ސްވިޑަން (30 ސެޕްޓެމްބަރު) ރަޝިއާ އިން ޔޫރަޕަށް ގޭސް ފޮނުވައިދޭ ކަނޑުއަޑީގެ ނޯޑް ސްޓްރީމް ގޭސް ހޮޅިން އިތުރު ލީކެއް ފެނިފައިވާ ކަމަށް ސްވިޑަން އިން ބުނެފި އެވެ.

ސްވިޑަން އިން މިކަން އިއުލާން ކޮށްފައި މިވަނީ މިދިޔަ ހަފްތާގައި ހަމަ އެ ހޮޅިން ލީކުތަކެއް ފެނިފައިވާ ކަމަށް ސްވިޑަންގެ އިތުރުން ޑެންމާކުުން ވެސް ޔަގީން ކޮށްދީފައި ވަނިކޮށެވެ.

މިއީ އެއް ހަފްތާ ތެރޭގައި ގޭސް ހޮޅިން ފެނުނު ހަތަރުވަނަ ލީކެވެ.

މި ލީކުތަކަކީ ޔޫރަޕުން ރަޝިއާ އަަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ރައްދު ދިނުމުގެ ގޮތުން ރަޝިއާ އިން އަމިއްލައަށް ކުރި ކަމެއް ކަަމަށް ތުހުމަތު ކުރެވުނު ނަމަވެސް އެ ގައުމުން ވަނީ މި ތުހުމަތުތަކަށް ދެކޮޅު ހަދައި، ލީކުތައް ފެނިފައިވަނީ އެމެރިކާގެ ކޮންޓްރޯލްގައިވާ ސަރަހައްދަކުން ކަމަށް ބުނެފަ އެވެ.

ރަޝިއާގެ ތަރުޖަމާނު މިޓްރީ ޕަސްކޯވް ވިދާޅުވީ މި ލީކުތަކަކީ ކަންބޮޑުވާން ޖެހޭ މައްސަލައެއް ކަމަށާއި މިއީ ގަސްދުގައި އެ ނިޒާމަށް ބަޔަކު ދިން ހަމަލާއެއް ކަމަށް ބުނުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

މިކަމާ ގުޅޭގޮތުން، ޖަރުމަނުން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަ ސަފީރު ވިދާޅުވީ މިކަމަކީ އެއްބަސްވުމުގެ ބައިވެރިން ނޫން ފަރާތަކުން ކޮށްފައިވާ ކަމެއް ނޫންކަން ޔަގީންވާ ކަމަށެވެ.

އީޔޫގެ ލީޑަރުން ވަނީ އެ ބައްރުގެ ހަކަތައިގެ ނިޒާމަށް ހަމަލާ ދިނުމުގެ ނަތީޖާ ރަނގަޅު ނުވާނެ ކަމަށާއި އެކަމުގެ ވަރުގަދަ ރައްދެއް ދޭނެ ކަމަށް ބުނެ އިންޒާރު ދީފަ އެވެ.