ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން އުފައްދަން ލާޒިމްކުރާ ޖުވެނައިލް ރެޒިޑެންޝަލް ޓްރީޓްމެންޓް ސެންޓަރ ކޮޅުމަޑުލު ވޭމަންޑޫގައި ހުޅުވައިފި އެވެ.

މި ސެންޓަރު ހުޅުއްވައިދެއްވީ މި ކަމަށްޓަކައި ކޮޅުމަޑުލު ވޭމަންޑޫގައި ބޭއްވި ރަސްމިއްޔާތެއްގައި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަލީ ނަޒީރު ވިދާޅުވީ ރާއްޖޭގައި އެކި ގޮތްތުން ހަވާސާވަމުންދާ ކުޑަކުދިންގެ އެކި މައްސަލަތައް ހައްލު ކުރުމަށްޓަކައި އެކުލަވާލާފައިވާ ގާނޫނީ އޮނިގަނޑުގެ އެންމެ މުހިންމު ކަމަކީ ގާނޫނު ތަންފީޒު ކުރަންޖެހޭ ހާލަތަކަށް ކުދިން އަޔަނުދިނުން ކަމަށާއި ރެޒިޑެންޝަލް ޓްރީޓްމެންޓް ސެންޓަރު ހުޅުވުމަކީ ކުޑަކުދިންގެ ޢަދުލުގެ ނިޒާމު ތަންފީޒު ކުރުމުގެ އާ މަރުހަލާއެއްގެ ފެށުން ކަމަށެވެ.

ނަޒީރު ވިދާޅުވީ ކުށް ހުއްޓުވުމުގެ މަސައްކަތް ފެށެންޖެހޭނީ ކުށްކުރުމުގެ މާކުރިން ކަމަށާއި ކުށަށް މީހަކު އަރައިގަންނަންހުރި ސަބަބުތައް ބަންދު ކުރަންޖެހެނީ އެސަބަބައްޓަކައި ކަމަށެވެ.

"އަޅުގަނޑުމެން ސަރުކާރުން ގަބޫލުކުރާ ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސްތަކާ އެއްގޮތްވާ ގޮތުގެމަތިން ލިޔެ ތަސްދީގު ކޮށްފަ އޮތް ގާނޫނާއި އެގާނޫނުގެ ދަށުން ހެދިފައި އޮތް ގަވާއިދު ތަންފީޒު ކުރުމުގެ އާ މަރުހަލާއަކަށް މި އާދެވެނީ،" ނަޒީރު ވިދާޅުވި އެވެ.

ސްޓޭޓް މިނިސްޓަރު ވިދާޅުވީ އިމާރާތަކާއި އެހެން ބައެއް މާއްދީ ވަސީލަތްތައް ޤާއިމްކުރުމަކީ އިޖުތިމާޢީ މައްސަލަތައް ހައްލުވާ ކަމެއް ނޫންކަން އެނގިވަޑައިގަންނަވާ ކަމަށާއި ރެޒިޑެންޝަލް ޓްރީޓްމެންޓް ސެންޓަރ ހުޅުމާއެކު މި މައްސަލައިގެ ހަގީގީ މަސައްކަތް ފެށިގެންދާ ހިސާބަށް އާދެވިފައިވާ ކަމަށެވެ.

"ނިޒާމުގެ ތެރޭގައި އެކި ގޮތްތަކަށް މަސައްކަތް ކުރާ ޕްރެކްޓިޝަނަރޒްގެ މަސައްކަތް ދެން އޮތީ. އަޅުގަނޑަށް ހިތްހަމަ ޖެހުމާއެކީގައި ދަންނަވަން ކެރޭ. ސިޔާސަތު ކަނޑައެޅިއްޖެ. ގާނޫނު ހެދިއްޖެ. ގަވާއިދުވެސް ހެދިއްޖެ. އުސޫލުތައްވެސް ލިޔެވިއްޖެ. އިސްލާހު ކުރަންޖެހޭ ކިތަންމެ ކަމެއް އޭގައި އަދިވެސް ހުންނާނެ. އެހެން ނަމަވެސް މިހާރު އަޅުގަނޑުމެންނަށް ނިޒާމެއް ނެތިގެން، އޮނިގަނޑެއް ނެތިގެން މަސައްކަތް ނުކުރެވި އޮތް ޒަމާން ނިމުމަކަށް އައީ،" ނަޒީރު ވިދާޅުވި އެވެ.

ވޭމަންޑޫގައި ހުޅުވި ޖުވެނައިލް ރެޒިޑެންޝަލް ޓްރީޓްމެންޓް ސެންޓަރަކީ 18/2019، ކުޑަކުދިންގެ އަދުލުގެ ގާނޫގެ ދަށުން އުފެއްދަން ޖެހޭ މަރުކަޒެކެވެ.

ރެޒިޑެންޝަލް މަރުކަޒަކީ ކުރުމުއްދަތަކަށް ނުވަތަ ދިގު މުއްދަތަކަށް އެކަހެރިކޮށްގެން ފަރުވާދޭން ޖެހޭ ކުޑަކުދިންނާއި، އިސްލާހީ ފިޔަވަޅު އެޅުމަށްޓަކައި ދިގު މުއްދަތަށް ބަންދުގައި ބައިތިއްބަންޖެހޭ ކުދިން ބޭތިއްބުމަށް ގާއިމްކުރަން ގާނޫނުން ލާޒިމް ކުރާ މަރުކަޒެކެވެ.

ރެޒިޑެންޝަލް ޓްރީޓްމެންޓް ސެންޓަރުގައި ތިބޭ ކޮންމެ ކުއްޖަކަށްވެސް އެކުއްޖާގެ އުމުރާއި ފެންވަރާއި ބަދަލުވަމުންދާ ގާބިލިއްޔަތާއި އެކަށީގެންވާ ތައުލީމާއި ތަމްރީނާއި ހުނަރުތައް ފޯރުކޮށްދެވޭނެ އެވެ.