މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށްޓަކައި ރާއްޖޭގެ ކަނޑުތަކުގެ އަޑީގެ ދިރާސާކުރުމަށް މިހާރު ކުރިއަށް ގެންދާ ސާވޭގައި އެންވަޔަރުމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ބައިވެރިވެވަޑައިގެންފި އެވެ.
މިނިސްޓަރު ޝައުނާ މިސާވޭގައި ބައިވެރިވެވަޑައިގެންފައި ވަނީ ރާއްޖޭގައި މި ސާވޭ ކުރަމުން އަންނަ "ނެކްޓަން މޯލްޑިވްސް މިޝަން"ގެ ފަރާތުން ދެއްވި ދައުވަތަކަށެވެ.
ކަނޑުގެ އަޑިއަށް ޑައިވްކުރުމަށް ހާއްސަ އުޅަނދު "އޮމެގާ ސީމާސްޓާ 2" ގައި މިނިސްޓަރު ޝައުނާ އިއްޔެ ހެނދުނު ވަނީ ކ. ތުމްބަފުށީގެ ބޭރުން ކަނޑަށް ޑައިވް ކުރައްވާފަ އެވެ. މިޑައިވްގައި މިނިސްޓަރު ވަނީ 270 މީޓަރު އަޑިއަށް ޑައިވް ކުރައްވާފަ އެވެ.
މިނިސްޓަރާއެކު އެ ޑައިވްގައި ރާއްޖޭގެ މެރިން ބަޔޮލޮޖިސްޓް ހަނާ އާމިރާއި ސަބްމާސިބަލްގެ ޕައިލެޓް ބެރީ މެކްގޮވަން ބައިވެރިވި އެވެ.
މިނިސްޓަރު ޝައުނާ ކަނޑު އަޑިއަށް ކުރެއްވި މިޑައިވަށް ފަހު ކުރެއްވި ޓުވީޓްގައި ވިދާޅުވެފައި ވަނީ ޑައިވްގެ ތެރެއިން 250 މީޓަރު އަޑިން ގިނަ އަދަދެއްގެ ކަކުނި، ބޯވަ އާއި އިހި ފެނިވަޑައިގެން ކަމަށެވެ. އަދި ޑައިވްގެ ތެރެއިން މިޔަރާއި ކަޅުބިލަމަހާއި މަޑި ވެސް ފެނިވަޑައިގެން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރ ކުރެއްވި ޑައިވްގައި ދާން ނިންމި އެންމެ ފުނަށް ދިއުމަށް ފަހު މައްޗަށް ޖެހިލައި 120 މީޓަރަށް ދިއުމުން ފެނުނީ ކުރިއާ ތަފާތު މާހައުލެކެވެ.
އެ މަންޒަރުތައް މިނިސްޓަރ ޝައުނާ ސިފަކުރެއްވީ ތެދަށް ރާނާފައި އޮންނަ ބޮޑު ފާރެއްގެ ގޮތަށެވެ. އެތަނުގައި އެކި ވައްތަރުގެ މުރަކަތަށް ހެދިފައި އޮތެވެ. އެކި ބާވަތުގެ މަސްތައް ވެސް އެތަނުގައި އުޅޭކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ކަނޑު އަޑީގެ އެ އަޖައިބުކުރުވަނިވި އެ މަންޒަރަށްފަހު އެކަމަނާއަށް ދެން ފެނިވަޑައިގެންނެވީ ހިތާމަވެރި މަންޒަރެކެވެ. ކަނޑުއަޑިން ކުނިބުނީގެ މަންޒަރެވެ. 250 މީޓަރު އަޑިން ނަންގަވާފައިވާ ފޮޓޯއެއްގައި ފެންނަނީ ވަޅުޖެހިފައި އޮތް ނެސްލޭ ކޮފީ ދަޅެކެވެ.
މިފަދަ ތަކެއްޗަކީ ކަނޑުގެ ދިރުންތަކަށާއި ފަރުތަކަށް ނުރައްކާތެރި އެއްޗެހިކަން ފާހަގަކުރައްވާ މިނިސްޓަރު ޝައުނާ ވަނީ ކަނޑުގެ 120 މީޓަރު އަޑިން ގޯންޏެއްގެ ކުޑަކުޑަ ތަންކޮޅެއްގެ އިތުރުން ޕްލާސްޓިކްގެ ބާވަތްތައް ފެނިފައިވާކަން ވެސް ފާހަގަކުރައްވާފަ އެވެ. ކަނޑުއަޑިން ފެނުނު އެ ކުނިބުނީގެ ސަބަބުން ހަނދާން އާކޮށްދިނީ އޯޝަން ޕޮލިއުޝަންގެ ސަބަބުން ކަނޑުގެ ދިރުންތައް ހަލާކުވެގެންދާ ދިއުން ކަމަށް ވެސް އެކަމަނާ ވިދާޅުވި އެވެ.
ކަނޑުގެ އަޑި ދިރާސާކުރުމަށް ކުރިއަށް ގެންދާ މަސައްކަތް ބައްލަވާލެއްވުމަށް މިނިސްޓަރު ވަޑައިގެންނެވުމުން ނެކްޓޮން މިޝަންގެ ފަރާތުން ވަނީ ދިރާސާގެ މައުލޫމާތު މިނިސްޓަރާ ހިއްސާކުރައްވާފަ އެވެ.