ރިޔާދު (28 ސެޕްޓެމްބަރު) ސައޫދީ އަރަބިއާގެ ބޮޑު ވަޒީރު ކަމުގެ މަގާމަށް އެ ގައުމުގެ ވަލީ އަހްދު މުހައްމަދު ބިން ސަލްމާން އައްޔަން ކުރައްވައިފި އެވެ.

މިކަން އިއުލާން ކޮށްފައިވަނީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒްގެ ރަސްމީ ބަޔާނެއްގަ އެވެ. ބޮޑުވަޒީރުގެ އިތުރުން ވެސް ކެބިނެޓްގެ އެކި މަގާމުތަކަށް ގިނަ ބަދަލުތަކެއް ގެންނަވާފައިވެ އެވެ.

އެގޮތުން ޕްރިންސް ޚާލިދު ބިން ސަލްމާން މިނިސްޓަ އޮފް ޑިފެންސްގެ މަގާމަށް އިސް ކުރެވުނު އިރު ޕްރިންސް އަބްދުލްއަޒީޒް ބިން ސަލްމާން ހަމަޖެއްސެވީ އެނާޖީ މިނިސްޓަރުގެ ގޮތުގަ އެވެ. މި ތިން ބޭފުޅުންނަކީ ވެސް ސަލްމާން ރަސްގެފާނުގެ ދަރިދަރިކަލުންނެވެ.

މީގެ އިތުރުން ކެބިނެޓުގައި އެބޭފުޅުންގެ މަގާމު ދެމެހެއްޓެވި ބޭފުޅުންްގެ ތެރޭގައި ޖަސްޓިސް މިނިސްޓަރު އަބްދުﷲ ބިން ބަނދަރު އާއި ހައްޖު އެންޑް އުމްރާ އެފެއާޒް މިނިސްޓަރު ތައުފީގު ބިން ފައުޒާން އަލް ރާބިއާ ހިމެނިވަޑައިގަންނަވަ އެވެ.

މި ބަދަލުތަކާ އެކު 19 މެމްބަރުންގެ ކެބިނެޓްގެ އިސްވެރިއަކަށް ހުންނަވާނީ ވަލީއަހްދު މުހައްމަދު ބިން ސަލްމާނެވެ.

ކެބިނެޓަށް ގެންނެވި ބަދަލުތަކާ އެކު ގައުމުގެ ހިންގުން އިތުރަށް ރަނގަޅު ކުރެވޭނެ ކަމަށް ރަސްގެފާނުގެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ. - އަލް އަރަބިއްޔާ