އަންނަ މަހުގެ 20 ވަނަ ދުވަހުން ފެށިގެން ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ގަތަރުގައި ކުރިއަށްދާ "ވޯލްޑް ކަޕް"ގެ ތީމު ލަވަ ނެރެފި އެވެ.

މިފަހަރުގެ ވޯލްޑް ކަޕް ލަވައިގައި ފެނިގެންދަނީ ބޮލީވުޑް މަޝްހޫރު ނެށުތެރިޔާ އަދި ބަތަލާ ނޯރާ ފަތޭހީ އެވެ. މި ލަވަ ނެރުމާއެކު ގިނަ ބަޔަކު އަންނަނީ މިލަވަ ބަލުމުންނެވެ. އަދި ބޮޑު ތަރުހީބެއް ވެސް ވަނީ މި ލަވައަށް ލިބިގެން ގޮސްފަ އެވެ.

"ލައިޓް ދަ ސްކައި" ގެ ނަން ދީފައިވާ ލަވައިގައި ނޯރާގެ އިތުރުން ދެން ފެނިގެންދަނީ އެމިރޭޓްސްގެ ލަވަކިޔުންތެރިޔާ ބަލްގީސް، އިރާގުގެ ފިލްމީތަރި ރަހްމާ ރިއާދު އަދި ލަވަކިޔުންތެރިޔާ މަނާލް އެވެ.

މި ލަވައަކީ ދުނިޔޭގެ އެންމެ ވަރުގަދަ ރިކޯޑް ޕްރޮޑިއުސަރުންގެ ތެރޭގައި ހިމެނޭ ރެޑްވަންއިން ޕްރޮޑިއުސްކޮށްފައިވާ ލަވައެކެވެ.

ކަލާސް ޗެނެލުން ގެނެސްދޭ އަންނަ ޑާންސް ޝޯ، "ޖަލަކް ދިކްލާ ޖާ 10" ގައި ޖަޖެއްގެ ގޮތުގައި މިހާރު ބައިވެރިވަމުން އަންނަ ނޯރާ އަށް މިފަދަ ފުރުސަތެއް ލިބުމުން މުޅި ބޮލީވުޑްވެސް އަންނަނީ އެކަމާ އުފާފާޅުކުރަމުންނެވެ. މިއާއެކު ނޯރާ ވެގެން ގޮސްފައި މިވަނީ އިންޑިއާ އަދި ސައުތު އީސްޓް އޭޝިއާ ތަމްސީލުކުރާ ފުރަތަމަ ތަރިއަށެވެ.

https://www.youtube.com/watch?v=4HKNdrBYS5k

ވޯލްޑް ކަޕް ތީމް ލަވައެއްގައި ހިއްސާވުމުގެ ފުރުސަތު ލިބުނު އިރު ވޯލްޑް ކަޕް ލަވައިގައި މީގެ ކުރިން ހިއްސާވާން ލިބުނު ބައެއް ތަރިންގެ ތެރޭގައި ޝަކީރާ އަދި ޖެނިފާ ލޮޕޭޒް ހިމެނެ އެވެ. އޭގެ ތެރެއިން 2010 ވަނަ އަހަރު ޝަކީރާގެ ހިތްގައިމު އަޑުން ކިޔާފައިވާ "ވައްކާ ވައްކާ" އަށް ބޮޑު ތަރުހީބެއް ލިބުނެވެ.

އެކްޓިންގެ ދާއިރާ އިން ވެސް މިހާރު ފުރުސަތު ލިބެމުން އަންނަ ނޯރާ ފަތެހީ އާންމުންގެ މެދުގައި މަގްބޫލުވެގެން ދިޔައީ 2018 ވަނަ އަހަރު ނެރުނު "ދިލްބަރު" ލަވައިންނެވެ.