(8 ޑިސެމްބަރު) - ކޮވިޑް-19 އިން ސަލާމަތްނުވެވިގެން އުޅެނިކޮށް ގޮތްނޭނގޭ އެހެން ބައްޔެއްގައި އެތައް ބަޔަކު އިންޑިއާގައި އެޑްމިޓްކޮށްފި އެވެ.

އިންޑިއާގެ ދެކުނުގެ ސްޓޭޓެއްކަމަށްވާ އަންދްރަ ޕްރަދޭޝްގެ އެލުރު ޓައުންގައި ގޮތްނޭނގޭ މިބަލި ޖެހިގެން 227 މީހުން އެޑްމިޓްކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. މިބަލި ޖެހޭ މީހުންގެ ކިބައިން ފެންނަ އަލާމާތްތަކުގެ ތެރޭގައި ބޯއެނބުރުމާއި، ފިޓް ޖެހުން އަދި ހޭނެތުން ވެސް ފާހަގަކުރެވޭ ކަމަށް ޑޮކްޓަރުންނާއި ހަވާލާދީ ބުނެފައިވެ އެވެ.

އެލުރު ހޮސްޕިޓަލުގެ މެޑިކަލް އޮފިސަރަކާއި ހަވާލާދީ އިންޑިއަން އެކްސްޕްރެސް ނޫހުގައި ބުނެފައިވަނީ ބަލިވި މީހުންގެ ތެރެއިން ހާއްސަކޮށް ކުޑަކުދިން ކުއްލިއަކަށް ހޮޑުލާންފަށައި އަދި ފިޓް ޖެހުނު ކަމަށާއި އަދި ބައެއް ކުދިން ހޭވެސްނެތުނު ކަމަށެވެ.

ސްޓޭޓްގެ ޗީފް މިނިސްޓަރު ވިދާޅުވީ މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަމް ބެލުމަށް ހާއްސަ ޓީމްތަކެއް ފޮނުވަން ފަށާފައިވާ ކަމަށެވެ. އަދި ބަލިވި މީހުންގެ ލޭގެ ސާމްޕަލްތަކުން ވައިރަލް އިންފެކްޝަންއެއްގެ އަސަރުފެނިފައި ނުވާކަމަށާއި ގިނަމީހުން ބަލިވި ތަންތަނަށް ޒިޔާރަތްކުރުމަށްފަހު ބެލިބެލިމުން ބޮޑަށް ފާހަގަކުރެވެނީ ތަޣައްޔަރުވެފައިވާ ފެން ބޭނުންކުރުމުން ނުވަތަ ވައި ނުސާފުވުމުގެ ސަބަބުން ދިމާވި ކަމެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް އަސްލު ސަބަބު އެނގޭވަރުވާނީ ޓެސްޓްގެ ނަތީއްޖާ ލިބުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

އަންދްރަޕްރަދޭޝް އަކީ އިންޑިއާގައި ކޮވިޑް ކޭސްތައް އެންމެ ގިނަކޭސްތައް ރިކޯޑްކުރެވުނު ސްޓޭޓްތަކުގެ ތެރެއިން ސްޓޭޓެކެވެ. މި ސްޓޭޓުން 800،000 މީހުންނަށް ވުރެގިނައިން ޕޮޒިޓިވް ކޭސްތައް ރިކޯޑްކުރެވިފައިވެ އެވެ. އަންދްރަ ޕްރަދޭޝް ސްޓޭޓްގެ ހެލްތް މިނިސްޓަރު ވިދާޅުވިގޮތުގައި މި ހަފްތާގައި ހޮސްޕިޓަލުގައި އެޑްމިޓް ކުރެވުނު މީހުންނަކީ ކޮވިޑާއި ގުޅުންހުރި ކޭސްތަކެއް ނޫންކަމަށާއި އަދި އެޑްމިޓްކުރެވުނު އެއްވެސް މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައި ވެސް ނުވެ އެވެ.

އެޑްމިޓްކުރި މީހުންގެ ތެރެއިން 70 މީހުން މިހާރުވަނީ ހޮސްޕިޓަލުން ދޫކޮށްލާފައި ކަމަށާއި އަދި ބަކީ 157 މީހުން އަދިވެސް ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދެމުން ގެންދާކަމަށް ވެސް ފާހަގަކުރެއްވި އެވެ.

އިދިކޮޅު ދެސަމް ޕާޓީއިންވަނީ މިހާ ގިނަބަޔަކު ބަލިވި ސަބަބު ބެލުމަށް ފުރިހަމަ ތަހްގީގގެއް ހިންގުމަށް ގޮވާލާފަ އެވެ. އަދި އެޕާޓީން ބުނިގޮތުގައި ފެން ތަޣައްޔަރުވެފައިވާ ކަމަށް ނިންމުމަކުން މައްސަލަ ހައްލު ނުކުރެވޭނެ ކަމަށާއި މިކަމަކީ ސަރުކާރުން އަންދްރަ ޕްރަދޭޝްގެ ސިއްހީނިޒާމަށް އަޅާނުލާކަމުގެ ނިޝާނެއް ކަމަށް ބުނެފައިވެ އެވެ. ގައުމުގެ ރައްޔަތުންނަށް ބޭނުންވާ ސާފު ބޯފެން ފޯރުކޮށްނުދެވޭ ސަރުކާރަކީ ފޭލްވެފައިވާ ސަރުކާރެއްކަމަށާއި އަދި އެކަމާ ލަދުގަންނަން ޖެހޭނެ ކަމަށްވެސް އެ ޕާޓީން ބުނެ އެވެ. ބީބީސީ