"ކާޓިއޭ" އަކީ ފްރާންސްގެ މަޝްހޫރު ގަހަނާ ބްރޭންޑެއް. ދިޕިކާ އެމްބެސެޑަރަކަށް ހަމަޖެއްސުމުން ރަންވީރު ވަނީ އެކަމާ ފަހުރުވެރިވާ ކަމަށް ބުނެފައި.

ފްރާންސްގެ މަޝްހޫރު ގަހަނާ ބްރޭންޑް "ކާޓިއޭ" ގެ ބްރޭންޑް އެމްބެސެޑަރަކަށް ބޮލީވުޑްގެ މަޝްހޫރު ބަތަލާ ދީޕިކާ ޕަޑުކޯނާ ހަމަޖައްސައިފި އެވެ.

"ކާޓިއޭ"ގެ ރަސްމީ ޓްވީޓާ އެކައުންޓްކޮށްފައިވާ ޓްވީޓެއްގައި ވަނީ ދިޕިކާ އެބްރޭންޑްގެ އާ އެމްބެސެޑަރަކަށް ހަމަޖެއްސިކަން އިއުލާނުކޮށްފަ އެވެ. ދިޕިކާ އެކު ހެދި އެއްބަސްވުމުގެ ދަށުން "ކާޓިއޭ" ގެ ގަހަނާތައް އިޝްތިހާރުކޮށް، ޕްރޮމޯޓްކުރަން މަސައްކަތްތައް ކުރާނެ އެވެ. ހާއްސަކޮށް އިންޑިއާގައި އެ ބްރޭންޑް ދީޕިކާ ޕްރޮމޯޓްކުރާނެ އެވެ.

"ކާޓިއޭ"ގެ އެމްބެސެޑަރަކަށް ދިޕިކާ ހަމަޖެއްސުމުން ރަންވީރު ސިންގް ވަނީ އެކަމާއި އޭނާ ފަހުރުވެރިވާ ކަމަށް ބުނެފަ އެވެ.

މިގޮތަށް ރަންވީރު ކޮމެންޓްކުރުމުން އެ ދެތަރިން ވަކިވާ އުޅޭކަމަށް ދެކެވޭ ވާހަކަތަކަށް މިހާރު ވަނީ ނިމުމެއް އައިސްފަ އެވެ.

ބޮލީވުޑްގެ އެންމެ ކާމިޔާބު ބަތަލާއިންގެ ތެރޭގައި ހިމެނޭ ދީޕިކާ އަކީ ފްރާންސްގެ މަޝްހޫރު ފެޝަން ކުންފުނި، "ލުއީ ވިޓޯން" ގެ ވެސް އެމްބެސެޑަރެކެވެ.

އޭނަ އަކީ އިންޑިއާގެ ބަތަލާއިންގެ ތެރެއިން ހުޅަނގުގައި މަގުބޫލު ބަތަލާއެކެވެ. ދީޕިކާ ހޮލީވުޑްގެ ފިލްމެއް ވެސް ކުޅެފައިވެ އެވެ. އެއީ ވިން ޑީޒެލްގެ 2017 ގެ "ޓްރިޕްލް އެކްސް: ރިޓާން އޮފް ޒެންޑަ ކޭޖް" އެވެ.

ދީޕިކާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ޝާހުއާ އެކު އޭނާ ފެންނަ "ޕަތާން" ހިމެނެ އެވެ.