ވިއެޓްނާމްގައި ބޭއްވި 2026 ވަނަ އަހަރުގެ މިސް ވޯލްޑް މުބާރާތް ކާމިޔާބުކޮށް، ޑޮމިނިކަން ރިޕަބްލިކްގެ ޖޮހެއިރީ މޯލާ ތާޖު ހާސިލްކޮށްފި އެވެ. އޭނާއަށް ތާޖު އަޅުވައިދިނީ އެންމެ ފަހުގެ މިސް ވޯލްޑް، ތައިލެންޑުގެ އޯޕަލް ސުޗާތާ ޗުއާންގްސްރީ އެވެ. މި މުބާރާތުގެ ފަސްޓް ރަނަރަޕްގެ މަގާމު ސްޕެއިންގެ އެލިޒަބަތު ރޭނެސް ހޯދިއިރު، ސެކަންޑް ރަނަރަޕަކީ މެލޭޝިއާގެ ތަނޫޝިޔާ ޗެޓީ އެވެ.
މުބާރާތުގެ އެންމެ ފަހު ހަ ފައިނަލިސްޓުންގެ ތެރޭގައި ހިމެނެނީ މިސް ވޯލްޑް އެރިތުރިއާގެ ސްނިޓް ހަބްޓެއާބް (ޕީޕަލްސް ޗޮއިސް)، ސްޕެއިންގެ އެލިޒަބަތު ރޭނެސް (ޔޫރަޕް)، މެލޭޝިއާގެ ތަނޫޝިޔާ ޗެޓީ (ބިއުޓީ ވިތު އަ ޕާޕަސް)، ވިއެޓްނާމްގެ ލޭ ންގުޔެން ބާއޯ ންގޮކް (އޭޝިއާ އެންޑް އޯޝޭނިއާ)، ޑޮމިނިކަން ރިޕަބްލިކްގެ ޖޮހެއިރީ މޯލާ (އެމެރިކާސް އެންޑް ކެރީބިއަން) އަދި ސައުތު އެފްރިކާގެ ރޮމަންޑާ ހޮމްބިރް (އެފްރިކާ) އެވެ.
މިސް ވޯލްޑަކީ ދުނިޔޭގައި ބާއްވާ އެންމެ ދުވަސްވީ ބައިނަލްއަގުވާމީ ރީތީގެ މުބާރާތެވެ. މި މުބާރާތް ފުރަތަމަ ފެށީ 1951 ވަނަ އަހަރު އިނގިރޭސިވިލާތުގެ އެރިކް މޯލީ އެވެ. މި މުބާރާތުގައި ބައިވެރިންގެ ހުނަރު ވަޒަންކުރަނީ އެކި މަރުހަލާތަކަކަށް ބަހާލައިގެން ކުރިއަށްގެންދާ ޗެލެންޖުތަކާއި، އިންޓަވިއުތަކުގެ އިތުރުން ސްޓޭޖް ހަރަކާތްތަކުގެ މައްޗަށެވެ.
މި އަހަރުގެ މުބާރާތް ބާއްވާފައިވަނީ ވިއެޓްނާމްގެ ނާ ޓްރޭންގްގަ އެވެ. މި ފަހަރުގެ މުބާރާތަކީ ފްރެންޗް ގިއާނާ، އެރިތުރިއާ، މޮޒަމްބީކް، ޕާކިސްތާން އަދި ދިވެހިރާއްޖެއިން ފުރަތަމަ ފަހަރަށް ބައިވެރިވި އަހަރެވެ. ނަމަވެސް އެކުއެޑޯގެ ސަމަންތާ ކުއެނެޑިޓް، އަރްމީނިއާގެ މޮނިކާ ހަރުތުޖުންޖަން އަދި ޓޯގޯގެ ނާދިރަތޫ އަފޮލާބީ ވަނީ މުބާރާތުން ވަކިވެފަ އެވެ.
މުޅި ޖުމްލަ 111 ގައުމަކުން ބައިވެރިވި މި މުބާރާތް ބަހާލެވިފައިވަނީ މައިގަނޑު ހަތަރު ސަރަހައްދަކަށެވެ. އެއީ އެފްރިކާ، އެމެރިކާސް އެންޑް ކެރީބިއަން، ޔޫރަޕް އަދި އޭޝިއާ އެންޑް އޯޝޭނިއާ އެވެ. މުބާރާތުގެ ކުރީ މަރުހަލާތަކުގައި ދެއްކި ހުނަރަށް ބަލައި ފައިނަލަށް 40 ބައިވެރިން ހޮވުނެވެ. އޭގެ ފަހުން އެ އަދަދު 20 އަށް އަދި ފަހުން 12 އަށް މަދުކުރެވުނެވެ.
މުބާރާތުގެ އެންމެ މަތީ ނަތީޖާ ހޯދި ހަ ބައިވެރިންގެ ތެރެއިން ވަނަވަނައަށް ދިޔަ ފަރާތްތައް ހޮވީ ވިއެޓްނާމްގައި ބޭއްވި ފައިނަލް އިވެންޓުގަ އެވެ. ދެން އެންމެ އަވަހަށް ބޭއްވުމަށް ހަމަޖެހިފައިވާ 74 ވަނަ މިސް ވޯލްޑް މުބާރާތް އޮންނާނީ އިރުމަތީ އެފްރިކާގެ ޓެންޒޭނިއާގަ އެވެ.
ހައިކޯޓުގެ ފަނޑިޔާރު މާހިރު ރިޓަޔާ ކުރައްވައިފި
ރެކޯޑް މުއްދަތަކަށް އިންސާނެއްގެ ހަށިގަނޑުގައި އޫރު ކިޑްނީއެއް!
މެންބަރުން ތިބީ ބަނދެލާފައި އޮތް ދަރު ބޮނޑިއެއްހެން: އަބްދުރަހީމް