ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ގެނައުމަކީ، ކުޑަކުދިންނަށްދިމާވާ މައްސަލަތަކަށް އޮތް ހަމައެކަނި ހައްލު ނޫންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި "ޗައިލްޑް ރައިޓްސް ސިމްޕޯޒިއަމް" އިފްތިތާހުކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ކުޑަކުދިންގެ ހެދި ބޮޑުވުމަށާއި، އެކުދިންގެ ސަލާމަތާއި ރައްކާތެރިކަމަށް ވެސް އެންމެ މުހިންމީ އާއިލީ ގުޅުމުގެ ބަދަހިކަން ކަމަށެވެ. އަދި ޢާއިލާގެ ތެރެއިން އެކުދިންނަށް ލޯތްބާއި އޯގާތެރިކަން އިހުސާސްވާނީ، ގެވެށި ގުޅުން ބަދަހިވި ވަރަކުން ކަމަށާއި، އެހެންކަމުން ގެވެށި ގުޅުން ބަދަހިކުރުމަށް ސަރުކާރުން ބޮޑު އަހަންމިއްޔަތުކަމެއްދީ، މިހާރުވެސް ގިނަ ޕްރޮގްރާމްތަކެއް ހިންގަމުންދާކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.

ރައީސް ވިދާޅުވީ، ދައުލަތުން އޯގާތެރިކަމާއެކު، ކުދިން ބެލެހެއްޓިނަމަވެސް މައިންބަފައިންގެ ލޯބިން މަޙްރޫމުވުމުން ކުޑަކުދިންނަށް އެލިބޭ އުނިކަމާއި ހިތްދަތިކަން ފޫބެއްދޭނެ ގޮތެއް ނޯންނާނެ ކަމަށެވެ.

ހަމައެހެންމެ ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ގެނައުމަކީ، މައްސަލަތަކަށް އޮތް ހަމައެކަނި ޙައްލު ނޫންކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، އެކުދިންގެ ކުރިމަގަށް ވެސް އެންމެ ރަނގަޅު ގޮތަކީ، ގާތްތިމާގެ މީހުންނާ އެކުގައި މުޖްތަމަޢާ ލާމެހިގެން އުޅެވޭނެ ގޮތެއް ހޯދައިދިނުން ކަމަށެވެ.

"ޗައިލްޑް ރައިޓްސް ސިމްޕޯޒިއަމް" އިފްތިތާހުކޮށްދެއްވައި ރައީސް ސޯލިހު ވާހަކަދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް

މިގޮތުން ކުޑަކުދިންގެ ހިޔާ އަދި ހުޅުމާލެ ފިޔަވަތީގައި ދައުލަތުގެ ފަރާތުން ބަލަހައްޓަމުން އައި ކުދިންނަށް އިޖްތިމާޢީ ޢާއިލީ ވެއްޓެއް ހޯދައިދިނުމަށް، 6 ރަށެއްގައި ޖެންޑާ މިނިސްޓްރީގެ ފަރާތުން އަމާން ވެށިތަކެއް ގާއިމުކޮށް، އެ ކުދިން ވާނީ އެ ތަންތަނަށް ބަދަލުކުރެވިފައި ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.

އޭގެ އިތުރުން ކުޑަކުދިން މަސްތުވާތަކެތީގެ ނުރައްކަލުން ސަލާމަތްކުރުމަށްޓަކައި ވެސް މަސައްކަތް ކުރުމަކީ މިއަދު އުފުލަންޖެހިފައިވާ އެންމެ ބޮޑުއެއް ޒިންމާކަން ރައީސް ފާހަގަކުރައްވާފައިވެ އެވެ.

ރައީސް އިތުރަށް ވިދާޅުވީ، "ޗައިލްޑް ރައިޓްސް ސިމްޕޯޒިއަމް" ބޭއްވީ އެކަމަށް ނުހަނު ބޭނުންވެފައިވާ ދަނޑިވަޅެއްގައި ކަމަށެވެ. އެގޮތުން، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގައި ހުރި ގޮންޖެހުންތަކަކީ ކޮބައިކަން، މަހާސިންތާގެ މަޝްވަރާތަކުން ދެނެގަނެވޭނެ ކަމުގައި ރައީސް ވިދާޅުވި އެވެ.