ކޮލަމްބޯ (10 ޑިސެމްބަރު) - ސްރީލަންކާގައި ކޮވިޑް ޖެހިގެންމަރުވާ މުސްލިމުން ވެސް އަންދާ ގޮތަށް ނިންމައިފި އެވެ.

ސްރީލަންކާގެ އެޓާނީ ޖެނެރަލް ނިންމާފައިވަނީ ކޮވިޑް ގައި މަރުވާ މީހުންގެ ބޮޑީއާއި އާއިލާއިން ހަވާލުވުމަށްފަހު އެ ގައުމުގެ ސިއްހީ އޮފިޝަލުންގެ ހާޒިރުގައި އެންދުމުގެ ކަންކަން ކުރަމުން ގެންދާ ގޮތަށެވެ.

އެޓާނީ ޖެނެރަލްގެ ސްޕޯކްސް ޕާސަން ވިދާޅުވިގޮތުގައި ހަށިގަނޑާ ހަވާލުނުވިއަސް މިހާރު ހަދާފައިވާ ކަރަންޓީން އުސޫލުތަކުގެ ތެރެއިން ހަށިގަނޑު އެންދިދާނެ ކަމަށާއި އަދި އެކަން އެގޮތަށް ކުރިއަށް ގެންދާނެ އެވެ.

މުސްލިމް އާއިލާތަކުން ވަނީ މިކަމާ ނުރުހުން ފާޅުކޮށް ހަށިގަނޑު އެންދުމާ ދެކޮޅު ހަދާފަ އެވެ. މިކަމާ ދެކޮޅަށް 12 ޕެޓިޝަނެއްވަނީ ސްޕްރީމް ކޯޓަށް ހުށަހަޅާފަ އެވެ. ނަމަވެސް ސްޕްރީމް ކޯޓުން ވަނީ މި ޕެޓިޝަންތައް ބަލައިނުގަންނަން ނިންމާފަ އެވެ. އަދި ބަލައިނުގަންނަން ނިންމި ސަބަބެއް ވެސް ހާމަކޮށްފައިނުވެ އެވެ.

އެމްނެސްޓީ އިންޓަނޭޝަނަލްގެ ރިސާޗް އެސިސްޓެންޓް ރެހާބް މަހަމޫރު ވިދާޅުވިގޮތުގައި ކޮވިޑްގައި މަރުވާ މުސްލިމުންގެ ހަށިގަނޑު އެމީހުންގެ އާއިލާ މީހުންގެ ނުރުހުމުގައި އެންދުމަކީ އިންޓަނޭޝަނަލް ގައިޑްލައިންތަކާ ހިލާފުކަމެކެވެ.

"ކޮވިޑް އާއި ގުޅިގެން ހަދާފައިވާ އިންޓަނޭޝަނަލް ގައިޑްލައިންތަކުގައި ވަރަށް ސާފްކޮށް އެބައޮތް މަރުވާ މީހުންގެ ހަށިގަނޑު ވަޅުލާ ނުވަތަ އެންދިދާނެ ކަމަށް. އެކަމަކު ސްރީލަންކާ ސަރުކާރުން ޕެންޑެމިކްގައި ވެސް މިއުޅެނީ މުސްލިމުންނަށް އިހާނެތިކޮށް ހިތުމަށް،" މަޙްމޫރު ވިދާޅުވި އެވެ.

ސްރީލަންކާގެ މުސްލިމް ކައުންސިލުން ވަނީ މިކަމާ ދެކޮޅަށް އަަޑުއުފުލާފަ އެވެ.

އެކައުންސިލުން ބުނިގޮތުގައި ކޮވިޑް ޖެހިގެން މަރުވި ގިނަ މީހުންނަކީ މުސްލިމުންނެވެ. އަދި މިގޮތަށް އަމަލުކުރަން ފެށުމުގެ ސަބަބުން އެކި ސަރަހައްދުތަކުން ބަލިވާ މީހުން މިހާރު ކޮވިޑަށް ޕޮޒިޓިވް ވިޔަސް ސިއްހީ ފަރުވާ ހޯދަން ޖެހިލުންވާ ކަމަށް ވެސް ބުންޏެވެ.

ސްރީލަންކާގެ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަނުން ވަނީ މުސްލިމުންގެ އަގީދާއާއި އެއްގޮތަށް މަރުވާ މީހުން ވަޅުލުމުގެ ކަންކަން ހަމަޖެއްސުމަށް މުސްލިމުންނަށް ފުރުސަތު ދިނުމަށް ސްރީލަންކާގެ ސަރުކާރަށް ގޮވާލާފަ އެވެ.

ކޮވިޑް ޖެހިގެން މަރުވާ މީހުން އެންދުމަށް ހަމަޖެއްސީ ބުޑިސްޓުންގެ ނުފޫޒުން ކަމަށްވެ އެވެ. އެ މީހުން ގަބޫލުކުރާގޮތުގައި މަރުވާ މީހުން ވަޅުލުމުން ބިމުގެ ފެންފަށަލަ ތަޔައްޔަރުވެ އަދި ބަލިފެތުރޭނެ އެވެ.

މިދިޔަ އަހަރު ސްރީލަންކާގައި ހިންގި ބޮންގުވުމުގެ ހަމަލާތަކުގައި 250 މީހުން ޗާޗްތަކާއި އަދި ހޮޓެލް ތަކުގެ މަަރުވި ހާދިސާއަށްފަހު މުސްލިމުންނާއި ދެކޮޅު ހަރަކާތްތަކެއް ވަނީ ސްރީލަންކާގައި ފެށިފަ އެވެ، ސްރީލަންކާގެ 20 މިލިއަން އާބާދީގެ 10 ޕަސެންޓް ހިއްސާކުރަނީ މުސްލިމުންނެވެ. އަލްޖަޒީރާ