ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމާއި ދައުލަތުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު ދަށްވުމާ ގުޅިގެން އޮކްޓޫބަރު 17 ވަނަ ދުވަހު ފްރާންސްގެ އެކި ސިޓީތަކުގައި ފެށި މުޒާހަރާތައް ކޮންޓްރޯލުން ނެއްޓި، ފާއިތުވި ފަންސަވީހަކަށް އަހަރު ތެރޭގައި އެ ގައުމުގައި ހިނގި އެންމެ ނުރައްކާތެރި ހަމަނުޖެހުންތަކަށް ވަނީ ބަދަލުވެފަ އެވެ.

އެތައް ލައްކަ ބަޔަކު ސުލްހަވެރިކަމާއެކު މަގުތަކަށް ނުކުމެ އިހުތިޖާޖު ކުރަމުންދިޔައިރު، ހަރުކަށި ފިކުރުގެ ބައެއް ގްރޫޕްތަކުން ވަނީ ދައުލަތުގެ އިމާރާތްތަކަށް ގެއްލުންދީ، އަގުބޮޑު މުދާ ވިއްކާ ފިހާރަތަކާއި ސުޕަމާކެޓްތައް ފޭރި، ފުލުހުންގެ އުޅަނދުތަކަށާއި އޮފިސަރުންނަށް ހަމަލާދީފަ އެވެ.

ލިމޯޖް ސިޓީގެ މުނިސިޕަލްޓީ އިމާރާތުގައި ހުޅުޖަހާފައިވާއިރު، މާސޭގައި ކަޅު ހެދުން އަޅައިގެން ތިބި މުޒާހަރާގެ ބައިވެރިން ވަނީ ސިޓީ ހޯލަށް ވަދެގަނެ، އެތަނުގެ ފާރުތަކުގައި އެކި ކަހަލަ ލިޔުންތައް ކުރަހައި ގެއްލުން ދީފަ އެވެ. އަދި ލިޔޯންގައި މުޒާހަރާގެ ބައިވެރިން ވަނީ އެ ސިޓީގެ ޓޫރިސްޓް އޮފީހުގައި ހުޅުޖަހާފަ އެވެ.

ފްރާންސްގެ ބޮޑުވަޒީރު ސެބަސްޓިއަން ލެކޯނޫ ވިދާޅުވީ، ހަމަނުޖެހުންތަކުގެ ސަބަބުން ސަރުކާރު ފަހަތަށް ނުޖެހޭނެ ކަމަށެވެ. އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ކުޑަތަންވެފައި ވަނިކޮށް ހިނގަމުންދާ މި ހަމަނުޖެހުންތަކުގެ ޒިންމާ އޭނާ އެޅުއްވީ ވާތު ފިޔައިގެ ހަރުކަށި ފިކުރުގެ މީހުންނާއި ކުށްވެރިންގެ ބޮލުގަ އެވެ.

އޭނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ކުރިން މި ހަމަނުޖެހުންތަކަކީ "ވޯމްއަޕް" އެއްގެ ގޮތުގައި ބޭނުންކުރަން އުޅޭ ފަރާތްތަކަށް ދޭން އޮތް މެސެޖަކީ ސަރުކާރު ބިރުނުގަންނާނެ ކަމަށެވެ. އަދި ހަމަނުޖެހުން މެދުވެރިކޮށް ސިޔާސީ އެޖެންޑާއެއް އެއްވެސް ބަޔަކަށް ތަންފީޒު ނުކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ލެކޯނޫ އިތުރަށް ވިދާޅުވި ގޮތުގައި، ހަމަނުޖެހުންތަކާ ގުޅިގެން މިހާތަނަށް 1,200 އެއްހާ މީހުން ވަނީ ހައްޔަރުކޮށްފަ އެވެ. މުޅި ގައުމުގައި ޖުމްލަ 550,000 އެއްހާ މީހުން މުޒާހަރާގައި ބައިވެރިވި ކަމަށް ސަރުކާރުން ބުނާއިރު، ސީޖީޓީ ޔޫނިއަނުން ލަފާކުރާ ގޮތުގައި މުޒާހަރާގެ ބައިވެރިންގެ އަދަދު 800,000 އަށް އަރާނެ އެވެ.

ފްރާންސްގެ ރައީސް އެމަނުއެލް މެކްރޯން ވަނީ މި ހަމަލާތައް ދިން މީހުން ހޯދައި، ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ. އޭނާ ވިދާޅުވީ، ގައުމުގެ މުއައްސަސާތައް ބަލިކަށިކޮށް، ސުލްހަވެރިކަމާއެކު ޝުއޫރު ފާޅުކުރާ މީހުންނަށް ހުރަސްއަޅަން މަސައްކަތްކުރާ ފަރާތްތަކާ ދެކޮޅަށް އެންމެން އެކަތިގަނޑަކަށް ވާންޖެހޭ ކަމަށެވެ.

ޔޫރަޕްގައި ދިރިއުޅުމުގެ ހަރަދުތައް ބޮޑުވަމުންދާތީ، އޮކްޓޫބަރު 17 ވަނަ ދުވަހު ބެލްޖިއަމް، ޕޯޗުގަލް އަދި އިޓަލީގައި ވެސް ކޮންމެވެސް ވަރެއްގެ މުޒާހަރާތަކެއް ވަނީ ކޮށްފަ އެވެ. މީގެ އިތުރުން އަލްބޭނިއާގައި ވެސް ސަރުކާރުގެ ކޮރަޕްޝަނާއި، ވަޒީފާގެ ފުރުސަތުތައް މަދުވުމާއި، ތައުލީމީ ފެންވަރު ދަށްވުމާ ދެކޮޅަށް އަލުން މުޒާހަރާ ކުރަން ވަނީ ފަށާފަ އެވެ.

މުޒާހަރާގެ ބައިވެރިން ބުނާ ގޮތުގައި ގިނަ މީހުން މަގުތަކަށް ނުކުތީ ސުލްހަވެރިކަމާއެކުގަ އެވެ. ނަމަވެސް ހަމަނުޖެހުން ހިނގަން މެދުވެރިވީ ގެއްލުން ދިނުމަށާއި ފުލުހުންނާ ކުރިމަތިލުމަށް އައިސް ތިބި ބައެއްގެ ސަބަބުންނެވެ. ގިނަ ބަޔަކު ތިބީ ފުލުހުންނާއި، ރައީސާއި، އަދި މުއްސަނދިންނާ ދެކޮޅު ޝިއާރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެންނެވެ.

މުޒާހަރާގެ ތެރެއިން ކާރެއްގައި ރޯކޮށްލާފައި --- ފޮޓޯ: ރޮއިޓާސް

ޕެރިހުގައި މުޒާހަރާކުރި 19 އަހަރުގެ ޒުވާނަކު ބުނި ގޮތުގައި، އެމީހުން ޝުއޫރުފާޅު ކުރަނީ ދިރިއުޅުމުގެ ހަރަދުތަކާއި ތެލުގެ އަގު އިންތިހާއަށް ބޮޑުވުމުންނެވެ. އަދި މުދައްރިސުން އިތުރުކުރުމަށާއި ކިޔެވުމުގެ މާހައުލު ރަނގަޅުކުރުމަށް އެދި މުޒާހަރާކުރާ ދަރިވަރުންނަށް ފުލުހުން އަނިޔާކުރާތީ އެކަމާ ދެކޮޅަށް އަޑުއުފުލުމަކީވެސް މުޒާހަރާގެ ބޭނުމެއް ކަމަށް އޭނާ ބުންޏެވެ.

ކަރުނަގޭހާއި، އަލިފާނާއި، ފޭރުން

ގިނަ މުޒާހަރާތައް ފެށުނީ މެންދުރުގެ ވަގުތުގަ އެވެ. ނަމަވެސް ބައެއް ސަރަހައްދުތަކުގައި ރަސްމީކޮށް މުޒާހަރާ ފެށުމުގެ ކުރިންވެސް ހަމަނުޖެހުންތައް ހިނގަން ފެށި އެވެ. ޕެރިހުގެ ބައެއް ހިސާބުތަކުގައި، ކަޅު ހެދުން އަޅައިގެން މޫނު ނިވާކޮށްގެން ތިބި ޒުވާނުންނާ ކުރިމަތިލާން ޖެހުމުން ފުލުހުން ވަނީ ކަރުނަގޭސް ޖަހާފަ އެވެ.

ފްރާންސްގައި ކުރިއަށްދާ މުޒާހަރާގައި އެގައުމުގެ ސިޓީ ހޯލްގައި ރޯކޮށްލާފައި --- ފޮޓޯ: ރޮއިޓާސް

ހަމަނުޖެހުން ހިންގި މީހުން ވަނީ މަޝްހޫރު 'ގަލެރީ ލަފަޔަޓް' ޑިޕާޓްމަންޓް ސްޓޯރަށް ވަންނަން މަސައްކަތްކޮށް، ބޭންކުތަކަށް ގެއްލުންދީ، 'ލަކޯސްޓް' ފަދަ ބްރޭންޑްތަކުގެ ފިހާރަތައް ލޫޓުވާފަ އެވެ. މުޅި ދުވަހު މުޒާހަރާގެ ބައިވެރިން ދިޔައީ މަގުތަކުގައި ހުރި ތަކެއްޗާއި ގިނަ އަދަދެއްގެ ކާރުތަކުގައި ހުޅުޖަހަމުންނެވެ.

ބެލްޖިއަމްގެ ބްރަސަލްސްގައި ވެސް އެތައް ސަތޭކަ ޒުވާނުންނެއް މުޒާހަރާކޮށް ފުލުހުންނާ ކުރިމަތިލާފައިވެ އެވެ. އެ ގައުމުގެ ދަރިވަރުން މުޒާހަރާ ކުރަނީ ތައުލީމީ ހަރަދުތައް ބޮޑުވުމާއި، މަތީ ތައުލީމަށް ހުރަސްއެޅިދާނެ ފަދަ އިސްލާހުތަކަކާ ދެކޮޅަށެވެ.

އަލްބޭނިއާގައި ބޮޑުވަޒީރު އެޑީ ރާމާ އިސްތިއުފާ ދިނުމަށް ގޮވާލައި ދަރިވަރުން ކުރަމުންދާ މުޒާހަރާގެ ފަސްވަނަ ދުވަހު، ފުލުހުން ވަނީ ރަބަރު ވަޒަން ބޭނުންކޮށްފަ އެވެ. ޕޯޗުގަލްގެ ލިސްބަންގައި ވެސް އެތައް ހާސް ބަޔަކު ވަނީ ބޯހިޔާވަހިކަމުގެ އަގު ބޮޑުވުމާ ދެކޮޅަށް މުޒާހަރާކޮށްފަ އެވެ. އެ ގައުމުގައި 2017 ވަނަ އަހަރަށްވުރެ ގެދޮރުގެ އަގު މިހާރު ވަނީ ދެގުނަ ބޮޑުވެފަ އެވެ. އިޓަލީގެ މިލާން އަދި ބޮލޯނިއާގައި ވެސް މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާ ދެމެދު ބޮޑެތި ކުރިމަތިލުންތަކެއް ހިނގާފައިވެ އެވެ.

ފުލުހުންގެ އަމަލުތަކަށް ފާޑުކިޔުން

ފްރާންސްގެ މުޒާހަރާތައް އެންމެ ފުރަތަމަ ސެޕްޓެމްބަރު މަހު ފެށުނީ ޕެރިހުގެ އުތުރު ސަރަހައްދުތަކުގެ ހައިސްކޫލްތަކުންނެވެ. މުދައްރިސުން މަދުވުމާއި ވަސީލަތްތައް ނެތުމުގެ ޝަކުވާއިން ފެށުނު މި ހަރަކާތް ފަހުން ވަނީ އިޖުތިމާއީ ހަމަހަމަކަމާއި ދިރިއުޅުމުގެ ފެންވަރަށް ގޮވާލާ ބޮޑު ހަރަކާތަކަށް ބަދަލުވެފަ އެވެ.

އޮކްޓޫބަރު 17 ގެ މުޒާހަރާތަކަކީ ކުރީގެ "ޔެލޯ ވެސްޓް" މުޒާހަރާތަކަށްވުރެ ބޮޑު މުޒާހަރާތަކެއް ނަމަވެސް، މިދިޔަ އަހަރު ޕެންޝަން އިސްލާހާ ދެކޮޅަށް ކުރި މުޒާހަރާތަކާ އަޅާބަލާއިރު ބައިވެރިންގެ އަދަދު މަދެވެ. ރައީސް މެކްރޯންގެ ދައުރުގެ ފަހުބައިގައި ގައުމުގެ އިގްތިސާދީ ދަތިކަމާއި ސިޔާސީ ބައިބައިވުންތަކާ ކުރިމަތިލައްވަން ވަނީ ޖެހިވަޑައިގެންފަ އެވެ.

މުޒާހަރާގެ ތެރޭގައި ފުލުހުން އަމަލުކުރި ގޮތުން ބައެއް މީހުންނަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާތީ ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ. މީގެ ތެރޭގައި ފުލުހުން އުކި ގްރެނޭޑެއްގައި އަތްލުމުން އަތް ބުރިވި ކުއްޖަކުވެސް ހިމެނެ އެވެ.

ފުލުހުންގެ އަމަލުތައް މޮނިޓަރުކުރާ އިދާރާއިން ދަނީ ފުލުހުން އަނިޔާވެރިވި ކަމަށް ބުނާ 24 މައްސަލައެއް ތަހުގީގު ކުރަމުންނެވެ.

ބޮޑުވަޒީރު ލެކޯނޫ ވިދާޅުވި ގޮތުގައި އޮކްޓޫބަރު 17 ގެ މުޒާހަރާތަކުގައި 150 އަށް ވުރެ ގިނަ ފުލުހުންނަށް އަނިޔާވެފައިވެ އެވެ. ނަމަވެސް މުޒާހަރާގެ ބައިވެރިންގެ ތެރެއިން އަނިޔާވީ ކިތައް މީހުންނަށް ކަމެއް އޭނާ ހާމައެއް ނުކުރައްވަ އެވެ.