ވޮޝިންޓަން (2 ސެޕްޓެމްބަރު) - އުތުރު ކޮރެއާއިން ރަޝިއާއަށް ހަތިޔާރު ފޯރުކޮށްދޭ ކަމަށް އެމެރިކާއިން ކުރާ ތުހުމަތުތައް އެގައުމުން ދޮގުކޮށްފި އެވެ.
އުތުރު ކޮރެއާއިން ބުނީ ޔޫކްރެއިން ހަނގުރާމައިގައި ބޭނުން ކުރަން ރަޝިއާއަށް އެއްވެސް ހަތިޔާރެއް ފޯރުކޮށްދީފައި ނުވާނެ ކަމަށާއި އަދި ކުރިއަށް އޮތް ތަނުގައި ވެސް އެކަން ނުކުރާނެ ކަމަށެވެ.
އުތުރު ކޮރެއާއިން މިހެން ބުނެފައި މިވަނީ އެގައުމުން ރަޝިއާއަށް ރޮކެޓާއި އާޓިލަރީ ހަތިޔާރު ވިއްކާ ކަމަށް ބުނެ އެމެރިކާއިން ބަޔާނެއް ނެރެފައި ވަނިކޮށެވެ.
އުތުރު ކޮރެއާއިން މިކަމަށް ދެކޮޅު ހަދާއިރު ރަޝިއާއިން ވެސް ވަނީ މި ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއް ކަމަށް ބުނެފަ އެވެ.
އުތުރު ކޮރެއާއިން ނެރުނު ބަޔާނުގައި އެ ގައުމުން އިތުރަށް ބުނީ އެމެރިކާއިން އެފަދަ ދޮގު މައުލޫމާތު ފަތުރަނީ އެގައުމުގެ އަމިއްލަ ސިޔާސީ ފައިދާއަށްޓަަކައި ކަމަށެވެ.
ފެބްރުއަރީ މަހު ފެށި ޔޫކްރެއިން ހަނގުރާމައިގައި ރަޝިއާ އަސްކަރިއްޔާއަށް ގިނަ ގެއްލުން ތަކެއް ވެފައިވާއިރު އެންމެ ފަހުގެ ހަތިޔާރު ބޭނުން ކޮށްގެން ވެސް ޔޫކްރެއިންގެ އަސްކަރިއްޔާ ފޫ އަޅުވާލެވިފައެއް ނުވެ އެވެ.
އުތުރު ކޮރެއާއަކީ އިރުމަތީ ޔޫކްރެއިންގައި ރަޝިއާއިން އިއުލާންކުރި ވަކި ދައުލަތްތައް ބަލައިގަތް މަދު ގައުމުތަކުގެ ތެރެއިން ގައުމެކެވެ. މިކަމާ ގުޅިގެން ޔޫކްރެއިން ވަނީ އެގައުމާއަކު އޮތް ޚާރިޖީ ގުޅުންތައް ކަނޑާލާފަ އެވެ. -- ބީބީސީ