ކާރިސާތަކާއި ކުއްލި އެމަޖެންސީ ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދޭ މައި އިދާރާ، ނޭޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ގެ ދާއިމީ މަސައްކަތްތަކަށް ހުޅުމާލެ ފޭސް ދެއަކުން 13,574 އަކަފޫޓުގެ ބިމެއް ސަރުކާރުން ހަމަޖައްސައިދީފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިރުޝާދުގެ ދަށުން ހަމަޖެއްސި މި ބިން އެންޑީއެމްއޭއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ފިނޭންސް މިނިސްޓްރީ އާއި އެ އޮތޯރިޓީން މިހާރު ވަނީ ސޮއިކޮށްފަ އެވެ.
ދެހާސްއަށާރަ ވަނަ އަހަރު އުފެދުނު އެންޑީއެމްއޭއިން މީގެ ކުރިން ކަންކަން ބަލަހައްޓަމުންއައީ ދާއިމީ އިމާރާތެއް ނެތި، ގ. ރިހިޖެހިކޮށީގައި ހުންނަ ދުވަސްވީ ކުޑަ ޖާގައެއްގަ އެވެ.
އާ ބިމުގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ވަސީލަތްތައް:
- އެންޑީއެމްއޭގެ އިދާރީ މައި އޮފީސް
- އިމަޖެންސީ އޮޕަރޭޝަން ސެންޓަރު: ކުއްލި ހާލަތްތަކުގައި އޮޕަރޭޝަންތައް ހިންގާނެ ޒަމާނީ ސެންޓަރެއް
- އިމަޖެންސީ ވެއާހައުސް: އެހީގެ ތަކެތި ރައްކާކުރާނެ ގޯޑައުނެއް
- ވަގުތީ ބޯހިޔާވަހިކަން: ކާރިސާތަކުގައި ހާލުގައިޖެހޭ މީހުންނަށް ވަގުތުން އެހީތެރިކަން ފޯރުކޮށްދޭނެ ހާއްސަ ފެސިލިޓީއެއް.
ދެހާސް ހަތަރު ވަނަ އަހަރުގެ ސުނާމީ ކާރިސާއަށްފަހު އިސްކަންދަރު ސްކޫލުން ހިދުމަތް ދޭން ފެށި މި އިދާރާއިން ވަނީ ސޯޝަލް ސެންޓަރާއި، ދަރުބާރުގެ އަދި ސީއެސްސީ އިމާރާތުގައި ވެސް އެކި ދުވަސްވަރު އޮޕަރޭޝަންތައް ހިންގާފަ އެވެ.
އެންޑީއެމްއޭއިން ބުނި ގޮތުގައި ދާއިމީ ބިމެއް ލިބުމަކީ އެ އޮތޯރިޓީގެ ތާރީހުގައި ހާސިލުކުރެވުނު އެންމެ ބޮޑު އެއް ކާމިޔާބީ އެވެ. އަދި މީގެ ސަބަބުން ކާރިސާތަކަށް އިޖާބަދިނުމުގެ ގައުމީ ގާބިލުކަން އިތުރުވެ، ރައްޔިތުންނަށް ދެވޭ ހިދުމަތްތައް އިތުރަށް ހަރުދަނާވެގެންދާނެ އެވެ.
ހޮލީވުޑް ބައުލްގައި ޑޮލީ ޕާޓަންއަށް މައިލީގެ ޓްރިބިއުޓްއެއް!
އުމުރާއެކު ހަށިގަނޑަށް ކަސްރަތު ބޭނުންވަނީ ކިހާ ވަރަކަށް؟
ރައީސް މުއިއްޒު ފާކިސްތާނަށް، 12 އެއްބަސްވުމުގައި ސޮއިކުރައްވާނެ