ފެނަކަ ކޯޕަރޭޝަންގެ ހިންގުން ހަރުދަނާކޮށް ހަރަދު ކުޑަކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ހާއްސަ ޕެކޭޖެއް ދިނުމަށްފަހު މިހާތަނަށް 107 މުވައްޒަފަކު ވަކިކޮށްފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފި އެވެ.

ޖުމުލަ 8،000 އެއްހާ މުވައްޒަފުން މަސައްކަތްކުރާ ފެނަކައިން، އަމިއްލައަށް ވަކިވާން ބޭނުންވާ މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރައިގެ އިނާޔަތަކާއެކު ވަކިވުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ ޖޫން މަހުގެ ދެވަނަ ދުވަހު އެވެ.

އެ މުއްދަތުގައި 108 މުވައްޒަފަކު ވަކިވާން ހުށަހެޅިއިރު، އެއްބަސްވުމާ އެއްގޮތަށް އެ ފަރާތްތަކަށް ފައިސާ ދީ ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެ ކުންފުނިން މުވައްޒަފުން މަދުކުރަންޖެހުނު މައިގަނޑު އެއް ސަބަބަކީ އާމްދަނީއާ ނުގުޅޭ ހަރަދުކުރަން ޖެހުމެވެ. އެގޮތުން 8،000 މުވައްޒަފުންނަށް މުސާރަ ދިނުމަށް ކުންފުންޏަށް ލިބޭ އާމްދަނީން ދެކޮޅު ނުޖެހޭ މައްސަލަ ބޮޑެވެ. އަދި ބައެއް ޕްރޮޖެކްޓްތަކަށް ބޭނުންވާ ތަކެތި ނެތުމުން، އެކި ރަށްރަށުގައި ކުރާނެ މަސައްކަތެއް ނެތި މުވައްޒަފުން ތިބެންޖެހުން ވެސް ހިމެނެ އެވެ.

ފެނަކައިން މި ބަދަލު ގެންނަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހަރަދު ކުޑަކުރުމަށް 33 ޕަސެންޓް މުވައްޒަފުން މަދުކުރުމަށް ފިނޭންސް މިނިސްޓްރީއާއި ޕީސީބީން އެންގުމުންނެވެ.

އިންތިހާބުތަކާ ދިމާކޮށް ސިޔާސީ ގޮތުން މުވައްޒަފުން އިތުރުކުރުމުގެ ސަބަބުން ކޮރަޕްޝަނުގެ ތުހުމަތު ބޮޑުވެފައިވާ ފެނަކައިން ފާހަގަކުރާ ގޮތުގައި، މިއީ ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނި ހިންގުމަށްޓަކައި އަޅަންޖެހުނު ކޮންމެހެން މުހިންމު ފިޔަވަޅެކެވެ.