ޑައިރެކްޓަރު ރޯހިތު ޝެޓީ ހޯސްޓްކޮށް ކަލާޒް ޗެނަލުން ގެނެސްދޭ ރިއަލިޓީ ޝޯ "ހަތުރޯން ކޭ ކިލާޅީ" ގެ 12 ވަނަ ސީޒަންގެ ފައިނަލިސްޓުން ކަށަވަރު ވެއްޖެ އެވެ.

މިމަހުގެ 24 އާއި 25 ވަނަ ދުވަހުގެ ރޭ ދެއްކުމަށް ހަމަޖެހިފައިވާ "ހަތުރޯން ކޭ ކިލާޅީ 12" ފައިނަލިސްޓުންނަކީ ތުޝާރް ކާލިއާ، ރުބީނާ ދިލައިކް، ޖަންނަތު ޒުބައިރް، ފައިސަލް ޝެއިޚް (ފައިޒޫ)، މޯހިތު މާލިކް އަދި ކަނީކާ މާން އެވެ.

ނިމިދިޔަ ހަފުތާ ބަންދުގައި ޝޯގެ ސެމީ ފައިނަލްގެ ބުރުތައް ކުރިއަށް ގެންގޮސްފައިވާއިރު ނިޝާންތު ބަޓް އާއި ރާޖީވް އަދަތިއާ ވަނީ ޝޯ އިން ވަނީ އެލިމިނޭޓްވެފަ އެވެ.

ނިޝާ ޝޯއިން އެލިމިނޭޓްވެފައި ވަނީ އޭނާގެ ސިއްހީ ހާލަތު ހުރި ގޮތުންނެވެ. އެއީ ސައުތު އެފްރިކާގެ ކޭޕްޓައުންގެ މޫސުމާއި ގުޅިގެން ނިޝާންތު ވަރަށް ބޮޑަށް ބަލިވެ، ޑޮކްޓަރުން އޭނާއަށް ސްޓަންޓް ކުރިއަށް ގެންދިޔުން މަނާކުރުމާ ގުޅިގެނެވެ. އަދި ރާޖީވް ޝޯއިން އެލިމިނޭޓްވީ ރުބީނާ އާއި ވާދަކޮށްގެން ބަލިވެގެންނެވެ.

ފައިނަލް ޝޯގައި ރޯހިތް ޝެޓީގެ ކުރިއަށް އޮތް ފިލްމު "ސާކަސް" ޓީމު ބައިވެރިވާނެ އެވެ.

"ހަތުރޯން ކޭ ކިލާޅީ 12" ގެ އެއްވަނަ ހާސިލުކުރާ ފަރާތަކަށް ޓްރޮފީއާއި މާރޫތީ ސުޒުކީ ސްވިފްޓް ކާރެއްގެ އިތުރުން ފައިސާގެ އިނާމުވެސް ކަނޑައަޅާފައިވެ އެވެ.