އެސްޓީއޯގެ ކާޑު ގުދަނުގެ މަތީގައި ސޯލާ ޕެނަލް ހަރުކުރުމާ އެކު، އެތަނަށް ބޭނުންވާ ކަރަންޓު އެ ޕެނަލްތަކުން އުފައްދަން ފަށައިފި އެވެ.
އެސްޓީއޯއިން ބުނީ، އެ ކުންފުނީގެ "ގްރީން އިނީޝިއޭޓިވް"ގެ ދަށުން، ކަޅުތުއްކަލާކޮއްޓާ އިންވެގެން ހުންނަ ކާޑު ގުދަނުގައި އިއްޔެ ޕެނަލް ހަރުކޮށް ނިމިފައިވާ ކަމަށެވެ. އަދި އެ ޕެނަލްތަކުން ކާޑު ގުދަނަށް ބޭނުންވާ ވަރަށް ކަރަންޓު އުފައްދާ ކަމަށާއި އަދި އެތަނުން އުފައްދާ ކަރަންޓު، ސްޓެލްކޯގެ ގްރިޑަށް ފޮނުވައިގެން އެސްޓީއޯގެ މެޑިކަލް ގުދަނަށް ވެސް ކަރަންޓު ދޭ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
"މި ކުންފުނީގެ އެކި އެކި އިމާރާތްތަކުގައި ބޭނުންކުރާ ކަރަންޓް އުފެއްދުމަށް ރިނިވްބަލް އެނާޖީގެ އިތުރު ޕްރޮޖެކްޓްތައް ކުރިއަށް ވަނީ ރޭވިފައި. މީގެ އިތުރުންވެސް ގްރީން އިނީޝިއޭޓިވް ދަށުން އެތައް ޕްރޮޖެކްޓްތަކެއް ހިންގުމަށް މި ކުންފުނިން އަންނަނީ ތައްޔާރުވަމުން،" އެ ކުންފުނިން ބުންޏެވެ.
މާފަންނު ކަޅުތުއްކަލާ ކޮއްޓާ އިންވެގެން ހުންނަ އެސްޓީއޯގެ ކާޑު ގުދަނުގައި އިންސްޓޯލް ކޮށްފައިވާ ސޯލާ ފެނަލްތަކުން މި ގުދަނަށް ބޭނުންވާ ކަރަންޓުގެ އިތުރުން މިތަނުން އުފައްދާ ކަރަންޓް ސްޓެލްކޯގެ ގްރިޑަށް ފޮނުވައިގެން އެސްޓީއޯގެ މެޑިކަލް ގުދަނުގެ ކަރަންޓުގެ ބޮޑުބައެއް ވެސް ސޯލާ އެނާޖީއިން ބޭނުންކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.
މި ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ފެށީ މިދިޔަ ޖުލައި 17 ގަ އެވެ.
އެސްޓީއޯގެ ކާޑު ގުދަނަކީ ތިމާވެއްޓާ ރައްޓެހި ތަނަކަށް ހެދުމުގެ ގޮތުން ގުދަނުގައި ބޭނުން ކުރެވެމުންދަނީ ތިމާވެއްޓާ ރައްޓެހި ބެޓްރީ ފޯކްލިފްޓް ކަމަށް ވެސް އެސްޓީއޯއިން ބުނެ އެވެ.