ބެއިޖިން (10 ޑިސެމްބަރު) - ކޮވިޑް ރޯގާ ފެތުރުން ހުއްޓުވުމުގެ ގޮތުންނާއި އަދި އެ ރޯގާއިން ރައްކާތެރިވުމުގެ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހުރިހާ ފަރާތްތަކުން ވެސް އިލްތިމާސްކުރަމުންދާ މި ދުވަސްވަރު، ޗައިނާގެ ސިވިލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަނުން އެގައުމުގެ ފްލައިންޓް އެޓެންޑުން އުކާލެވޭ ޑައިޕާސް ބޭނުންކުރުމަށް އިލްތިމާސްކޮށްފި އެވެ.

ޗައިނާގެ ސިވިލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަނުން މި ގޮތަށް އިލްތިމާސްކުރީ 25 ނޮވެމްބަރުގައި އޭވިއޭޝަން އިންޑަސްޓްރީން އަމަލުކުރުމަށް ނެރުނު ގައިޑްލައިންގަ އެވެ.

ޓެކްނިކަލް ގައިޑްލައިން ފޯ އެޕިޑެމިކް ޕްރިވެންޝަން އެންޑް ކޮންޓްރޯލް ކިޔާ މި ގައިޑްލައިންގައި ހިމަނާފައިވަނީ އެއާޕޯޓްތަކާއި ފްލައިޓްގައި ރޯގާއިން ރައްކާތެރިވުމުގެ ގޮތުން ކުރެވިދާނެ އަދި ސާފްތާހިރުވުމުގެ ގޮތުން ކުރެވިދާނެ ކަންކަމެވެ.

މިގޮތުން ފްލައިޓް އެޓެންޑުންނާއި އަދި ފްލައިޓް ކްރޫއިން ކޮވިޑް ރޯގާގެ ހައިރިސްކް ގައުމުތަކަށް ދަތުރުކުރާއިރު ސާފްތާހިރު ވުމުގެ ގޮތުންނާއި ރައްކާތެރިވުމުގެ ގޮތުން މާސްކް، ޑިސްޕޯސަބަލް އަންގި، ޑިސްޕޯސަބަލް ކެޕް، ޕީޕީއީ، ބޫޓްގައި ލައްވާ ކަވަރު އަދި މީގެ އިތުރުން ޑިސްޕޯސަބަލް ޑައިޕާސް ބޭނުންކުރުމަށް އިލްތިމާސްކޮށް ލިޔެފައިވެ އެވެ.

ގިނަ ބަޔަކު ވަނީ މިކަމާއި ގުޅިގެން ޑިސްޕޯސަބަލް ޑައިޕާސް ބޭނުންކުރުމަށް އިލްތިމާސް ކުރުމަކީ އެންމެ ރަނގަޅު ގޮތްތޯ ސުވާލުކޮށްފަ އެވެ. އަދި ބައެއް މީހުން ދަނީ މިގޮތަށް އިލްތިމާސްކުރުމަކީ ޖޯކެއްކަމަށާއި މި ނޫން އެހެން ހައްލެއް ހޯދުމަށް ބުނެފައެވެ. – ސީއެންއެން