ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ރަންބީރު ކަޕޫރާއި އާލިއާ ބަޓް އެކީގައި ފެނިގެންދާ ފުރަތަމަ ފިލްމު "ބްރަމްސްތްރާ" މިދިޔަ ހުކުރު ދުވަހު ވަނީ ސިނަމާތަކުގައި ރިލީޒްކޮށްފަ އެވެ. މިފިލްމަށް ބޮކްސް އޮފީހުގައި އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.

ފިލްމު އެޅުވި ހަފްތާ ނިމިނުއިރު އިންޑިއަން ބޮކްސް އޮފީހުގައި ގާތްގަނޑަކަށް 120 ކްރޯޑް ރުޕީސްގެ އާމްދަނީއެއް މި ފިލްމަށް ވަނީ ލިބިފައެވެ. މިއީ އެންމެ ބޮޑު އާމްދަނީއެއް ފިލްމު އެޅުވި ހަފްތާގައި ލިބުނު އެއް ހިންދީ ފިލްމެވެ.

ޑައިރެކްޓަރު އަޔާން މުކަރުޖީގެ "ބްރައްމަސްތުރާ" އަށް ބޮޑު ކާމިޔާބީއެއް ލިބެމުން މި އަންނަނީ ބޮލީވުޑްގެ ގިނަ ފިލްމުތަކަށް ފާޑުކިޔައި ފިލްމުތައް ބޮއިކޮޓް ކުރަން ގޮވާލާ ދުވަސްވަރެއްގަ އެވެ. ފިލްމަށް ބޮޑު ކާމިޔާބީއެއް ލިބެމުން ދިއުމުގެ މައިގަނޑު ސަބަބަކީ މީގެ ޕްލޮޓް ރަނގަޅުވެފައި، މީގައި އިންޑިއާގެ ފިލްމަކުން ކުރިން ފެނިފައި ނުވާ ފަދަ މޮޅު ވީއެފްއެކްސް ފެނުން ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެ އެވެ.

https://www.instagram.com/reel/CiZeHa_Azg6/?utm_source=ig_embed&ig_rid=de0d1ebf-10c7-45c1-b597-318e68835522

އިންޑިއާގެ އިތުރުން އެހެން ޤައުމުތައް ކަމަށްވާ އޮސްޓްރޭލިއާ، ނިއުޒީލޭންޑް އަދި އެމެރިކާގެ ޗާޓުތަކުންވެސް މި ފިލްމު ވަނީ ޖާގަ ހޯދާފަ އެވެ. މުޅި ދުނިޔެއަށް ބަލާއިރު މި ފިލްމަށް މިހާތަނަށް ވަނީ 212 ކްރޯޑް ރުޕީސް އާމްދަނީއެއް ލިބިފަ އެވެ.

މީގެއިތުރުން ފިލްމުގެ ލީޑް ދެ ތަރިން ކަމަށްވާ ރަންބީރާއި އާލިއާ ބަޓްގެ ޖޯޑުވެސް ބެލުންތެރިންނަށް ވަނީ ވަރަށް ކަމުގޮސްފަ އެވެ. މިއީ މި ދެމަފިރިން އެކީގައި ކުޅުނު ފުރަތަމަ ފިލްމު ވެސް މެއެވެ. ފިލްމުގެ ކާމިޔާބީއާއެކު ރަންބީރާއި އާލިއާއަށްވެސް ވަނީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިފަ އެވެ.

https://www.instagram.com/p/CiZdL0-AUn0/

400 ކްރޯޑް ރުޕީސްގެ ބަޖެޓަކުން އުފެއްދި "ބްރަމަސްތުރާ: ޕާޓް ވަން-ޝިވާ" ވަނީ ހިންދީ ބަހުގެ އިތުރުން ތަމަޅަ، ޓެލެގޫ، މަލަޔާޅަމް އަދި ކަންނާޑާ ބަހުން ވެސް ޑަބްކޮށްގެން ގެނެސްދީފަ އެވެ.

https://www.instagram.com/reel/CiCZZ7IgiRY/?utm_source=ig_embed&ig_rid=10cbf042-4a9f-449e-9714-f2449776579b

މިއަހަރު ވެފައިވަނީ ބޮލީވުޑްގެ ނަން މަޝްހޫރު ބައެއް ތަރިންނަށް އެހާ ކާމިޔާބު އަހަރަކަށް ނޫނެވެ. ބޮއިކޮޓް ކުރުމުގެ ޓްރެންޑާއެކު ބޮލީވުޑްގެ އޭ ލިސްޓުގައި ހިމެނޭ ބައެއް ތަރިންގެ ފިލްމުތައް ވަނީ ފްލޮޕްވެފަ އެވެ. މީގެ ތެރޭގައި އަކްޝޭ ކުމާރު، އާމިރު ޚާންފަދަ ތަރިން ހިމެނެއެވެ.