ފަހަކަށް އައިސް ސޯޝަލް މީޑިއާގައި ބޮލީވުޑްގެ މަޝްހޫރު ތަރި ސާރާ އަލީ ޚާންއާ ގުޅިގެން ދެކެވޭ ވާހަކައަކީ އޭނާގެ ލޯބީގެ ހަޔާތާ ގުޅިގެން ދެކެވޭ ވާހަކަތަކެކެވެ.

އެގޮތުން މީގެ ކުރިން އެކި ތަރިންނާއެކު ސާރާ ލޯބީގެ ގޮތުން ގުޅުން އޮތް ކަމަށް ހަބަރުތަކުގައި ބުނެފައިވެ އެވެ. އެގޮތުން އެންމެ ކުރިން ސާރާގެ ފިލްމީ ކެރިއަރުގައި ލޯބީގެ ގޮތުން ގުޅުނީ، ފިލްމީ ތަރި ސުޝާންތް ސިންގް ރާޖްޕޫތްއާ ކަމަށްވެ އެވެ.

އެއަށްފަހު އޭނާ ގުޅުނީ، މަޝްހޫރު ތަރި ކާތިކް އާރްޔަންއާ ކަމަށް ވެސް ހަބަރު ފެތުރިފައިވާއިރު، އެ ދެމީހުންގެ ލޯބީގެ ގުޅުން ނިމުނީ ފޭނުން ހީކުރި ގޮތަކަށް ނޫނެވެ.

އިންޑިއާގައި އާންމުންގެ މަގުބޫލުކަން ހޯދާފައިވާ ޝޯ ކަމަށްވާ "ކޮފީ ވިތް ކަރަން" ގައި އޭނާއަށް ކާތިކް ރީތިކަން ހާމަކޮށްފައިވާއިރު، އެ ދެތަރިން ލޯބީގެ ގޮތުން ގުޅުވުމަށްޓަކައި ފިލްމު ޕްރޮޑިއުސަރުން ވެސް ވަނީ ދެތަރިން އެކީ މަސައްކަތް ކުރުމަށް ފިލްމުުތަކުގައި ވެސް ކާސްޓުކޮށްފަ އެވެ.

ނަމަވެސް ދެ ތަރިންގެ ލޯބީގެ ގުޅުން ނިމިފައިވާއިރު، ސާރާ މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅެނީ އިންޑިއާގެ ކްރިކެޓް ކުޅުންތެރިޔާ ސުބަމް ގިލްއާ ކަމަށްވެ އެވެ.

އެގޮތުން އާންމުންނަށް ވަނީ އެ ދެމީހުން އެކީގައި އެކި ވަގުތުތަކުގައި ފެނިފަ އެވެ. އަދި ދެ މީހުން ވެސް ލޯބީގެ ގޮތުން ގުޅުނީ ކަމަށް ފޭނުން ބުނެ އެވެ.

ސާރާއަކީ ކާމިޔާބު ފިލްމުތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސްދިން ސައިފް އަލީ ޚާން އާއި އަމްރިތާ ސިންގްގެ އަންހެން ދަރިފުޅެވެ. ދެ ތަރިންނެކޭ އެއްފަދައިން ސާރާ ވެސް ފިލްމީ ކެރިއަރުގައި ކުރިއަށްދާއިރު، ސާރާ ވަނީ ކާމިޔާބު ފިލްމުތަކެއް އާންމުނާ ހަމައަށް ގެނެސްދީފަ އެވެ.