ހޮނިހިރު ދުވަހު އީރާނު ކައިރީގައިވާ ކަނޑުގެ ސަރަހައްދުގައި އެމެރިކާ އާއި އީރާނުގެ އަސްކަރީ ބާރުތަކުން އުޅަނދުފަހަރަށް ހަމަލާދީފި އެވެ. މީގެ ތެރޭގައި އެމެރިކާއިން ހަމަލާދިން އީރާނުގެ ތެޔޮ އުފުލާ ތިން އުޅަނދަކާއި، ހޮރްމުޒް ކަނޑުއޮޅިން ހުއްދަނެތް މަގުތަކުން ދަތުރުކުރި ކަމަށް ބުނެ އީރާނުން ހަމަލާދިން ތިން ޓޭންކަރެއް ހިމެނެ އެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ހާމަކުރި ގޮތުގައި، އީރާނުގެ ތިން އުޅަނދަކަށް ހަމަލާދީފައިވަނީ އީރާނުގެ ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން އެމެރިކާގެ ކަނޑުގެ ސިފައިންގެ ދެ މަނަވަރަކަށް ބެލިސްޓިކް މިސައިލް ފޮނުވާލުމާ ގުޅިގެންނެވެ. މީގެ ތެރެއިން އެއް އުޅަނދަށް ހަމަލާދީފައިވަނީ އީރާނުގެ ތެޔޮ ބޭރުކުރާ މައި މަރުކަޒު ކަމަށްވާ ހާރްގް އައިލެންޑް ކައިރިންނެވެ.

"އައިއާރުޖީސީ އަށް ދޭން ބޭނުންވާ މެސެޖު ސާފު. އަހަރެމެންގެ ދެ އުޅަނދަކަށް ހަމަލާދީފި ނަމަ، އޭގެ ބަދަލުގައި އެމީހުންގެ ތިން އުޅަނދެއް ނައްތާލައި، އިގްތިސާދީ ގޮތުން ބޮޑު ގެއްލުމެއް ކުރިމަތިކުރުވާނަން" މެދުއިރުމަތީގައި ހަރަކާތްތެރިވާ އެމެރިކާގެ އަސްކަރިއްޔާ ބަލަހައްޓާ ސެންޓްރަލް ކޮމާންޑްގެ އިސްވެރިޔާ އެޑްމިރަލް ބްރެޑް ކޫޕާ ވިދާޅުވި އެވެ.

މީގެ ރައްދުގައި އައިއާރުޖީސީ އިން ވަނީ އެ ސަރަހައްދުގައިވާ އެމެރިކާގެ އަސްކަރީ އުޅަނދުތަކަށް ދޭ ހަމަލާތައް ވަރުގަދަކުރާނެ ކަމުގެ އިންޒާރު ދީފަ އެވެ. އަދި ފަހުން އެ ޖަމާއަތުން ބުނެފައިވަނީ ތިން ޓޭންކަރަކަށާއި، އެމެރިކާއާ ގުޅުންހުރި އިތުރު ތިން އުޅަނދަކަށް އެކި ސަރަހައްދުތަކުން ހަމަލާދީފައިވާނެ ކަމަށެވެ.

"ޓެރަރިސްޓް" އެމެރިކާގެ އަސްކަރިއްޔާގެ މަޅީގައި ނުޖެހުމަށާއި، ހުއްދަ ނެތް ކަނޑުގެ މަގުތަކުން ދަތުރުކުރުން ފަދަ އެއްވެސް ޝައްކު އުފެދޭ ހަރަކާތެއް ނުހިންގުމަށް އައިއާރުޖީސީގެ ކަނޑުގެ ސިފައިން، އީރާނުގެ ދައުލަތުގެ ޓީވީ މެދުވެރިކޮށް ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ. އެނޫން ނަމަ ހަމަލާގެ އަމާޒަކަށް ވާނެ ކަމަށްވެސް އެ ބަޔާނުގައިވެ އެވެ.

އީރާނުގެ ނޫސް އެޖެންސީއެއް ކަމަށްވާ ތަސްނީމުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހާރްގް ސަރަހައްދުގައި އޮތް ޓޭންކަރަކަށް އެމެރިކާގެ ހަތަރު މިސައިލް ވަނީ އަރާފަ އެވެ. އެ ސަރަހައްދުގެ މަސްދަރުތަކާ ހަވާލާދީ އެ އެޖެންސީން ބުނީ އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށާއި، ޓޭންކަރުގައި ތިބި ފަޅުވެރިން ސަލާމަތްކުރަމުންދާ ކަމަށެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނި ގޮތުގައި އެމެރިކާގެ އެއްވެސް ސިފައިންގެ މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.

މި ހަމަލާތައް ބަދަލުކުރަން މި ފެށީ ފާއިތުވި ހަފުތާގެ ތެރޭގައި މަސްރަހު އިތުރަށް ގޯސްވުމާ ގުޅިގެންނެވެ. މިއީ މިދިޔަ ފެބުރުއަރީ މަހު އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދޭން ފެށި ހަމަލާތަކުގެ ސަބަބުން އުފެދިފައިވާ މައްސަލަތަކުގެ ތެރެއިން ހިނގި ކަމެކެވެ. މި ހަމަލާތަކުގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ސަޕްލައިއަށް ބުރޫއަރާފައިވާއިރު، ނޮވެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮންގްރެޝަނަލް އިންތިހާބުގެ ކުރިން ގިނަ އަދަދެއްގެ އެމެރިކާ ރައްޔިތުން ދަނީ މިކަމާ ދެކޮޅަށް އަޑުއުފުލަމުންނެވެ.

ހާރްގް އައިލެންޑާ ގުޅޭގޮތުން ޓްރަމްޕް ދެއްވި އިންޒާރުތައް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އީރާނަށް ދަތިކުރުމުގެ ފިޔަވަޅުތައް އިތުރުކޮށް، އިގްތިސާދީ ގޮތުން ފިއްތުންތައް ކުރިމަތިކުރަމުންދާއިރު، ޓްރަމްޕް ވަނީ އަސްކަރީ ފިޔަވަޅު އެޅުމުގެ ފުރުސަތު އޮތް ކަމަށް ވިދާޅުވެފަ އެވެ.

އޮގަސްޓް 31 ގައި ޓްރަމްޕް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި، އޭއައި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ވީޑިއޯއެއް ހިމަނާފައިވެ އެވެ. އެ ވީޑިއޯއިން ފެންނަނީ ހާރްގް އައިލެންޑް މުޅިން ހަލާކުކޮށްލާ މަންޒަރެވެ. އީރާނުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ހާރްޖަށް ހަމަލާއެއް ދީފި ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމަށް ބުނެފަ އެވެ.

އީރާނަކީ އޯޕެކްގެ ތިންވަނައަށް އެންމެ ގިނައިން ތެޔޮ އުފައްދާ ގައުމެވެ. ހަނގުރާމަ ފެށުމުގެ ކުރިން އެ ގައުމުން ބޭރުކުރާ ސާފުނުކުރާ ތެލުގެ 90 އިންސައްތަ ބޭރުކުރަނީ ހާރްގް އައިލެންޑް މެދުވެރިކޮށެވެ. އެޕްރީލް މަހުގެ މެދުތެރޭގައި އެމެރިކާއިން އީރާނުގެ ތެޔޮ އެކްސްޕޯޓް ބްލޮކްކުރުމާ ގުޅިގެން ތެޔޮ ބޭރުކުރުމަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފަ އެވެ.

މީގެ ކުރިންވެސް ޓްރަމްޕް ވަނީ ހާރްގަށް ހަމަލާދިނުމާ ބެހޭގޮތުން ވާހަކަދައްކަވާފަ އެވެ. ޖޫން 11 ގައި އެ ރަށް ހިފަން ބޭނުންފުޅުވާ ކަމަށް ވިދާޅުވުމަށްފަހު، ޖޫން 17 ގައި ތެހެރާނާއި ވޮޝިންޓަނުން ހަނގުރާމަ ހުއްޓާލުމުގެ ވަގުތީ އެއްބަސްވުމެއްގައި ސޮއިކުރުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން، އެތަނުގައި އަސްކަރީ އޮޕަރޭޝަނެއް ހިންގުން މަޑުޖައްސާލާފައިވާ ކަމަށް ވިދާޅުވި އެވެ.

ހާރްގަށް އެމެރިކާއިން ހަމަލާއެއް ދީފި ނަމަ، އެމެރިކާގެ ކަނޑުގެ ބްލޮކޭޑްގެ ސަބަބުން މިހާރުވެސް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ އީރާނުގެ ތެޔޮ ސިނާއަތަށާއި މުޅި އިގްތިސާދަށް އިތުރު ނުތަނަވަސްކަމެއް ކުރިމަތިވާނެ އެވެ.

ދުނިޔޭގެ ތެލުގެ ސަޕްލައިގެ ފަސްބައިކުޅަ އެއްބައި އުފުލާ މުހިންމު މަގެއް ކަމަށްވާ ހޮރްމުޒް ކަނޑުއޮޅި އީރާނުން ބަންދުކުރުމާ ގުޅިގެން، އެމެރިކާއިން ވަނީ އީރާނުގެ ބަނދަރުތަކަށް ބްލޮކޭޑެއް ކުރިމަތިކޮށްފަ އެވެ. މެދުއިރުމަތީގެ ނުތަނަވަސްކަމާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، ހުކުރު ދުވަހު ބްރެންޓް ކުރޫޑް ފިއުޗާސް ހުރީ ފީފާއެއް 96.28 ޑޮލަރުގަ އެވެ. މިއީ ޖުލައި 24 ގެ ފަހުން ތެލުގެ އަގު އެންމެ މައްޗަށް ދިޔަ ފަހަރެވެ.