އދ.ގެ އާންމު މަޖިލީހުގެ ރައީސްކަން ލިބިވަޑައިގަތުމަކީ މިހާތަނަށް ރާއްޖެއަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އދ. ގެ މައި އިދާރާގައި ދެއްވި ވަދާއީ ތަގުރީރުގައި ޝާހިދު ވަނީ ރާއްޖެ އޭނާއަށް އެ ފުރުސަތު ދެއްވި ކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ޝުކުރު ދަންނަވައިފަ އެވެ.

ކާމިޔާބު ކަމާއެކީ އެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރެވުމަކީ ރައީސްގެ ފޮރިން ޕޮލިސީ އާއި ހުރިހާ ގައުމުތަކާ ގުޅިގެން މަސައްކަތްކުރުމުގެ ސިޔާސަތަށް ވެސް ލިބުނު ކާމިޔާބީއެއް ކަމަށް ޝާހިދު ވިދާޅުވި އެވެ.

އދ. ގެ އާންމު މަޖިލީހުގެ ރައީސްކަމުގައި ޝާހިދު ފުރަތަމަ ރިޔާސަތު ބެލެހެއްޓެވީ ސެޕްޓެމްބަރު 14، 2021 ގަ އެވެ. އެ މަގާމަށް ޝާހިދު ހޮވިވަޑައިގަތީ 143 ގައުމެއްގެ ތާއީދާއެކުއެވެ.

ޝާހިދު އެ މާގާމުގައި ހުންނެވި ދުވަސްވަރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރައްވާ ރާއްޖޭގެ ހާރިޖީ ޓީމުގެ މުވައްޒަފުން މަސައްކަތް ކުރެއްވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ހަލީލުގެ އިރުޝާދުގެ ދަށުންނެވެ. ޝާހިދު ވިދާޅުވީ އަހްމަދު ހަލީލްގެ ލީޑާޝިޕްގައި އެންމެހައި މުވައްޒަފުން ރެއާއި ދުވާލު މަސައްކަތްކުރެއްވީ އެއް އަޒުމެއްގައި ކަމަށާއި އެއީ "ރާއްޖޭގެ ދިދަ އެންމެ އުހުގައި ވިހުރުވާލުމަށް" ކަމަށެވެ.

އޭނާ ވިދާޅުވީ އާންްމު މަޖިލީހުގެ ރައީސްކަމާ ހަވާލުވެވަޑައިގަންނަވަމުން އެންމެ އިސްކަމެއް ދެއްވާނެ ކަމަށް ވިދާޅުވި ކަންކަމާ ގުޅޭ ދާއިރާތަކުން ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ.

ކުރެވުނު މުހިންމު ކަންތައްތައް ފާހަގަކުރައްވައި ޝާހިދު ވިދާޅުވީ ހަމަހަމަ ކަމާއެކު އެންމެނަށް ވެކްސިން ފޯރުކޮށްދިނުމަށް މުހިންމު މަޝްވަރާ ބައްދަލުވުންތައް ބޭއްވުނު ކަމަށެވެ. އަދި ދެމެހެއްޓެނިވި ގޮތަށް ޓޫރިޒަމް ދާއިރާ ކުރިއެރުވުމަށް ކުރި މަސައްކަތުގެ ތެރެއިން އދ. ގެ ތާރީހުގައި ފުރަތަމަ ފަހަރަށް އާންމު މަޖިލީހުގައި ޓޫރިޒަމްއާ ގުޅޭ ގޮތުން މަޝްވަރާކުރެވުނު ކަމަށް ވިދާޅުވި އެވެ.

ކޮވިޑުގެ ހާލަތުން އަރައިގަނެ، ގައުމުތަށް އަލުން އާރާސްތުކުރަން އެހީތެރިކަން ދެވުނު ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ފުރަތަމަ ފަހަރަށް އިންޓަނޭޝަނަލް މައިގްރޭޝަން ރިވިއު ފޯރަމެއް ބޭއްވުމާއި ފުރަތަމަ ފަހަރަށް އާންމުންނަށް، އާންމު މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވެވޭނެ ފުރުސަތު ދިނުމަކީ ވެސް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ޝާހިދު ސިފަކުރެއްވި އެވެ.