ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގެ ރައްޔިތުންގެ ބައްދަލުވުމެއް މަޖިލިހުގެ އިދާރާ އަށް ދިމާވި "ޓެކްނިކަލް" މައްސަލައަކާ ގުޅިގެން ލައިވް ކުރެވި، އެ ވާހަކަތަކުގެ މައްޗަށް ލިޔެފައިވާ ހަބަރުތައް ނޫސްތަކުން ނަގަން މަޖިލިހުގެ އިދާރާއިން އެންގުމުން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެ އެސޯސިއއޭޝަނުން ބުނީ އެގޮތަށް ހަބަރު ނަގަން މަޖިލީހަށް އެންގިދާނެ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.

އެމްޖޭއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މަޖިލީހުގެ އިދާރާއަށް ހެދުނު ގޯހެއްގެ ސަބަބުން އާންމުވި، އޯޑިއޯއެއްގެ މައްޗަށް ހަބަރު ލިޔެގެން އެ ހަބަރުތައް ނެގުމަށް މަޖިލީހުން އެންގުމަކީ އެ ޖަމިއްޔާއިން ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި، ގިނައިރު ތަކެއް ވަންދެން ކޮމެޓީ ލައިވްކުރި ކަމަށާއި ހަބަރުތައް ލިޔުމުގެ ކުރިން އެކަން އެގޮތަށް ނުކުރުމަށް އަންގާފައިނުވާ ކަމަށް ބަޔާނުގައިވެ އެވެ.

"ރައްޔިތުންގެ މަޖިލީހުގެ ގަވައިދަށް ބެލުމުން އެނގޭ ގޮތުގައި ސިއްރު ކޮމިޓީތަކުގެ ސިއްރުކަން ހިފެހެއްޓުމާއި މައުލޫމާތުތައް ހާމަނުކުރުމަކީ މަޖިލީހުގެ ޒިންމާއެކެވެ. އެހެންކަން އޮތް އިރު، ނޫސްތަކުގައި ޖެހި އެ ހަބަރުތައް ނެގުމަށް މަޖިލީހުުގެ އިދާރާއަށް ސީދާ ނޫސްތަކަށް އެންގިދާނެ ކަމަށް މި ޖަމްއިއްޔާއިން ގަބޫލެއް ނުކުރަމެވެ." އެމްޖޭއޭގެ ބަޔާނުގައިވެ އެވެ.

އެޖަމިއްޔާއިން ބުނި ގޮތުގައި ނޫހެއްގައި ޝާއިއުކޮށްފައިވާ ލިޔުމަކާ ގުޅިގެން ކަންބޮޑުވުންތަކެއް ހުރި ނަމަވެސް އެ ލިޔުމެއް ނެގުމަށް ސީދާ އެ ނޫހަކަށް ނޭންގޭނެ އެވެ. އެފަދަ ކަންކަން ކުރިޔަށް ގެންދަން ޖެހޭނީ މީޑިއާ ކައުންސިލަށް ހުށަހަޅައިގެން ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފަ އެވެ.

މަޖިލީހުގެ 241 ކޮމިޓީގެ ލައިވް ފީޑް ގަޑިއެއްހާއިރަށް ދެމިގެންދިޔައިރު އެ ކޮމެޓީގައި ދެކުވުނު ހުރިހާ ވާހަކަތަކެއް މަޖިލީހުންވަނީ ލައިވްކޮށްފަ އެވެ. ފަހުން މަޖިލީހުންވަނީ އެ ފީޑް ޑިލީޓް ކޮށްފަ އެވެ.

އެ ކޮމިޓީގެ އެޖެންޑާއަކަށް އޮތީ ދިވެހި ފުލުހުންގެ ގާނޫނުގެ ދަށުން ހަދާ ގަވައިދުތަކާއި ގުޅޭ ގޮތުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާ މަޝްވަރާ ކުރުމެވެ. އެ މަޝްވަރާ ބައްދަލުވުމަށް އިމްރާން ވަނީ ކޮމިޓީ އަށް ހާޒިރުކޮށް ސުވާލު ވެސް ކޮށްފަ އެވެ.