ބޮލީވުޑް ތަރިންގެ ތެރޭގައި އިސްލާމްދީނަށްޓަކައި ކެރިއަރު ބަދަލުކޮށް، އިސްލާހުގެ މަގު އިހުތިޔާރުކުރި ތަރިންގެ ތެރޭގައި ކުރީގެ މަޝްހޫރު ތަރި ސަނާ ޚާން ހިމެނެ އެވެ. ސަނާ ޚާން އަކީ މިއަދު އެތައް ބަޔަކަށް، އިސްލާމް ދީނަށް ގޮވާލުމުގެ މާތް މަސައްކަތް ކުރަމުންދާ އެކަކުކަމީ ޝައްކެއްވެސްނެތް ކަމެކެވެ.

ސަނާއަށް އޭނާގެ ދިރިއުޅުން އެއްކޮށް ބަދަލުކޮށްލައި، އިސްލާމް ދީނުގައި އަންގަވާފައިވާ ގޮތުގެ މަތިން ދިރިއުޅުން ބިނާކުރުމަށް މެދުވެރިވީ ކިހިނެއްކަން އޭނާ ދަނީ އަބަދުވެސް އާންމުންނާއި ހިއްސާކުރަމުންނެވެ.

އެވާހަކަތައް އަބަދުވެސް ފެށެނީ ސަނާއަށް 2019ވަނަ އަހަރުގެ ރޯދަމަހުގެ ތެރެއިން ފެންނަމުންދިޔަ ހުވަފެންތަކަކުންނެވެ.

އެހުވަފެންތަކުން ސަނާއަށް ފެންނަމުން ދިޔައީ އަނދިރި ކަށްވަޅެއް ކަމަށް އޭނާ ބުނެފައިވެ އެވެ. އަދި އެ ކަށްވަޅުގެ ހޫނު، ވޭންދެނިވި އަލިފާނުގައި ސަނާ އަނދަމުންދިޔަ މަންޒަރު ޚުދު އޭނާއަށް ފެންނަމުންދިޔަ ކަމަށް ސަނާ ބުނެފައިވެ އެވެ.

އޭނާ ބުނިގޮތުގައި މި ހުވަފެންތަކަކީ މާތްﷲގެ އަޒާބެއްކަން ހޭވެރިކަން ލިބުމާއެކު އިހުސާސްކުރެވުނެވެ. އަދި އޭނާގެ އަމަލުތައް އިސްލާހު ނުކުރިނަމަ އާޚިރު ނިމުން އޮތީ އެފަދައިންކަން އިހުސާސްވިކަމަށްވެސް ސަނާ ބުނެފައިވެ އެވެ.

ސަނާ ބުނިގޮތުގައި އެހުވަފެންތަކުގެ ސަބަބުން އޭނާ ވަރަށް ބޮޑަށް ހާސްވެ ކަންބޮޑުވި އެވެ. އެކަމުގެ ސަބަބުން އެންޒައިޓީއާ ކުރިމަތިލާން ޖެހުނުކަން ފާހަގަކޮށް، ސަނާ ބުނީ އެންޒައިޓީން ސަލާމަތްވުމަށްޓަކައި ދީނަށް ހޭލުންތެރިކުރުވާ އެކި ދަރުސް ވީޑިއޯތައް އެދުވަހުން ފެށިގެން ބަލަން ފެށިކަމަށެވެ.

އޭގެތެރެއިން އެއް ވީޑިއޯގައި މަރުވެފައިވާ މައްޔިތާ ހިނަވާއިރު، އަންހެނުންނާއި ފިރިހެނުންގެ ތަފާތު ކިޔައިދިން ދަރުހަކީ އޭނާއަށް އެންމެ އަސަރުކުރުވި ދަރުހެއް ކަމަށް ސަނާ ބުނެފައިވެ އެވެ. އެގޮތުން ފިރިހެނަކު މަރުވުމުން އޭނާ ކަފުންކުރަނީ ހުދުކުލައިގެ ތިން ފޮތިގަނޑަކުން ކަމަށާއި، އަންހެނާ މަރުވުމުން ހުދުކުލައިގެ ފަސް ފޮތިގަނށަކުން އެމީހަކު ކަފުންކުރާކަން ސަނާ ފާހަގަކޮށްފައިވެ އެވެ.

އެއިން އެނގޭކަމަކީ، މަރުވެފައިވާ އަންހެނާގެ ހަށިގަނޑުގެ ވަނާތައްވެސް، ފާޅުވާނެފަދައިން ކަފުންކުރަން އެކަލާނގެ ރުހިވޮޑިގެންނުވާކަން، ކަމަށް ސަނާ ބުނެފައިވެ އެވެ. އަދި މަރުވެފައިވާއިރުވެސް އަންހެން މީހާގެ ބޯ ނިވައިކުރަން އަންގަވާފައިވާއިރު، އެމީހެއްގެ ފަހުނޭވާލާ ދުވަހަކީ އެމީހަކު އަލަށް ހިޖާބު އަޅާނެ ދުވަހަކަށް ވުމަށް އެއްވެސް މީހަކު ނޭދޭނެކަން ސަނާ ފާހަގަކޮށްފައިވެ އެވެ.

އެކަމުން އޭނާގެ ހިތަށް ވަރަށް އަސަރު ކުރި ކަމަށާއި، އޭގެ ސަބަބުން ޖެހިގެންއައި ދުވަހު ސަނާ ގަނެފައިހުރި ބުރުގާ ތަކުން ބުރުގަލެއް އަޅައި، ދުވަހަކުވެސް ބުރުގާ ނުބޭލުމަށް އަޒުމު ކަނޑައެޅިކަމަށް ސަނާ ބުނެފައިވެ އެވެ.

ސަނާ ޚާން ވަނީ އޭގެ ޖެހިގެން އައި އަހަރު ދީނީ އިލްމުވެރިޔާ މުފްތީ އަނަސް ސައީދާއި ކައިވެނިކޮށްފަ އެވެ. އަދި އެއަށްފަހު އޭނާގެ ފިރިމީހާގެ ފަރާތުން ދީނީ އިލްމު އިތުރަށް އުނގެނި، ދީނާ ގާތްވަމުން އަންނަ ކަމަށް ސަނާ ބުނެފައިވެ އެވެ.

މީގެ ކުރިން ބޮލީވުޑްގެ ބައެއް ލަވަތަކާއި ފިލްމުތައް ސަނާ ޚާން ކުޅެފައިވާއިރު، ކުއްލިގޮތަކަށް މުފްތީ އަނަސްއާއި ކައިވެނިކުރީ ފައިސާގެ ދަހިވެތިކަމުގައި ކަމަށް ބުނެ އާންމުންގެ ގިނަ ބަޔަކު ވަނީ ސަނާ ޚާންއަށް ފާޑުކިޔާފަ އެވެ.

އެހެންނަމަވެސް ސަނާ ބުނީ، އަނަސްއާ ކައިވެނިކުރުމަކީ ކުއްލި ގޮތަކަަށް ދިމާވި ކަމެއް ނޫންކަމަށެވެ. އަދި އަނަސްފަދަ ހެޔޮލަފާ އޯގާތެރި ފިރިޔަކު ލިބުމަށް ސަނާ އަބަދުވެސް ދުއާ ކުރި ކަމަށާއި، އޭނާގެ ދުއާ މާތްﷲ ގަބޫލު ކުރެއްވީ ކަމަށް ސަނާ ވަނީ ބުނެފަ އެވެ.