ސޯލް (8 ޑިސެމްބަރު) - ސައުތުކޮރެއާގައި ކޮވިޑްގެ ތިންވަނަ ރާޅާއެކު ކޭސްތައް އިތުރުވުމާ ގުޅިގެން ސައުތު ކޮރެއާގެ ރައީސް މޫން ޖައިއިން ޓެސްކުކުރުން އިތުރުކުރުމަށް އަންގަވައިފި އެވެ.

ސައުތު ކޮރެއާގެ ޑިސީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން އެޖެންސީއިން (ކޭޑީސީއޭ) ވަނީ އާދިއްތަ ދުވަހުގެ މެންދަމާ ހަމަޔަށް 615 އައު ކޭސް ފެނުނު ކަމަށް ރިޕޯޓްކޮށްފަ އެވެ. މިއީ މިހާތަނަށް ޕޮޒިޓިވް ކޭސްތައް އެންމެ ގިނަވި ދުވަހެވެ. މިހާރު ޖުމްލަ 8،311 ޕޮސިޓިވް މީހުން އެގައުމުގެ ކަރަންޓީން ފެސިލިޓީތަކުގައި ކަރަންޓީން ކުރެވި، ފަރުވާދެމުންދެ އެވެ.

ޕޮޒިޓިވް ކޭސްތައް ޓްރޭސްކުރުމަށް ސައުތު ކޮރެއާއިން ވަނީ ޓެސްޓުކުރުން އިތުރުކޮށް، ވައިރަސް ފެތުރުން ހުއްޓުވުމަށް ކާމިޔާބު މަސައްކަތްތަކެއް ކޮށްފަ އެވެ. އޭގެ ނަތީޖާގެ ގޮތުން ލޮކްޑައުންއާއި ކަރަންޓީންނުކޮށް ކޮންޓްރޯލް ކުރެވޭގޮތްވި އެވެ.

ނަމަވެސް މި ފަހަރު ޕޮޒިޓިވް ކޭސްތައް އާދަޔާ ހިލާފަށް ގިނަވުމުގެ ސަބަބުން ސިއްހީ ނިޒާމަށް ބުރަބޮޑުވެ، ކޮންޓްރޯލް ކުރުމަށް ވަނީ ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފަ އެވެ.

ކޮވިޑް ކޮންޓްރޯލް ކުރުމަށް ސަރުކާރުގެ ހުރިހާ ވަސީލަތްތަކެއް ބޭނުންކުރުމަށާއި، އަދި ޓެސްޓްކުރުމުގެ ކެޕޭސިޓީ އިތުރުކުރުމަށް ސިފައިންނާއި، އަދި ސަރުކާރުގެ އޮފީސްތަކުގެ މީހުން ބޭނުންކުރުމަށާއި، މަސައްކަތްކުރާ ފަރާތްތަކަށް ޓެސްޓް ކުރުމުގެ ފުރުސަތު ހޯދައި ދިނުމުގެ ގޮތުން ގިނަވަގުތު ޓެސްޓްކުރުމުގެ އިންތިޒާމް ހަމަޖެއްސުމާއި އަދި ގިނަ ތަންތާނގައި ކޮވިޑަށް ޓެސްޓްކުރެވޭނެ ސެންޓަރުތައް ގާއިމްކުރުމަށް ރައީސް އެންގެވިކަމަށް ރައީސްގެ ސްޕޯކްސް ޕާސަން ވަނީ ވިދާޅުވެފަ އެވެ.

ކޭޑީސީއޭ ގެ ޑެޕިއުޓީ ޑައިރެކްޓަ ނާ ސިއޮން ވޫން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވިގޮތުގައި އަންނަ ހަފްތާއިން ފެށިގެން ޓެސްޓް ކުރުމަށް ބޭނުންކުރާނީ މިކަމަށް އަލަށް ތައްޔާރުކުރި ޓެސްޓް ކިޓެއްގައި ކަމަށާއި އަދި މިކިޓުން ކުޅު ބޭނުންކޮށްގެން ޓެސްޓް ކުރެވޭނެ އެވެ. އެހެންކަމުން އަނގައިންނާއި ނޭފަތުން ސާމްޕަލް ނަގައިގެން ޓެސްޓްކުރުމަށް ދިމާވާ ދަތިތަށް ދެން ކުރިމަތި ނުވާނެކަމަށް ވެސް ޑައިރެކްޓަ ވިދާޅުވި އެވެ.

ނާ އަންދާޒާ ކުރާގޮތުގައި މިހާރުގެ ހާލަތުން ޕޮޒިޓިވް ކޭސްތައް އިތުރުވާނަމަ ކޮންމެ ދުވަހަކު 5550-750 އައު ކޭސް ފެންނާނެ އެވެ. އަދި މި އަދަދު 900 އަށްވުރެ މަތިވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

އޭނާ އިތުރަށް ވިދާޅުވިގޮތުގައި ސަރުކާރުން ވަނީ އެޑްމިޓްކުރާ ކެޕޭސިޓީ އިތުރުކުރުމަށް މިހާރު އަމަލުކުރަމުން ދާ ބައެއް ގަވާއިދުތައް ބަދަލުކޮށްފައި ކަމަށާއި އެގޮތުން ރަނގަޅުވާ ޕޭސަންޓުން އަވަހަށް ދޫކުރެވޭނެ ގޮތްތަކެއް ކަނޑައަޅާފައިވެ އެވެ.

ކަމާ ގުޅޭ އިދާރާތަކުން ވަނީ ކޮވިޑް ރޯގާ ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޅަވަޅުތައް އިތުރަށް ވަރުގަދަކޮށްފައެވެ. އެގޮތުން ވެރިރަށް ސޯލް އަދި ކައިރި ހިސާބުގެ ތަންތަނުގައި ގައިދުރުކަން އިތުރުކުރުމާއި އަދި މި ސިޓިތަކުގެ އާންމުން އެއްވެއުޅޭ ތަންތަން ބަންދުކުރުން ހިމެނެ އެވެ. -- ޔަހޫ ނިއުސް