ލަންޑަން (9 ޑިސެމްބަރު) - ފައިޒާ އަދި ބަޔޯ އެން ޓެކުން އުފެއްދި ކޮވިޑް ވެކްސިން އިނގިރޭސިވިލާތުގައި ދޭން ފަށާފައިވާއިރު، ވެކްސިން ދެވުނު ސިއްހީ ދާއިރާގައި މަސައްކަތްކުރާ ދެ މީހެއްގެ ފަރާތުން އަލާމާތްތަކެއް ފެނުމުން އެލާޖިކް މައްސަލަ ހުންނަ މީހުން ވެކްސިން ޖެހުމުގައި ސަމާލުވުމަށް އަންގައިފި އެވެ.

އިނގިރޭސިވިލާތުގެ ސިއްހީ ދާއިރާގައި މަސައްކަތްކުރާ މި ދެ މީހުން ވެކްސިން ޖެހި ފަހުން އިތުރު އަލާމާތްތަކެއް ފެންނަން ފެށުމުން ވަނީ އޮބްޒަވޭޝަންގައި ބާއްވާފަ އެވެ.

އިނގިރޭސި ވިލާތުގެ ނޭޝަނަލް ހެލްތް ސާވިސް (އެންއެޗްއެސް) އިން ނެރުނު ސަމާލުގައި އަލާމާތް ފެނުނު ދެ މީހުންނަކީ ސީރިއަސް އެލާޖިކް މައްސަލަތަކެއް ހުންނަ މީހުންކަމާއި، އަލާމާތްތަކުގެ ސަބަބަކީ މިއީ ކަމުގައި ފާހަގަކޮށްފައިވެ އެވެ. އަދި މިހާރު އެ ދެ މީހުން ރަނގަޅުކަމަށާއި އިތުރު މައްސަލަތަކެއް ދިމާވެފައި ނުވާ ކަމަށް ބުނެފައިވެ އެވެ.

އެންއެޗްއެސްގެ މެޑިކަލް ޑިރެކްޓަރު ވިދާޅުވިގޮތުގައި ކޮންމެ އާ ވެކްސިނެއް ވެސް ބޭނުންކުރާއިރު އެލާޖިކް މައްސަލަތައް ހުންނަ މީހުން ސަމާލުވުމަށް އަންގާނެ ކަމަށާއި، އެހެންކަމުން ކޮވިޑް ވެކްސިން ބޭނުންކުރުމުގައި ވެސް މި ފަދަ މީހުން ސަމާލުވުމަށް އަންގާފައިވެ އެވެ. އެއްވެސް ކާއެއްޗަކަށް، ބޭހަކަށް ނުވަތަ ވެކްސިންއަކަށް އެލާޖިކްވާ ކަމަށް ފާހަގަ ކުރެވޭ މީހުން މި ވެކްސިން ބޭނުން ނުކުރުމަށް އެދޭ ކަމަށާއި، ފަހަރުގައި މީގެ ސަބަބުން އިތުރު އުނދަގުލެއް ވުމަކީ އެކަށީގެންވާ ކަމެއްކަމަށް މި ސަމާލުގައި އަންގާފައިވެ އެވެ. މިފަދަ މީހަކަށް ވެކްސިން ދޭން ޖެހޭނަމަ ވެކްސިން ދޭންވާނީ ރިސަސިޓޭޓް ކުރެވޭނެ ފެސިލިޓީއެއްގައި ކަމަށް ވެސް ބުނެފައިވެ އެވެ.

ވެކްސިން އެކްސްޕާޓް ޑރ. ޕައުލް އޮފްފިޓް ވިދާޅުވީ ވެކްސިންތަކަށް އެލާޖިކް ވުމަކީ އާންމު ކަމެއްކަމަށާއި، އެމެރިކާގައި ވެކްސިން ބޭނުންކުރާ މީހުންގެ ތެރެއިން 1.4 މިލިއަން މީހުން ވެކްސިންތަކަށް އެލާޖިކް ވާކަމަށެވެ.

ޑޮކްޓަރު އިތުރަށް ވިދާޅުވީ އެންމެ މޮޅުއިތުރު ގޮތަކީ ވެކްސިން އަށް އެލާޖިކްވި ދެމީހުން އެލާޖިކްވީ ވެކްސިންގެ ކޮން މާއްދާއަކަށްތޯ ޗެކްކުރުން ކަމަށެވެ. މި ފަދަ ހަބަރުތައް ވިސްނާނުލައި ގެންނަ ނަމަ މިކަމުން ހަމައެކަނި ވާނެކަމަކީ މީހުން އިތުރަށް ބިރުގަތުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. – އެޑިޝަން