މާބަނޑު ދުވަސްވަރު އަންހެނުން ލާން ހާއްސަ ހެދުން ކަލެކްޝަނެއް ތައާރަފް ކުރުމަށް ބޮލީވުޑްގެ މަޝްހޫރު ބަތަލާ އާލިއާ ބަޓް ނިންމައިފި އެވެ.

މާބަނޑު މީހުންނަށް ހާއްސަކޮށްގެން ހެދުން ކަލެކްޝަން ނެރުމަށް ނިންމާފައިވާކަން ހާމަކޮށްފަ ވަނީ އާލިއާ އޭނާގެ އިންސްޓަގްރާމްގައި ކޮށްފައިވާ ޕޯސްޓެއްގައި އެވެ. އެ ޕޯސްޓްގައި އާލިއާ ބުނެފައިވަނީ މި ކަލެކްޝަން މި މަހުގެ 14 ވަނަ ދުވަހު ބާޒާރަށް ނެރުމަށް ނިންމާފައިވާ ކަމަށެވެ.

މީގެ ކުރިން 28 އަހަރުގެ ބަތަލާ ވަނީ ކުޑަކުދިންނަށް ހާއްސަ ކޮށްގެން ހެދުން ކަލެކްޝަނެއް ބާޒާރަށް ނެރެފަ އެވެ.

ޒުވާން ބަތަލާއިންގެ ތެރޭގައި ހިމެނޭ އާލިއާ ބުނީ އޭނާގެ ފެޝަން ލޭބަލްގެ ދަށުން ކުރިން ކުޑަކުދިންނަށް ހާއްސަ ކަލެކްޝަނެއް ނެރުމުން، ދަރިއަކު ނެތް މީހަކު އެކަހަލަ ކަލެކްޝަނެއް ނެރުމުން ބައެއް މީހުން އެކަމާ ސުވާލު އުފެއްދި ކަމަށެވެ. އެކަމަކު މިހާރު ބަލިވެއިނދެ މާބަނޑު ދުވަސްވަރު އަންހެނުން ލާން ހާއްސަ ކަލެކްޝަނެއް ނެރުމަކީ އެއްވެސް ބަޔަކު އެކަމާ ސުވާލު އުފައްދާނެ ކަމެއް ނޫން ކަމަށް ދެކޭ ކަމަށް ބުންޏެވެ.

https://www.instagram.com/p/CjJ_RHFgbS-/?hl=en

އާލިއާ ބުނީ ބަލިވެއިންނަ ދުވަސްވަރު ހަށިގަނޑަށް އަންނަ ބަދަލާ އެކީ އަންހެނަކަށް އެންމެ ބޭނުން ވާނީ ލާން ފަސޭހަ، ގަޔަށް ދޫ ހެދުންތަކެއް ކަމަށެވެ.

އާލިޔާ އާއި ރަންބީރު ކަޕޫރު ކައިވެނި ކުރީ މި އަހަރުގެ އޭޕްރީލް މަހު އެވެ. އެ މީހުންނަށް ދަރިއަކު ލިބެން އުޅޭކަން ޖޫން މަހު ވަނީ އިއުލާންކޮށްފަ އެވެ.