މި އަހަރުގެ މިހާތަނަށް ރާއްޖޭގައި ހިނގާފައިވާ އެކްސިޑެންޓުތަކުގެ އަދަދު 2,000 އަށްވުރެ އިތުރުވެފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ފުލުހުންގެ ވެބްސައިޓުގައި އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، އަހަރުގެ މިހާތަނަށް އެ މުއައްސަސާއަށް ޖުމްލަ 9,912 މައްސަލައެއް ވަނީ ރިޕޯޓުކޮށްފަ އެވެ.
އެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ ވައްކަމުގެ މައްސަލަތަކެވެ. އެގޮތުން ވައްކަމުގެ 2,753 މައްސަލައެއް ހުށަހަޅާފައިވާއިރު، ދެވަނައަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ މަގުމަތީގެ އެކްސިޑެންޓުތަކެވެ. އެއީ ޖުމްލަ 2,379 އެކްސިޑެންޓެވެ. މީގެ ތެރޭގައި މި މަހު އެކަނި ހިނގި 96 އެކްސިޑެންޓެއް ވެސް ހިމެނެ އެވެ.
މާލެ ސަރަހައްދުގައި އެކްސިޑެންޓުތައް އިތުރުވަމުންދާތީ، ނުރައްކާތެރިކޮށް އުޅަނދު ދުއްވުން މަދުކުރުމަށް ފުލުހުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފަ އެވެ. އެގޮތުން މަގުމަތީގެ ގަވާއިދުތަކާ ހިލާފުވާ ފަރާތްތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރެވޭ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނު މި މަހުގެ އެކަކުން ފެށިގެން އަންނަނީ ތަންފީޒުކުރަމުންނެވެ.
މި ގާނޫނުގެ ދަށުން އުޅަނދު ރަޖިސްޓަރީނުކޮށް ނުވަތަ ގަވާއިދާ ހިލާފަށް ދުއްވައިފިނަމަ، ފުރަތަމަ ފަހަރަށް 500 ރުފިޔާއިން، ދެވަނަ ފަހަރަށް 750 ރުފިޔާއިން އަދި އިތުރުވާ ކޮންމެ ފަހަރަކަށް 1,000 ރުފިޔާއިން ޖޫރިމަނާކުރާނެ އެވެ.
ގާނޫނު ތަންފީޒުކުރަން ފެށި ފުރަތަމަ ހަތް ދުވަހުގެ ތެރޭގައި އެކަނިވެސް ގަވާއިދާ ހިލާފުވި 183 އުޅަނދެއް ޓޯކޮށް، 653 މީހަކާމެދު ވަނީ ފިޔަވަޅު އަޅާފަ އެވެ. މީގެއިތުރުން މާލެއާއި ހުޅުމާލޭގެ ޓްރެފިކް ބާރުބޮޑު ސަރަހައްދުތަކުގައި ފުލުހުން ހަރަކާތްތެރިވެ، ގަވާއިދާ ހިލާފުވާ ފަރާތްތަކަށް މެސެޖު މެދުވެރިކޮށް އަންގައި ފިޔަވަޅު އެޅުމުގެ މަސައްކަތްވެސް ފުލުހުން ވަނީ ފަށާފަ އެވެ.
ހައިވޭގައި ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސީ ގަސްދުގައި: ސީޕީ
އާންމު އުނދަގުލަކަށްވި މީހެއްގެ މައްސަލަ ނުބެލުމުން ހަޅުތާލަކަށް
އެކުގައި ކެއުން: ނަފްސާނީ ދުޅަހެޔޮ ކަމަށް ގިނަ ފައިދާތަކެއް!