ޓައިޕޭ (18 ސެޕްޓެމްބަރު) - ރެކްޓާ މިންގަނޑުން 6.8 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމަކާއެކު ޓައިވާނުގެ ބޮޑު ސަރަހައްދަކަށް ސުނާމީގެ އިންޒާރު ނެރެފި އެވެ.

ޓައިވާނުގެ މޫސުމާ ބެހޭ އިދާރާއިން ބުނީ އިއްޔެރޭ ވެސް އެ ސަރަހައްދަށް 6.4 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވާ ކަމަށާއި ނަމަވެސް އެ ބިންހެލުމުގައި އެއްވެސް މީހަކު މަރުނުވާ ކަމަށެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ދައްކާ ގޮތުގައި މިއަދުގެ ބިންހެލުން އައިސްފައިވަނީ ބިމުގެ 10 ކިލޯމީޓަރު އަޑިންނެވެ.

ޓައިވާނުގެ މީޑިއާއިން ހާމަކުރާ ގޮތުގައި މި ބިންހެލުމުގެ ސަބަބުން މަދަނީ އިމާރާތްތަކެއް ބިމާހަމަވެފައިވާއިރު ރެސްކިއު ޓީމުތަކުން އަންނަނީ އިމާރާތްތަކުގެ ދަށުވެފައިވާ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ޓައިވާނަށް އައި މި ބިންހެލުމާއެކު ޖަޕާނުން ވެސް ވަނީ ކުދިކުދި ބިންހެލުންތަކެއްގެ އިންޒާރު ނެރެ އާއްމުން ސަމާލުވެ ތިބުމަށް އަންގާފަ އެވެ.

ޓައިވާނަކީ ޖިއޮގްރަފީ ގޮތުން ބިމުގެ ދެ ސަތަހަ ގުޅޭ ސަރަހައްދެއްގައި އޮތް ގައުމެއް ކަމުން ބިންހެލުންތައް އައުމަކީ އެގައުމަށް އާއްމު ކަމެކެވެ.