީ އިނާޔަތެއްގެ ގޮތުގައި ސަރުކާރުން މިހާރު ދެމުންގެންދަނީ 2000 ރުފިޔާއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުނަށް ސަރުކާރުންދޭ އިނާޔަތްތައް ބޮޑުކުރަންޖެހޭ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްދިވްސް (އެޗްއާރްސީއެމް) އިން ވެސް މީގެކުރިން ވަނީ ބުނެފައެވެ.

ރާއްޖޭގައި 36000އަށްވުރެ ގިނަ މީހުން ނުކުޅެދުންތެރިކަން ތަޙައްމަލް ކުރަމުން އަންނަކަމަށް ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާސްހިސާބުތަކުން ދައްކައެވެ

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އެލަވަންސް ބޮޑުކުރަން ދަނގެތީ ދައިރާގެ މެންބަރު މުހައްމަދު ނާޒިމް މީގެކުރިން ގާނޫނަށް އިސްލާހު ހުށަހެޅުމުން އެމްޑީޕީން ވަނީ އެ އިސްލާހު މަޖިލީހުން ބޭރުކޮށްލައިފައެވެ.

ރައީސްގެ ވާހަކަފުޅުގައި އިޖުތިމާއީ ރައްކާތެރިކަން ގާއިމްކޮށްދިނުމުގައި ކައުންސިލްތަކުން ވީހާވެސް ބޮޑަށް އެއްބާރުލުން ދެއްވުމަށް އެދިވަޑައިގަތެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތައް އުވާލައި އެ ކޮމިޓީތަކިުގެ މެންޑޭޓް ކައުންސިލްތަކަށް ގެނައުމަކީ އެމަނިކުފާނު ގެންގުޅުއްވާ ސިޔާސަތެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުންނަކީ ފުލްޓައިމް ބައެއްގެ ގޮތުގައި ހެދުމާ ގުޅޭގޮތުން ވިސްނަންޖެހޭ ކަމަށެވެ.